ލީޑާޝިޕެއް ބިނާކުރަންވާނީ އުންމީދާއި އަމަލީ މަސައްކަތް އިސްކޮށްގެން: ޝާހިދު
ލީޑާޝިޕެއް ބައްޓަންކުރާއިރު، އެ ލީޑާޝިޕް ވާންވާނީ އުއްމީދުން ފުރިގެންވާ އަދި އަމަލީ މަސައްކަތުން ވަރުގަދަކުރެވިފައިވާ ލީޑަޝިޕަކަށްކަމަށް ކުރީގެ ފޮރިން މިނިސްޓަރު އަދި އދ.ގެ އާންމު މަޖިލީހުގެ ކުރީގެ ރައީސް އަބްދުﷲ ޝާހިދު މިއަދު ވިދާޅުވެއްޖެއެވެ. މިއަދު ފެށި "މޮޑެލް ޔުނައިޓެޑް ނޭޝަންސް"ގައި އދ.ގެ 76 ވަނަ އާންމު މަޖިލީހުގެ ރައީސްކަން ކުރެއްވި ބޭފުޅާގެ ހައިސިއްޔަތުން ޝާހިދު، އެ ކޮންފަރެންސްގައި ވިދާޅުވީ އޭނާގެ ދައުރުގައި "އުއްމީދުގެ ރިޔާސަތު" ގެ ޝިއާރާ އެކު ކުރިއަށް ދިޔައީ މި ފަހުން ދުނިޔެ ދުށް އެންމެ ދަތި އުނދަގޫ ވަގުތުތަކުގެ ތެރޭގައިކަމަށެވެ. އެގޮތުން އޭނާގެ ދައުރުގައި ކޯވިޑް-19 ގެ ބަލިމަޑުކަމާއި، ރަޝިޔާއިން ޔޫކްރެއިނަށް ދިން ހަމަލާތައް ވެސް ކުރިމަތިވި ކަމަށް ވިދާޅުވިއެވެ. މީގެ އިތުރުން މިއަދު މޫސުމީ ބަދަލުގެ ނުތަނަވަސްކަން އިތުރުވުމާއި، "ލަފްޒީ ގޮތުންނާއި މަޖާޒީ ގޮތުން ވެސް ދުނިޔޭގެ އޮއިވަރު ބަދަލުވެ، ނުރައްކާ އިތުރުވަމުންދާ" ކަމުގެ އިންޒާރު އޭނާ ދެއްވިއެވެ. މީގެ އިތުރުން ޝާހިދު ވިދާޅުވީ، އުއްމީދު ކަނޑާލައިގެން ނުވާނެ ކަމަށެވެ. އައު އީޖާދުތައް ކުރުމާއި، އެކަތިގަނޑަކަށް ވުމާއި، އުޖާލާ މުސްތަޤުބަލެއް ބިނާކުރުމުގެ ގާބިލުކަން ލިބިގެންވާ ކަމަށް އޭނާ ވިދާޅުވިއެވެ. "އަޅުގަނޑުމެންނަށް މޫސުމީ ބަދަލުތަކަކީ ހަމައެކަނި ކޮންފަރެންސް ހޯލްތަކުގައި ބަހުސްކުރެވޭ ދުރު ތިއަރީއެއް ނޫން. އެއީ އަޅުގަނޑުމެން ތަހައްމަލު ކުރަމުންދާ ހަޤީޤަތެއް،" ރާއްޖެއާ ބެހޭގޮތުން ވާހަކަދައްކަވަމުން ޝާހިދު ވިދާޅުވިއެވެ. ރާއްޖެއަކީ ކެތްތެރިކަމާއި، ދެމެހެއްޓެނިވި ތަރައްގީއާއި، އަދި ބައިނަލްއަޤުވާމީ ގުޅުންތައް ދެމެހެއްޓުމުގެ ނަމޫނާއެއް ކަމަށް ޝާހިދު ސިފަކުރެއްވިއެވެ. މީގެ އިތުރުން، ފަތުރުވެރިކަމަކީ ރާއްޖެ ދުނިޔެއަށް ހުޅުވާލަދީ، މިއަދުވެސް ދުނިޔެއާ ގުޅުވައިދޭ މައިގަނޑު ފާލަން ކަމަށް ވިދާޅުވެ އެ ދާއިރާއަށް ތައުރީފު ކުރެއްވިއެވެ. "ތިޔަބޭފުޅުންނަކީ ހަމައެކަނި މުސްތަޤުބަލެއް ނޫން، ތިޔައީ މިހާރުގެ ވެސް ބައިވެރިން. ތިޔަބޭފުޅުންނަކީ ތިޔަ ދިރިއުޅޭ ދުނިޔެ ބައްޓަންކުރާ ފަރުމާވެރިން،" ޝާހިދުވަނީ ބައިބައިވުމުގެ ބަދަލުގައި ޑިޕްލޮމަސީ އިޚްތިޔާރު ކުރުމަށާއި، ހަމަނުޖެހުމުގެ ބަދަލުގައި އެއްބާރުލުން އިސްކުރުމަށާއި، ކުރު މުއްދަތުގެ ފައިދާއަށްވުރެ ދެމެހެއްޓެނިވި ގޮތްތަކަށް އިސްކަންދިނުމަށް އިލްތިމާސް ކުރައްވައިފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ