ބޭސް އެތެރެކޮށް، ވިއްކުމަށް ސަރުކާރުން އާ ކުންފުންޏެއް އުފެއްދުމުން އެސްޓީއޯގެ ފައިދާ އިތުރުވާނެ ކަމަށް އެ ކުންފުނީގެ ސީއީއޯ އަދި މެނޭޖިން ޑިރެކްޓަރު ޝިމާދު އިބްރާހިމް ވިދާޅުވެއްޖެ އެވެ.
ރޭ އެސްޓީއޯއިން ބޭއްވި އެސްޓީއޯގެ އަހަރީ އާއްމު ޖަލްސާގައި ހިއްސާދާރެއްގެ ސުވާލަކަށް ޖަވާބު ދެއްވަމުން ޝިމާދު ވިދާޅުވީ މިދިޔަ އަހަރުގެ އާމްދަނީގައި ބޭހުގެ ސެގްމަންޓުން ލިބުނީ 1.5 ބިލިއަން ރުފިޔާ ކަމަށެވެ. އަދި އަލަށް ގެނައި ބަދަލާ ގުޅިގެން 50 ޕަސެންޓް އާމްދަނީ ދަށްވާނެ ކަމަށް ބެލެވުނަސް، ބޭހުގެ އިންވެންޓްރީގެ ސަބަބުން ކުންފުނީގެ ފައިދާއަށް ކުރާ އަސަރަށް ބަލާއިރު، އާ ކުންފުންޏެއް އުފެއްދުމުން އެސްޓީއޯގެ ބޮޑެތި ހަރަދުތަކެއް ސަލާމަތްވާނެ ކަމަށް ޝިމާދު ވިދާޅުވި އެވެ.
"މި ސެގްމަންޓުގައި 750 އެއްހާ މުވައްޒަފުން މަސައްކަތް ކުރޭ. މި މުވައްޒަފުންގެ ތެރެއިން ގިނަ ބަޔަކު އާ ކުންފުންޏާ ގުޅޭނެ. އެހެންވެ، ބޮޑު ހަރަދުތަކެއް ކުންފުންޏަށް ސަލާމަތްވާނެ. އެހެންވެ ޕްރޮފިޓަށް ހެޔޮ ބަދަލުތަކެއް އަންނާނެ." ޝިމާދު ވިދާޅުވި އެވެ.
ޝިމާދު ވިދާޅުވީ 2016 ވަނަ އަހަރުން ފެށިގެން ކޮންމެ ރަށެއްގައި ބޭސް ފިހާރަ އެ ކުންފުނިން ހިންގަމުން ދާއިރު، ގިނަ ތަންތަން ހިންގަމުން ދަނީ ގެއްލުމުގައި ކަމަށެވެ. އަދި ކުދި ރަށްރަށުގެ ފިހާރަތަކަށް މުވައްޒަފުން ހޯދުމަކީ ވެސް ދަތިކަމެއް ކަމަށާއި ނަމަވެސް އަލަށް އުފެއްދި "ސްޓޭޓް ފާމަސޫޓިކަލް އެންޑް މެޑިކަލް ސަޕްލައި" ކުންފުނިން އެ މައްސަލަތަކަށް ހައްލު ލިބިގެން ދާނެ ކަމަށް ވިދާޅުވި އެވެ.
ޝިމާދު ވިދާޅުވީ އެ ބަދަލުތަކާ އެކު ވެސް އެސްޓީއޯއަށް ރަޖިސްޓްރީ ކޮށްފައި ހުރި ބޭސްތަކާއި އިތުރު ކޮލެޓީ ބޭސްތައް ރަޖިސްޓްރީ ކުރުމުގެ މަސައްކަތްތަކާއި އެ ބޭސްތައް އިމްޕޯޓް ކުރުމުގެ މަސައްކަތް ވެސް އެސްޓީއޯއިން ކުރާނެ ކަމަށެވެ.
ބޭހުގެ ވިޔަފާރި ކުރުމަށްޓަކައި މިދިޔަ އަހަރުގެ ސެޕްޓެމްބަރު މަހު ރައީސް ޑރ. މުހައްމަދު މުއިއްޒު އުފެއްދެވި "ސްޓޭޓް ފާމަސޫޓިކަލް އެންޑް މެޑިކަލް ސަޕްލައި" ކުންފުނީގެ ދަށަށް އެސްޓީއޯ ބޭސް ފިހާރަތައް ބަދަލު ކުރަން ވަނީ ހަމަޖެހިފަ އެވެ.
އެ ކުންފުންޏަކީ ބޭހާއި މެޑިކަލް ކޮންޒިއުމަބަލްސް އާއި މެޑިކަލް އިކުއިޕްމަންޓް ގަނެ، ރާއްޖެއަށް އެތެރެ ކުރުމާއި އެތަކެތި ރާއްޖޭގެ އެކި ރަށްތަކަށް ފޯރުކޮށްދިނުމުގެ މަސައްކަތް ކުރަން އުފައްދާފައިވާ ކުންފުންޏެކެވެ.
ބޭސް ގެންނަން އާ ކުންފުންޏެއް ހެދުމުން އެސްޓީއޯގެ ފައިދާ އިތުރުވާނެ: ޝިމާދު
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ