ހައި ކޯޓުގެ ހުކުމަކާ ގުޅިގެން އަލުން ވޯޓު ގުނުމުން ދ. މީދޫ ކައުންސިލްގެ ރައީސްގެ މަގާމުގެ ވޯޓު އެއްވަރުވެފައި ވާތީ އެ ގޮނޑީގެ ވޯޓު އަންނަ ޖޫން މަހު ބާއްވަން އިލެކްޝަންސް ކޮމިޝަނުން (އީސީ) އިން ނިންމައިފި އެވެ.
މިދިޔަ އޭޕްރީލް މަހު ބޭއްވި ލޯކަލް ކައުންސިލްގެ އިންތިހާބުގައި މީދޫ ކައުންސިލްގެ ރައީސް ކަމަށް ވާދަކުރީ ޕީއެންސީގެ ކެންޑިޑޭޓް ސުހާ އިބްރާހިމް އާއި އެމްޑީއޭގެ ކެންޑިޑޭޓް މުހައްމަދު ޝާހިދުގެ އިތުރުން އަމިއްލަ ގޮތުން އިބްރާހިމް ނަސީމެވެ.
އޭގެ ތެރެއިން ސުހާއަށް އެންމެ ފުރަތަމަ ލިބުނީ 393 ވޯޓެވެ. އަދި ޝާހިދަށް ލިބުނީ 392 ވޯޓެވެ. އަމިއްލަ ކެންޑިޑޭޓަށް ލިބުނީ 100 ވޯޓެވެ.
އެ ނަތީޖާގައި އޮއްވައި ސުހާއަށް ލިބުނު ވޯޓެއް އެންމެ ފުރަތަމަ ބާތިލުވީ ލ. ފޮނަދޫގައި ބެހެއްޓި ވޯޓު ފޮއްޓަށް، ވޯޓުލުމުގެ ހައްގު ނެތް މީހަކު ވޯޓުލާފައިވާކަން ސާބިތުވުމުންނެވެ.
އެހެންވެ، ދެ ކެންޑިޑޭޓުންގެ ވޯޓު އެއްވަރުވެފައި ވަނިކޮށް، ފޮނަދޫ ފޮށި އަލުން ގުނުމުން، އެމްޑީއޭގެ ކެންޑިޑޭޓަށް މީދޫ ކައުންސިލްގެ ރައީސްގެ ގޮނޑި ކާމިޔާބުވީ އެންމެ ވޯޓެއްގެ ތަފާތުންނެވެ.
ނަމަވެސް، ސުހާއަށް ލިބުނު ދެ ވޯޓު ކަރުދާހެއް ގޯސްކޮށް ބާތިލްކުރި ކަމަށް ބުނެ، އެ މައްސަލަ އޭނާގެ ފަރާތުން ހައި ކޯޓަށް މައްސަލަ ހުށަހެޅުމުން މިދިޔަ ބުރާސްފަތި ދުވަހު ހައި ކޯޓުން ވަނީ އޭގެ ތެރެއިން އެއް ވޯޓެއް ސައްހަ ކަމަށް ހުކުމްކޮށްފަ އެވެ.
The most trusted news source in the Maldives
އެހެންވެ، ދެ ކެންޑިޑޭޓުންގެ ވޯޓު އެއްވަރުވުމުން އިލެކްޝަންސް ކޮމިޝަނުން އިއްޔެ ކުރި އިއުލާނެއްގައިވަނީ އެ އިންތިހާބުގެ އިތުރު ބުރެއް އަންނަ މަހުގެ 13 ވަނަ ދުވަހު ބާއްވަން ނިންމާފައިވާ ކަމަށެވެ.
އެ ކޮމިޝަނުން ބުނި ގޮތުގައި ވޯޓުލުން ކުރިއަށް ދާނީ އެ ދުވަހުގެ ހެނދުނު 8:00 އިން ހަވީރު 4:00 އަށެވެ. އަދި ވޯޓު ގުނަން ފަށާނީ ހަމަ އެދުވަހު ވޯޓު ނަގާ ނިމޭތާ 30 މިނެޓުގެ ހުސް ވަގުތަަކަށްފަހު ކަމަށް ވެސް އެ ކޮމިޝަނުން ބުންޏެވެ.
The most trusted news source in the Maldives
އިލެކްޝަންސް ކޮމިޝަނުން ބުނި ގޮތުގައި ރަސްމީ ނަތީޖާ އިއުލާން ކުރާނީ އަންނަ މަހުގެ 14 ވަނަ ދުވަހު އެވެ. އަދި ވޯޓާ ގުޅޭގޮތުން ޝަކުވާއެއް އޮތްނަމަ ޝަކުވާ ފޯމު ހުށަހެޅޭނެ ކަމަށް ވެސް އެ ކޮމިޝަނުން ބުންޏެވެ.
މީދޫ ކައުންސިލްގެ ރައީސް ހޮވަން އަންނަ މަހު އަލުން ވޯޓު ނަގަނީ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ