ކުދިން ސޯޝަލް މީޑިއާއަށް ދެވިހިފާ މައްސަލައިގެ ދަޢުވާ ސްނެޕް އާއި ޔޫޓިއުބުން ސުލްހަކޮށްފި
ކުދިން ސޯޝަލް މީޑިއާއަށް ދެވިހިފާ ގޮތަށް އެޕްލިކޭޝަންތައް ފަރުމާކޮށްގެން ދަރިވަރުންނަށް ގެއްލުންދޭ ކަމަށް ބުނެ އެމެރިކާގެ ކެންޓަކީގެ ސްކޫލް ޑިސްޓްރިކްޓަކުން އުފުލާފައިވާ ބޮޑު ދަޢުވާ، ޝަރީޢަތް ފެށެން މަދު ހަފުތާކޮޅަކަށް ވެފައި ވަނިކޮށް ސްނެޕް އާއި ޔޫޓިއުބުން ސުލްހަވެރިކަމާއެކު ކޯޓުން ބޭރުން ނިންމާލައިފި ކަމަށް ބްލޫމްބާގުން ރިޕޯޓްކޮށްފިއެވެ. މިއީ ސޯޝަލް މީޑިއާ ކުންފުނިތަކުގެ ސަބަބުން ކުދިންނަށް ނޭދެވޭ އަސަރުކުރާ ކަމަށް ބުނެ އެމެރިކާގެ އެކި ހިސާބުތަކުގައި ކުރިއަށްދާ ގިނަ ދަޢުވާތަކުގެ ތެރެއިން މައްސަލައެކެވެ. https://sun.mv/221419 މި ދަޢުވާގައި މެޓާ އާއި ޓިކްޓޮކް ވެސް ހިމެނޭއިރު، މިއީ އެންމެ ފުރަތަމަ ޝަރީޢަތް ފެށުމަށް ތާވަލުކުރެވުނު މައްސަލަ ކަމުން ގިނަ ބައެއްގެ ސަމާލުކަން މިއަށް ވަނީ ހުއްޓިފައެވެ. މި މައްސަލައިގެ ޝަރީޢަތް އަންނަ މަހު ކެލިފޯނިއާގެ އޯކްލޭންޑްގައި ފެށުމަށް ތާވަލުކޮށްފައި އޮތް ނަމަވެސް، ޔޫޓިއުބުން ބުނެފައިވަނީ މި މައްސަލަ މިހާރު "އެކުވެރިކަމާއެކު ހައްލުކުރެވިފައިވާ" ކަމަށާއި، ކުދިންގެ އުމުރާ ގުޅޭ ރައްކާތެރި އުފެއްދުންތައް ތައްޔާރުކުރުމުގައި ދެމިތިބޭނެ ކަމަށެވެ. ސްނެޕުން ވެސް ވަނީ މިއީ ސުލްހަވެރި ނިންމުމެއްގެ ގޮތުގައި ސިފަކޮށްފައެވެ. ނަމަވެސް، ނިއުޔޯކާއި ސިއެޓްލް ފަދަ ސިޓީތަކުގެ ސްކޫލް ޑިސްޓްރިކްޓްތަކުން ކުރާ މިފަދަ އެހެން ގިނަ ދަޢުވާތަކަކާ މި ދެ ކުންފުނި އަދިވެސް ކުރިމަތިލާންޖެހެއެވެ. މި އަހަރުގެ ކުރީކޮޅު ވެސް ލޮސް އެންޖެލިސްގައި ކުރިއަށްދިޔަ މިފަދަ ބޮޑު ދަޢުވާއެއް ސްނެޕުން ވަނީ ކޯޓުން ބޭރުން ނިންމާލާފައެވެ. އެ މައްސަލައިގައި ޖޫރީން ނިންމާފައިވަނީ މެޓާ އާއި ޔޫޓިއުބާ ދެކޮޅަށެވެ. ސޯޝަލް މީޑިއާއަށް ދެވިހިފުމަކީ ހަގީގީ ކަމެއް ނޫން ކަމަށް ބުނެ ވަކާލާތުކުރާ މެޓާ ކުންފުނިން، ނިއު މެކްސިކޯގައި ކުރިއަށްދިޔަ ސަލާމަތީ ރައްކާތެރިކަމާ ބެހޭ މަދަނީ ބޮޑު ޝަރީޢަތަކުން ބަލިވުމާ ގުޅިގެން، ދާދިފަހުން ވަނީ 375 މިލިއަން ޑޮލަރުގެ ޖޫރިމަނާއެއް ދެއްކުމަށް ވެސް އަމުރުކޮށްފައެވެ۔ ސޯޝަލް މީޑިއާ އެޕްތަކުގެ ސަބަބުން ކުޑަކުދިންނާއި ޒުވާނުންގެ ނަފްސާނީ ދުޅަހެޔޮކަމަށް ނޭދެވޭ އަސަރުކޮށް، އެ އެޕްތަކަށް ދެވިހިފާ ގޮތަށް އޭގެ އަލްގޮރިދަމްތައް ފަރުމާކޮށްފައިވާ ކަމަށް ބުނެ، ފާއިތުވި އަހަރުތަކުގައި އެމެރިކާގެ އެކި ސްޓޭޓްތަކުގެ ސްކޫލް ޑިސްޓްރިކްޓްތަކާއި ބެލެނިވެރިން ވަނީ ޓެކްނޮލޮޖީ ކުންފުނިތަކާ ދެކޮޅަށް ގިނަ އަދަދެއްގެ ދަޢުވާތައް އުފުލަން ފަށާފައެވެ. މި ދަޢުވާތަކުގައި ބޮޑު ސަމާލުކަމެއް ލިބިފައިވަނީ ފުރާވަރުގެ ކުދިންގެ މެދުގައި އެންމެ މަގުބޫލު ޕްލެޓްފޯމްތައް ކަމަށްވާ އިންސްޓަގްރާމް، ޓިކްޓޮކް، ސްނެޕްޗެޓް އަދި ޔޫޓިއުބަށެވެ. މީގެ ކުރިން ވެސް މިފަދަ ބައެއް މައްސަލަތަކުގައި ކޯޓުތަކުން ކުންފުނިތަކާ ދެކޮޅަށް ހުކުމްކޮށް ބޮޑެތި އަދަދުތަކުން ޖޫރިމަނާކޮށްފައިވާއިރު، ޝަރީޢަތްތަކާ ކުރިމަތިލުމުގެ ބަދަލުގައި ބޮޑެތި ބަދަލުތައްދީގެން ކޯޓުން ބޭރުން މައްސަލަ ހައްލުކުރުމަށް ޓެކް ކުންފުނިތަކުން ދަނީ އިސްކަންދެމުންނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ