އެސްޓީއޯގެ އައުޓްލެޓްތަކުން ވިޔަފާރި ކުރައްވާ ފަރާތްތަކަށް ހާއްސަ އިނާޔަތްތަކެއް ދިނުމަށްޓަކައި "މައި އެސްޓީއޯ ލޯޔަލްޓީ" ގެ ނަމުގައި ހާއްސަ ޕްރޮގްރާމެއް އެކުންފުނިން އިފްތިތާޙްކޮށްފިއެވެ. މި ޕްރޮގްރާމް ރަސްމީކޮށް އިފްތިތާޙްކޮށްފައިވަނީ އެސްޓީއޯގެ މިއަހަރުގެ އަހަރީ އާންމު ޖަލްސާގެ ތެރެއިންނެވެ.
މި ޕްރޮގްރާމަކީ މިދިޔަ އަހަރުގެ އަހަރީ އާންމު ޖަލްސާގައި ކުންފުނީގެ ހިއްސާދާރުންގެ ފަރާތުން ހުށަހެޅި ހުށަހެޅުމަކަށް ބިނާކޮށް ފަރުމާކޮށްފައިވާ ޕްރޮގްރާމެކެވެ. މިވަގުތު މި ޕްރޮގްރާމުގައި ބައިވެރިކޮށްފައިވަނީ ވަކިވަކި ފަރުދުންގެ ގޮތުގައި ތިބި އެސްޓީއޯގެ ހިއްސާދާރުންނެވެ. ހިއްސާދާރުން މި ޕްރޮގްރާމުގައި ރެޖިސްޓަރ ކޮށްފައިވަނީ އެންމެ މަތީ ދަރަޖަ ކަމަށްވާ "ޕްލެޓިނަމް" ގައެވެ. ހިއްސާދާރުންނަށް މިހާރު ޝެއަރ ހޯލްޑަރ ޕޯޓަލް މެދުވެރިކޮށް ލޯޔަލްޓީ ކާޑު ކްލެއިމް ކުރެވޭނެ ކަމަށް އެސްޓީއޯއިން މަޢުލޫމާތުދެއެވެ.
އެސްޓީއޯގެ ލޯޔަލްޓީ ޕްރޮގްރާމް ބަހާލާފައިވަނީ ޖުމްލަ ތިން ދަރަޖައަކަށެވެ. އެއީ ސިލްވަރ، ގޯލްޑް އަދި ޕްލެޓިނަމް އެވެ. ކޮންމެ ދަރަޖައަކުންވެސް އެސްޓީއޯގެ ކަނޑައެޅޭ އައުޓްލެޓްތަކުން ވިޔަފާރިކޮށްގެން ޕޮއިންޓް އެއްކުރެވޭނެއެވެ. ވިޔަފާރިކުރާ މިންވަރަށް ބަލައި ކާޑުގެ ދަރަޖަ މަތިވަމުންދާނެ ކަމަށާއި، އެއްކުރާ ޕޮއިންޓްތައް އަނބުރާ ވިޔަފާރި ކުރުމުގައި ފައިސާގެ ގޮތުގައި ބޭނުންކުރެވޭނެ ކަމަށް އެސްޓީއޯއިން ވިދާޅުވިއެވެ.
ޕޮއިންޓް ގުނަކުރާ ނިސްބަތަށް ބަލާއިރު، ސިލްވަރ ދަރަޖައިގައި ޕޮއިންޓް ގުނަ ނުކުރެވުނު ނަމަވެސް، ގޯލްޑް ކާޑުތަކަށް 1.5 ނިސްބަތުން އަދި ޕްލެޓިނަމް ކާޑުތަކަށް 2 ގުނައަށް ޕޮއިންޓް ލިބޭނެއެވެ. ކޮންމެ ކާޑެއްގައިވެސް 200 ޕޮއިންޓް ހަމަވުމުން އެ ޕޮއިންޓްތައް ބޭނުންކޮށްގެން ވިޔަފާރި ކުރެވޭނެއެވެ. މި ޕޮއިންޓްތައް ބޭނުންކުރުމަށް 2 އަހަރު ދުވަހުގެ މުއްދަތެއް ލިބޭނެއެވެ.
މިވަގުތު މި ލޯޔަލްޓީ ކާޑު ބޭނުންކޮށްގެން ވިޔަފާރިކުރެވޭނީ އެސްޓީއޯ ޕީޕަލްސް ޗޮއިސް (މާލެ އަދި ހުޅުމާލެ)، އެސްޓީއޯ މަކިޓާ ޝޯވ ރޫމް، އަދި އެސްޓީއޯ ކޮންސްޓްރަކްޝަންސް ހުޅުމާލެ ޝޯވ ރޫމުންނެވެ.
އެސްޓީއޯއިން ވިދާޅުވީ މިވަގުތު ހަމައެކަނި ހިއްސާދާރުންނަށް މި ފުރުސަތު އޮތް ނަމަވެސް، ކުރިމަގުގައި އާންމު ކަސްޓަމަރުންނަށްވެސް މި ލޯޔަލްޓީ ޕްރޮގްރާމުގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލާނެ ކަމަށެވެ.
އެސްޓީއޯގެ ހިއްސާދާރުންނަށް އިނާޔަތް ލިބޭ ލޯޔަލްޓީ ޕްރޮގްރާމެއް އިފްތިތާޙްކޮށްފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ