ރާއްޖޭގެ ކްރިކެޓް ބޯޑުގެ މިއަހަރުގެ ބްރޯޑްކާސްޓިން ޕާޓްނަރަކަށް އެސްއެސް މީޑިއާ

ކްރިކެޓް ބޯޑް އޮފް މޯލްޑިވްސް (ސީބީއެމް) ގެ މިއަހަރުގެ ބްރޯޑްކާސްޓިން ޕާޓްނަރަކަށް ސަން ސިޔާމް މީޑިއާ (އެސްއެސް މީޑިއާ) ހަމަޖައްސާ އެއްބަސްވުމުގައި ސޮއިކޮށްފިއެވެ. މި އެއްބަސްވުމުގެ ދަށުން މި އަހަރު ބޭއްވުމަށް ހަމަޖެހިފައިވާ އެންމެ ބޮޑު އަދި އެންމެ މުހިންމު މުބާރާތްތަކުގެ ފައިނަލް މެޗުތަކާއި، އަހަރީ "ކްރިކެޓް ނައިޓް" އެސްއެސްޓީވީން ވަގުތުން ގެނެސްދިނުމަށް ވަނީ ހަމަޖެހިފައެވެ. މިއަދު ސަން ސިޔާމް މީޑިއާގައި ބޭއްވި ސޮއިކުރުމުގެ ރަސްމިއްޔާތުގައި އެސްއެސް މީޑިއާގެ ފަރާތުން ސޮއިކުރެއްްވީ ޗީފް އެގްޒެގެޓިވް އޮފިސަރ މުޙައްމަދު އާސިފް (މޮންދު) އެވެ. ކްރިކެޓް ބޯޑުގެ ފަރާތުން ސޮއިކުރެއްވީ ރައީސް މުޙައްމަދު ފައިސަލް އެވެ. ކްރިކެޓް ބޯޑާއި ސަން ސިޔާމް މީޑިއާއާއި ދެމެދު ވެވުނު އެއްބަސްވުމުގެ ތެރެއިން-- ސަން ފޮޓޯ: އާފު ރާއްޖޭގައި ކްރިކެޓުގެ ފޯރި އިތުރުކޮށް، މުބާރާތްތައް ބެލުންތެރިންނާ ހަމައަށް ފުޅާ ދާއިރާއެއްގައި ގެނެސްދިނުމުގެ މަގްސަދުގައި ދެ ފަރާތުގެ ދެމެދުގައި މި ސޮއިކުރެވުނު ބްރޯޑްކާސްޓިންގް އެއްބަސްވުމާއެކު މިއީ ރާއްޖޭގެ ކްރިކެޓްގެ ކުރިމަގަށްޓަކައި ދެ ފަރާތް ގުޅިގެން ފެށި މުހިންމު ގައުމީ މަސައްކަތެކެވެ. މި އެއްބަސްވުމުގެ ދަށުން ސީބީއެމްގެ ކަލަންޑަރުގައި ހިމެނޭ އެންމެ ފާހަގަކޮށްލެވޭ ރަސްމީ ހަ މުބާރާތެއްގެ ފައިނަލް މެޗު އެސްއެސްޓީވީގެ ސްކްރީންތަކުން ވަގުތުން ދެއްކުމަށް ވަނީ ހަމަޖެހިފައެވެ. އޭގެ ތެރޭގައި ރާއްޖޭގެ އެންމެ ވަރުގަދަ ކްލަބުތައް ވާދަކުރާ ޓީ20 ޕްރިމިއާ ލީގުގެ ފައިނަލް މެޗާއި، ޝަރަފުވެރި ޕްރެޒިޑެންޓް ކަޕް ފައިނަލްގެ އިތުރުން ޓީ20 ޗެމްޕިއަންޝިޕް ފައިނަލް މެޗު ހިމެނެއެވެ. މީގެ އިތުރުން ކުރު އަދި އަވަސް ކުޅުމަކަށް ފަރުމާކޮށްފައިވާ ފޯރިގަދަ ޓީ10 ބްލާސްޓް ފައިނަލް، ފަތުރުވެރިކަމުގެ ދާއިރާއަށް ހުޅުވާލައިގެން ބާއްވާ އިންޓަ ރިސޯޓް ޓޭޕް ބޯލް މުބާރާތުގެ ފައިނަލް، އަދި ކްރިކެޓްގެ މުސްތަގުބަލާ ގުޅިފައިވާ ޒުވާން ކުޅުންތެރިންގެ 16 އަހަރުންދަށުގެ ގައުމީ ޓީ20 ޗެމްޕިއަންޝިޕްގެ ފައިނަލް މެޗުވެސް އެސްއެސްޓީވީން ވަގުތުން ގެނެސްދޭނެއެވެ. ހަމައެއާއެކު، އަހަރުގެ އެންމެ މޮޅު ކުޅުންތެރިން ހޮވައި އިނާމު ދިނުމަށް ބާއްވާ ކްރިކެޓްގެ އެންމެ ބޮޑު ހަފްލާ "ކްރިކެޓް ނައިޓް" ވެސް މުޅި ރާއްޖެއަށް ވަގުތުން ދެއްކުމަށް ވަނީ ހަމަޖެހިފައެވެ. މި ގުޅުމުގެ ތެރެއިން އެސްއެސްޓީވީއަށް ވެސް ބޮޑެތި އިތުރު ފުރުސަތުތަކެއް ސީބީއެމްއިން ވަނީ ފަހިކޮށްދީފައެވެ. މިއީ ކްރިކެޓް ބޯޑާއެކު އެސްއެސް މީޑިއާގެ ފުރަތަމަ އެއްބަސްވުމެވެ. މިއަހަރުގެ މިހާތަނަށް ކްރިކެޓްގެ އިތުރުން ސަން ސިޔާމް މީޑިއާއިން ވަނީ ގިނަ މުބާރާތްތަކަކާއި ކުޅިވަރުގެ ގިނަ ހަރަކާތްތަކެއް ރާއްޖޭގެ އެކި ކަންކޮޅުތަކުން ވަގުތުން ގެނެސްދީފައެވެ. އަދި މިއަހަރުގެ ބާކީ އޮތް މުއްދަތުގެ ތެރޭގައިވެސް ގިނަ ހަރަކާތްތަކެއް ވަގުތުން ގެނެސްދިނުމަށް ވަނީ ނިންމާފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ