ހަ އަހަރަށްފަހު ކްލަބް ގްރީން ސްޓްރީޓްސްގެ ކޯޗުކަމުން ނިސްތާރު ދުރަށް
ހަ އަހަރުގެ ދިގު އަދި ކާމިޔާބު ދަތުރަކަށްފަހު، ކްލަބް ގްރީން ސްޓްރީޓްސްގެ ހެޑް ކޯޗުގެ މަގާމުން އަލީ ނިސްތާރު މުހައްމަދު ވަކިވާން ނިންމައި އެކަން ރަސްމީކޮށް އިއުލާނުކޮށްފިއެވެ. ނިސްތާރު ގްރީން ސްޓްރީޓްސްގެ ހުންގާނާ ހަވާލުވީ 2020 ވަނަ އަހަރު، އެ ޓީމުގެ އޭރުގެ ކޯޗު އަލީ ސުޒޭން މަގާމުން ވަކިވުމާ ގުޅިގެންނެވެ. އެއަށްފަހު ވޭތުވެދިޔަ ހަ އަހަރު ދުވަހު އޭނާ ވަނީ ބޮޑެތި ގޮންޖެހުންތަކަކާއެކުވެސް، އެ ކްލަބުގައި ތައުރީފު ހައްގު ރަނގަޅު މަސައްކަތްތަކެއް ކޮށްފައެވެ. ރާއްޖޭގެ ފުޓްބޯޅައިގެ ވެށީގައި ކޯޗުން އަވަސް އަވަހަށް ބަދަލުވުމުގެ ސަގާފަތެއް އޮތް ނަމަވެސް، ނިސްތާރު ވަނީ ގްރީން ސްޓްރީޓްސްގައި ދިގު މުއްދަތެއް ހޭދަކޮށް، ޓީމަށް ހަމަޖެހުމެއް ހޯދައިދީފައެވެ. ސޯޝަލް މީޑިއާގައި ކުރި ޕޯސްޓެއްގައި ނިސްތާރު ބުނީ، ރާއްޖޭގެ ފުޓްބޯޅައިގައި އެއް ކްލަބެއްގައި މިހާ ދިގު މުއްދަތަކަށް މަސައްކަތް ކުރުމަކީ އާންމު ކަމެއް ނޫން ކަމަށާއި، އެހެންކަމުން ގްރީން ސްޓްރީޓްސްއާއެކު ކުރެވުނު ދަތުރާމެދު އުފާކުރާ ކަމަށެވެ. އަދި ކްލަބުގެ މެނޭޖްމަންޓާއި ކުޅުންތެރިންނަކީ އަބަދުވެސް އޭނާގެ ހިތުގައި ހާއްސަ މަގާމެއް ދެވިފައިވާ ބައެއްކަން ފާހަގަކުރަމުން، ޓީމު އޮތީ ބަދަހި އާއިލާއެއްގެ ގޮތުގައި ކަމަށް އޭނާ ބުންޏެވެ. ''ސަން'' އާއި ވާހަކަދައްކަމުން ކޯޗު ބުނީ މިއީ އަދި ނިމުމެއް ނޫންކަމަށާއި މުސްތަގްބަލުގައި ޕްރިމިއާ ލީގުގެ އިތުރު ކުލަބަކުން ފެނިދާނެ ކަމަށެވެ. އަދި ދިވެހި ފުޓުބޯޅައާ ދުރަށް ނުދާނެކަމުގެ ޔަގީންކަންވެސް ކޯޗު ދީފައިވެއެވެ. ނިސްތާރަކީ ދިވެހި ފުޓްބޯޅައިގައި ޒުވާން ކުޅުންތެރިން ބިނާކުރުމާއި، މެދުފަންތީގެ ޓީމުތައް ގޮވައިގެން ނަތީޖާ ނެރުމުގައި ފާހަގަކޮށްލެވޭ ހުނަރުވެރި ކޯޗެކެވެ. ގްރީން ސްޓްރީޓްސްއާ ހަވާލުވުމުގެ ކުރިން އޭނާ ވަނީ ކްލަބް އީގަލްސް އާއި ބީޖީ ސްޕޯޓްސް ކްލަބުގައި ކޯޗިންގެ މުހިންމު ދައުރުތަކެއް އަދާކޮށްފައެވެ. އޭގެ ފަހުން ދިވެހި ޕްރިމިއާ ލީގުގައި ވާދަކުރި އއ. މާޅޮހާއި ށ. ފޯކައިދޫ ފަދަ އަތޮޅުތެރޭގެ ޓީމުތަކަށް އިރުޝާދުދީ، ބޮޑެތި ކްލަބުތަކަށް ސިހުންގެނައި ވަރުގަދަ ޓީމުތަކެއްގެ ގޮތުގައި އެ ކްލަބްތައް ބިނާކޮށް، ގިނަ ބައެއްގެ ސަމާލުކަން ހޯދިއެވެ. މިފަހަރުގެ ދިވެހި ޕްރިމިއާ ލީގު 10 ޓީމާއެކު ކުރިއަށްދިޔައިރު، ގްރީން ސްޓްރީޓްސް ސީޒަން ނިންމާލީ ތާވަލުގެ 8 ވަނައިގައެވެ. ސީޒަނުގެ ފަހުކޮޅު ކްލަބަށް ދިމާވި އިދާރީ މައްސަލަތަކެއްގެ ތެރެއިން، ނިއު ރޭޑިއަންޓާ ދެކޮޅަށް ކުޅެން އޮތް ފަހު މެޗަށް ޓީމު ހާޒިރުނުވުމުން، އެފްއޭއެމްގެ ޑިސިޕްލިނަރީ ކޮމިޓީން ވަނީ އެ ކްލަބް 50،000 ރުފިޔާއިން ޖޫރިމަނާކޮށް، ކުޅުންތެރިން ރަޖިސްޓްރީ ނުކުރެވޭ ގޮތަށް ޓްރާންސްފާ ބޭނެއް ކުރިމަތިކުރުވާފައެވެ. ނަމަވެސް، އެފްއޭއެމްގެ ނިންމުމުގައި ގްރީންގެ ޕޮއިންޓް އުނިނުކުރުމުގެ ފައިދާ ލިބި، އެ ކްލަބް ސަލާމަތްވެ، ކްލަބް ވެލެންސިއާ ވަނީ ރެލިގޭޓްވެފައެވެ. ގްރީން ސްޓްރީޓްސްއިން ދެން ތައްޔާރުވާނީ އަންނަ ސީޒަނުގެ ޕްރިމިއާ ލީގުން ޖާގަ ހޯދުމަށް ކުޅޭ ހަ ޓީމުގެ ކޮލިފިކޭޝަން ބުރަށެވެ. މި ބުރުން ޖާގަ ކަށަވަރުވެފައިވާ ހަތަރު ޓީމަކީ ޓީސީ ސްޕޯޓްސް ކްލަބް، ގްރީން ސްޓްރީޓްސް، މާލެ ރީޖަންގެ ޗެމްޕިއަން ބިސް ބުރު ސްޕޯޓްސް އަދި ނޯތު ރީޖަންގެ ޗެމްޕިއަން ހއ. ދިއްދޫއެވެ. ބާކީ ދެ ޖާގަ ލިބޭނީ ސެންޓްރަލް އަދި ސައުތު ރީޖަންގެ ޗެމްޕިއަނުންނަށެވެ. މި ހަ ޓީމުގެ މެދުގައި ކުޅެވޭ ކޮލިފިކޭޝަނުން ގަދަ ހަތަރަކަށް ހޮވޭ ޓީމުތަކަށް އަންނަ ސީޒަނުގެ ދިވެހި ޕްރިމިއާ ލީގުން ފުރުސަތު ލިބޭނެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ