އައިޝާ ޑޮކިއުމެންޓަރީ ދައުރުކުރުން މަނާކޮށް، އެ ޑޮކިއުމަންޓްރީގައި ދައްކާފައިވާ އެއްވެސް ވާހަކައެއް އެއްވެސް ތަނެއްގައި ނުދެއްކުމަށް އަންގައި ހުރިހައި ރައްޔިތުންގެ މައްޗަށް ކްރިމިނަލް ކޯޓުން ނެރުނު އަމުރު، އެ އަމުރު ރައްދުވާ އަދަދު ނޫހުގެ ސީއީއޯ ސައިން ފިޔާޒު މޫސާގެ ފަރާތުން ހައި ކޯޓުގައި އިސްތިއުނާފުކޮށްފި އެވެ.
ކްރިމިނަލް ކޯޓުގެ ގާޒީ މުޒައްމިލު ނާސިރު ނެރުއްވި އެ އަމުރު ރައްދުަވަނީ ފިޔާޒު އާއި އެޑިޓަރު ހަސަން މުހައްމަދު އަދި ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހަށެވެ. އެ ގެގް އޯޑަރު ނެރުނީ ފިޔާޒު އާއި ހަސަންގެ މައްޗަށް ގާނޫނުލްއުގޫބާތުގެ 612 ވަނަ މާއްދާގެ ދަށުން ގަޒުފުކުރުމުގެ ދައުވާ އުފުލިފައިވާތީ ކްރިމިނަލް ކޯޓުން އެ މައްސަލަ ބަލަމުންދާތީ އެވެ.
އެ މައްސަލަ މޯލްޑިވްސް ޖާނަލިސްޓްސް އެސޯސިއޭޝަން (އެމްޖޭއޭ) އިން ހައި ކޯޓުގައި އިސްތިއުނާފު ކުރުމުން އެ މައްސަލަ ބަލައިގެންފައި ނުވެ އެވެ. އެއީ އެންމެން ތަބާވާން ޖެހޭ އަމުަރަކަށް ވީ ނަމަވެސް މައްސަލަ އިސްތިއުނާފު ކުރެވޭނީ މައްސަލަ ނިސްބަތްވާ ފަރާތްތަކަށް ކަމަށް ހައި ކޯޓުން ނިންމި އެވެ.
އެ އަމުރަކީ ނޫސްވެރިކަމުގެ މިނިވަންކަމާއި ހިޔާލުފާޅުކުރުމުގެ މިނިވަންކަމަށް ހުރަސްއެޅޭ ގޮތަށް ނެރެފައިވާ އަމުރެއް ކަމަށް ބުނެ އެމްޖޭއޭއިން އިސްތިއުނާފު ކުރީ މެއި 14، ގަ އެވެ. އެ މައްސަލަ ބަލައިނުގަތުމަށް ރެޖިސްޓްރާ ނިންމި ނިންމުން ފަނޑިޔާރުންގެ މަޖިލީހުގައި އިސްތިއުނާފު ކުރުމަށް ވެސް ދަނީ މަސައްކަތް ކުރަމުންނެވެ.
ކްރިމިނަލް ކޯޓުގެ ގެގް އޯޑަރުގައި ބަޔާންކޮށްފައިވާ ގޮތުގައި، މި މައްސަލައިގެ ހަސްމުންނާއި ކުށުގެ ޝިކާރައަށްވީ ފަރާތާ ގުޅުވައިގެން އެއްވެސް ވާހަކައެއް ދެއްކުމަކީ މަނާކަމެކެވެ. އަދި މުޖުތަމައުގެ އަހުލާގީ މިންގަނޑުތައް ހިފެހެއްޓުމުގެ މުހިންމުކަމަށް ރިއާޔަތްކޮށް، މި މައްސަލައިގެ ޝަރީއަތް ކުރިއަށްގެންދިއުމަށް ނިންމާފައިވަނީ އާންމުކޮށް ހުޅުވާނުލައި ސިއްރު ޝަރީއަތެއްގެ ގޮތުގައި ކަމަށް ވެސް އެ އަމުރުގައި ބަޔާންކޮށްފައި ވެ އެވެ. މި މައްސަލައާ ގުޅޭ އެއްވެސް ލިޔެކިޔުމެއް ނުވަތަ މައުލޫމާތެއް އެއްވެސް ސިފައެއްގައި ފެތުރުމަކީ ކޯޓު އަމުރާ ހިލާފުވުން ކަމުގައި ވެސް އެ އަމުރުގައި ކަނޑައަޅައިފައި ވެ އެވެ.
މި މައްސަލައާ ގުޅިގެން ގިނަ ބައެއްގެ ފާޑުކިޔުން ކޯޓަށް އަމާޒުވެފައިވާއިރު، ގާނޫނީ މާހިރުން ވެސް އަންނަނީ މި އަމުރުގެ ގާނޫނީ ސައްހަކަމާ މެދު ސުވާލު އުފައްދަމުންނެވެ. ވަކިން ހާއްސަކޮށް، ޝަރީއަތުގައި ހިމެނޭ ހަސްމުންގެ އިތުރުން މުޅި ރައްޔިތުންގެ މައްޗަށް މިފަދަ އަމުރެއް ހިންގުމަކީ ގާނޫނުއަސާސީން ކަށަވަރުކޮށްދޭ ހިޔާލުފާޅުކުރުމުގެ މިނިވަންކަމާ ފުށުއަރާ ކަމެއްގެ ގޮތުގައި ގާނޫނީ ދާއިރާގެ ބޭފުޅުން ފާހަގަކުރައްވަ އެވެ.
"އައިޝާ" ޑޮކިއުމެންޓްރީގެ ވާހަކަ ދެއްކުން މަނާކުރި އަމުރު ފިޔާޒުގެ ފަރާތުން އިސްއިތުނާފުކޮށްފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ