ފަލަސްތީނުގެ ރައީސް މަހްމޫދު އައްބާސްގެ ދަރިކަލުން، ފަތަހަ ޖަމާއަތުގެ ނިންމުންތައް ނިންމާ އެންމެ މަތީ މަޖިލީހުގެ ގޮނޑިއެއް ކާމިޔާބު ކުރައްވައިފި އެވެ.
އޭނާ މި މަގާމު ހޯއްދެވީ ގިނަ އަހަރުތަކަކަށް ފަހު އެ ހަރަކާތުން ބޭއްވި ފުރަތަމަ ކޮންގްރެސްގަ އެވެ.
އުމުރުން 64 އަހަރުގެ ޔާސިރު އައްބާސް އަކީ ވިޔަފާރިވެރިއެކެވެ. އޭނާ ގިނައިން އުޅުއްވަނީ ކެނެޑާގަ އެވެ. އޭނާ ފަތަހަ ޖަމާއަތުގެ މައި ކޮމިޓީން ޖާގައެއް ކަށަވަރު ކުރެއްވީ، މީގެ ފަސް އަހަރު ކުރިން ބައްޕާފުޅުގެ "ހާއްސަ މަންދޫބު" ގެ މަގާމަށް އައްޔަންކުރި ހިސާބުން ސިޔާސީ މައިދާނަށް މަޑުމަޑުން ނުކުންނަވަން ފެއްޓެވުމަށް ފަހުގަ އެވެ.
އޭއެފްޕީ ނިއުސް އެޖެންސީއަށް ލިބިފައިވާ ނަތީޖާތަކަށް ބަލާއިރު، އިޒްރޭލުން ޖަލަށް ލާފައިވާ ފަތަހަ ޖަމާއަތުގެ ލީޑަރު މަރުވާން ބަރްޣޫތީ ވަނީ އެންމެ ގިނަ ވޯޓާ އެކު ކުރި ހޯއްދަވައި، ސެންޓްރަލް ކޮމިޓީގެ ގޮނޑި ދިފާއުކުރައްވައިފަ އެވެ.
މީގެ އިތުރުން، ޖިބްރީލް ރާޖޫބު ވަނީ 2017 ވަނަ އަހަރުން ފެށިގެން އޭނާ ފުރަމުންދިޔަ ސެންޓްރަލް ކޮމިޓީގެ ސެކްރެޓަރީ ޖެނެރަލްގެ މަގާމަށް އަލުން އިންތިޚާބުވެވަޑައިގެންފަ އެވެ. ފަލަސްތީނުގެ ނައިބު ރައީސް ހުސައިން އަލްޝައިޚް، ފަތަހަ ޖަމާއަތުގެ ޑެޕިއުޓީ ލީޑަރު މަހްމޫދު އަލްއަލޫލް އަދި ފަލަސްތީނުގެ އިންޓެލިޖެންސްގެ ކުރީގެ ވެރިޔާ ތައުފީގް ތިރާވީ ވެސް ވަނީ އެ ކޮމިޓީގެ ގޮނޑިތައް ދަމަހައްޓަވައިފަ އެވެ.
މިފަހަރު އަލަށް ހޮވުނު މީހުންގެ ތެރޭގައި ޒަކަރިއްޔާ ޒުބައިދީ، 50، ހިމެނެ އެވެ. އޭނާއަކީ ޖިނީން ރެފިއުޖީ ކޭމްޕްގައި ހަރަކާތްތެރިވާ ފަތަހަ ޖަމާއަތުގެ ހަތިޔާރުއެޅި ގޮފި ކަމަށްވާ އަގްސާ ބްރިގޭޑްސްގެ ކުރީގެ ކޮމާންޑަރެކެވެ. އޭނާ އިޒްރޭލުގެ ޖަލުން މިނިވަންވީ މިދިޔަ އަހަރު ހަމާސް ޖަމާއަތާ އެކު ހެދި އަސީރުން ބަދަލުކުރުމުގެ އެއްބަސްވުމެއްގެ ދަށުންނެވެ.
މި ކޮމިޓީން ދެ އަންހެން ބޭފުޅުން ވެސް ގޮނޑި ކާމިޔާބު ކުރެއްވި އެވެ. އޭގެ ތެރޭގައި ރާމަﷲގެ ގަވަރުނަރު ލައިލާ ޣައްނާމް ހިމެނެ އެވެ.
ކޮންގްރެސް އިންތިޒާމުކުރާ ފަރާތްތަކުން ބުނި ގޮތުގައި، ރާމަﷲ، ޣައްޒާ، މިސްރުގެ ގާހިރާ އަދި ލުބްނާންގެ ބައިރޫތުގައި އެއްވަގުތެއްގައި ތިން ދުވަހުގެ މުއްދަތަށް ބޭއްވި މި ކޮންގްރެސްގައި 2,507 މީހުން ވޯޓު ދިނެވެ. މިއީ ޕާޓީގައި ވޯޓު ލެވޭ މީހުންގެ 94.64 ޕަސެންޓެވެ.
މި އިންތިހާބުގައި ސެންޓްރަލް ކޮމިޓީގެ 18 ގޮނޑިއަށް 59 ކެންޑިޑޭޓުން ވާދަކުރިއިރު، ޕާޓީގެ ޕާލަމެންޓް ކަމަށްވާ ރިވޮލިއުޝަނަރީ ކައުންސިލްގެ 80 ގޮނޑިއަށް 450 މީހުން ވާދަކުރި އެވެ. ކައުންސިލްގެ ވޯޓު ގުނުމުގެ މަސައްކަތް އަދިވެސް ދަނީ ކުރިއަށެވެ.
ބުރާސްފަތި ދުވަހު ފެށި މި ކޮންގްރެސްގައި، މަހްމޫދު އައްބާސް ވަނީ އަލުން އެ ހަރަކާތުގެ ވެރިޔާގެ މަގާމަށް އިންތިހާ ބުކޮށްފައެވެ. ކޮންގްރެސް ހުޅުވުމުގެ ގޮތުން ދެއްވި ބަޔާނުގައި އޭނާ ވަނީ އިސްލާހީ ފިޔަވަޅުތައް އަޅުއްވައި، ފަސްކޮށްފައި އޮންނަތާ ގިނަ ދުވަސްތަކެއްވީ ރިޔާސީ އަދި ބަރުލަމާނީ އިންތިހާބު ބާއްވާނެ ކަމަށް ވައުދުވެވަޑައިގެންފަ އެވެ.
ފަލަސްތީނުގެ ރައްޔިތުންގެ މެދުގައި މަގުބޫލުކަން ކުޑަވެ، ކޮރަޕްޝަން ނައްތާލުމާއި ސިޔާސީ ގޮތުން ކުރިއެރުމެއް ނެތް ކަމުގެ ތުހުމަތުތައް ބޮޑުވެފައިވާތީ، އިސްލާހީ ބަދަލުތައް ގެނައުމަށާއި އިންތިހާބު ބޭއްވުމަށް ބައިނަލްއަގުވާމީ ގޮތުން އައްބާސް އަދި ފަލަސްތީން ސަރުކާރަށް ވަނީ ފިއްތުން އިތުރުވެފަ އެވެ.
ތާރީހީ ގޮތުން ބަލާއިރު، ފަލަސްތީނުގެ ގިނަ ފެކްޝަންތައް ހިމެނޭ ފަލަސްތީން ލިބަރޭޝަން އޯގަނައިޒޭޝަން (ޕީއެލްއޯ) ގައި އެންމެ ނުފޫޒުގަދަ ބާރަކީ ފަތަހަ ޖަމާއަތެވެ. ނަމަވެސް ހަމާސް އަދި އިސްލާމިކް ޖިހާދު މި ޖަމާއަތަކު ނުހިމެނެ އެވެ.
ވޭތުވެދިޔަ ދިހަވަރަކަށް އަހަރު ތެރޭގައި، އެތެރޭގެ ބައިބައިވުންތަކާއި އިޒްރޭލް-ފަލަސްތީނުގެ ސުލްހައިގެ މަޝްވަރާތައް ހުއްޓިފައި އޮތުމުގެ ސަބަބުން ރައްޔިތުންގެ މާޔޫސްކަން އިތުރުވެ، ފަތަހަ ޖަމާއަތުގެ މަގުބޫލުކަމާއި ނުފޫޒު ވަނީ ވަރަށް ބޮޑަށް ކުޑަވެފަ އެވެ. މި މާޔޫސްކަމުގެ ސަބަބުން، ވާދަވެރި ހަމާސް ޖަމާއަތަށް އޮތް ތާއީދު އިތުރުވެ، 2006 ވަނަ އަހަރު ބޭއްވި އިންތިހާބު ބޮޑު އަޣުލަބިއްޔަތަކުން ހަމާސް އިން ކާމިޔާބުކުރި އެވެ. އަދި އޭގެ ފަހުން ހިނގި ދާހިލީ ކުރިމަތިލުންތަކަށް ފަހު، ޣައްޒާއިން ފަތަހަ ޖަމާއަތް އެއްކޮށް ކަހަލަ ގޮތަކަށް ނައްތާލައި ހަމާސްގެ ކޮންޓްރޯލްގެ ދަށަށް އޮންނަނީ ގެންގޮސްފަ އެވެ. -- އޭއެފްޕީ
އައްބާސްގެ ދަރިކަލުން ފަތަހަ ޖަމާއަތުގެ އިސް މަގާމަކަށް
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ