ތައުލީމް ހާސިލް ކުރުމަށާއި ވަޒީފާ ހޯދަން އެމެރިކާއަށް ދިއުން މިހާރު ރަނގަޅެއް ނޫން : ޖަރުމަނު
ބާލިން (17 މެއި 2026) : އެމެރިކާގައި މިހާރު ކަންތައްތައް ހުރިގޮތުން ތައުލީމް ހާސިލް ކުރުމަށާއި ވަޒީފާ ހޯދަން ޖަރުމަނުގެ ރައްޔިތުން އެމެރިކާއަށް ދިޔުން ރަނގަޅު ނޫންކަމަށް ޖަރުމަނުގެ ޗާންސެލާ ފްރެޑްރިޝް މެޔާޒް ވިދާޅުވެއްޖެއެވެ. ޖަރުމަނުގެ ހުޅަނގު ދެކުނުގައި އޮންނަ ސިޓީއެއްކަމަށްވާ ވޯޓްސްބާގްގައި އޮތް ކެތޮލިކް މަޒުހަބުގެ ދީނީ އެއްވުމެއްގައި ވާހަކަ ދައްކަވަމުން މެޔާޒް ވިދާޅުވީ އެމެރިކާގައި މިހާރު ކަންތައްތައް ހުރިގޮތުން ތައުލީމް ހާސިލް ކުރުމަށާއި ވަޒީފާ ހޯދުމަށް އެމެރިކާއަށް ދިޔުމަށްވުރެ ނުދިޔުން ރަނގަޅުވާނެކަމަށް އޭނާ ދެކެވަޑައިގަންނަވާ ކަމުގައެވެ. "އަހަރެންގެ ދަރިންނަށް އަހަރެން އިލްތިމާސްކުރަނީ ތައުލީމާއި ވަޒީފާގެ ކަންކަމުގައި އެމެރިކާއަށް ނުދިޔުމަށް، އެމެރިކާގައި މިހާރު އޮތީ އިޖުތިމާއީ ގޮތުން ރަނގަޅު މާހައުލެއް ނޫން" މެޔާޒް ވިދާޅުވިއެވެ. އޭނާ ވިދާޅުވިގޮތުގައި މަތީފެންވަރަށް ފަންނީ ތައުލީމް ހާސިލްކޮށްގެން ތިބޭ މީހުންނަށްވެސް އެމެރިކާގައި މިހާރު ވަޒީފާ އެއް ނުލިބެއެވެ. މީގެ އިތުރުން ވަޒީފާ ހޯދަން އެމެރިކާއަށް ހިޖުރަކުރާ ބޭރު މީހުންނަށް ޖެއްސުންކުރުން ތަކާއި ހިތްދަތި ކަންކަމާ ކުރިމަތިލާން ޖެހޭ ކަމަށްވެސް ޖަރުމަނުގެ ޗާންސެލާ މެޔާޒް ވިދާޅުވިއެވެ. މެޔާޒް ވިދާޅުވިގޮތުގައި އެމެރިކާގެ ހާލަތު މިހާރު މިގޮތަށް އޮތްނަމަވެސް ކުރިން އެމެރިކާއަކީ ވަރަށް ރަނގަޅު އަދި މީހުން އެ ގައުމަށް ދާހިތްވި ގައުމެއް ކަމުގައެވެ. ޖަރުމަނުގެ ޗާންސެލާ ގެ މި ވާހަކަތަކަކީ ރައީސް ޑޮނަލްޑް ޓްރަމްޕްގެ ވެރިކަމުގައި އެމެރިކާއާއި ޖަރުމަނުގެ ގުޅުންތައް ގޯސްވެފައިވާ މިންވަރު ހާމަކޮށްދޭ ކަމެއްކަމަށް މުރާސިލުން ބުނެއެވެ. ޖަރުމަނާއި އެމެރިކާގެ ގުޅުންތައް ގޯސްވެފައިވަނީ ޑޮނަލްޑް ޓްރަމްޕް އެމެރިކާގެ ވެރިކަމާ ހަވާލުވެވަޑައިގަތުމަށްފަހު ޔޫރަޕާމެދު ޓްރަމްޕް ގެންގުޅުއްވާ ހަރުކަށި ސިޔާސަތުގެ ސަބަބުން ކަމަށްވަނީ ބެލެވިފައެވެ. މީގެތެރޭގައި ޔޫރަޕްގެ ގައުމުތަކުގެ ހިޖްރައިގެ ސިޔާސަތުތަކާ ދެކޮޅަށް ޓްރަމްޕް ވާހަކަ ދެއްކެވުމާއި ޔޫރަޕްގެ ގައުމުތަކުގެ މުދަލުން އެމެރިކާ ނަފާ ޓެރިފްގެ މިންވަރު އިންތިހާއަށް ބޮޑުކުރުމާއި ޑެންމާކުގެ ސިޔާދަތުގެ ދަށުގައި އޮންނަ ގްރީންލޭންޑް ހިފައި އެތަން އެމެރިކާގެ ތަނަކަށް ހަދާނެކަމުގެ އިންޒާރު ޓްރަމްޕް ދެއްވުން ފަދަ އެތައް ކަމެއް ހިމެނެއެވެ. މީގެއިތުރުން، ޖަރުމަނުގެ ދިފާއުގައި ތިބޭ އެމެރިކާ ސިފައިންގެ ތެރެއިން 5000އަށްވުރެ ގިނަ ސިފައިން އަނބުރައި އެމެރިކާއަށް ގެންދިޔުމަށް ޓްރަމްޕް ނިންމެވުމާއި ނޭޓޯއަށް ޔޫރަޕްގެ ގައުމުތަކުން ކުރަންޖެހޭ ޚަރަދު އެ ގައުމުތަކުގެ ޖީޑީޕީގެ އެއް އިންސައްތައިން ފަސް އިންސައްތައަށް އިތުރުކުރުމަށް ޓްރަމްޕް ޕްރެޝަރު ކުރެއްވުމާއި ނޭޓޯއިން ވަކިވާނެކަމުގެ ބިރުދެއްކުން ފަދަ ކަންކަމަކީވެސް އެމެރިކާއާމެދު ޖަރުމަނުގެ ހިތްހަމަނުޖެހުން ބޮޑުވެގެން ދިޔަކަންކަމެވެ. މި ހިތް ހަމަނުޖެހުންތަކާއެކު ދާދިފަހުން ޖަރުމަނުގެ ޗާންސެލާ ފްރެޑްރިޝް މެޔާޒް ވަނީ އީރާން އާ ދެކޮޅަށް އެމެރިކާ ފެށި ހަނގުރާމައިގައިވެސް އެމެރިކާއަށް މަގްސަދު ހާސިލް ނުވެ އީރާންގެ ކުރިމަތީގައި އެމެރިކާ ނާކާމިޔާބު ވެފައިވާކަމަށް ވިދާޅުވެ ވާހަކަ ދައްކަވާފައެވެ. ޓްރަމްޕްގެ މި ހަނގުރާމައާ ގުޅިގެން އީރާން ވަނީ ހުރުމުޒު ކަނޑުއޮޅި ބަންދުކޮށްފައެެވެ. އީރާން ބަންދުކޮށްފައިވާ ހުރުމުޒު ކަނޑުއޮޅި އަލުން ހުޅުވުމަށް ޖަރުމަނުގެ ކިބައިން ޓްރަމްޕް އެދުނު ނަމަވެސް ޖަރުމަނުވަނީ އެކަމަށް އިޖާބަ ދިނުމަށް ފަސްޖެހި ބަހަނާތައް ދައްކާފައެވެ. އީރާން އާ ދެކޮޅަށް އެމެރިކާ ފެށި ހަނގުރާމައަކީ ޓްރަމްޕް އަމިއްލައަށް ފެށި ހަނގުރާމައެއްކަމަށް މެޔާޒް ސިފަކުރެއްވުމަކީވެސް އެމެރިކާއާއި ޖަރުމަނުގެ ގުޅުންތައް އިތުރަށް ގޯސްވެގެން ދިޔަ ކަމެކެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ