މަހުދީގެ ހަނދާނުގައި މިނިސްޓަރު: ސިފައިން ކޮންމެ ކަމަކާ ވެސް ކުރިމަތިލަނީ މަތިވެރި މަގުސަދެއްގައި

ސިފައިންގެ ކޮންމެ މީހަކު ވެސް ކަމަކަށް ކުރިމަތިލާނީ އެ ކަމެއް ހާސިލް ކުރުމުގެ މަތިވެރި މަގުސަދުގައި ވާން ޖެހުނު ކޮންމެ ގުރުބާނީއެއް ވުމަށް ތައްޔާރަށް ތިބެގެން ކަމަށް ޑިފެންސް މިނިސްޓަރު ހަސަން ރަޝީދު މިއަދު ވިދާޅުވެއްޖެ އެވެ.
ޅ. މާފިލާފުށީގައި ބޭއްވި ނޭޝަނަލް ސާވިސް ދަސްވެނިވުމުގެ ދެވަނަ ބުރު ޝަރަފުވެރި ކޮށްދެއްވަމުން މިނިސްޓަރު ހަސަން އެ އިޝާރާތް ކުރެއްވީ ވ. އަލިމަތާ ކައިރިއަށް މިދިޔަ ބުރާސްފަތި ދުވަހު ފީނަން ފޭބުމަށް ފަހު 60 މީޓަރުގެ ފުނުން ހޮހޮޅައެއްގެ ތެރެއަށް ގެއްލުނު އިޓަލީގެ ޑައިވަރުން ހޯދުމުގެ މަސައްކަތުގައި އިއްޔެ އުޅުނު ސްޓާފް ސާޖަންޓް މުހައްމަދު މަހުދީ ނިޔާވެފައިވާތީ އެކަމަށެވެ.
ހަސަން ވިދާޅުވީ، ޑިފެންސް މިނިސްޓަރު ކަމާ މި މަހު ހަވާލުވެވަޑައިގެންނެވި ހިސާބުން ވެސް މަހުދީގެ ހިތްވަރު ފާހަގަވި ކަމަށާއި ކޮންމެ ސިފައިންގެ މީހަކީ ވެސް ހަމަ އެހާމެ ހިތްވަރުގަދަ ބޭފުޅެއް ކަމަށެވެ.
"މިއީ ސިފައިންގެ ދިރިއުޅުން ހުންނަ ގޮތަކީ. ސިފައިން ކަމަކަށް ކުރިމަތިލާނީ އެ ކަމެއް ހާސިލް ކުރުމުގެ މަތިވެރި މަގުސަދުގައި. އެއީ އެ ބޭފުޅުން ވެފައިވާ ހުވާގެ މަތީގައި ދެމި ތިބުމަށްޓަކައި އެ ބޭފުޅުންގެ އަޒުމު ނުގުޑާނެކަން ދައްކުވައިދިނުމަށް ކޮންމެހެން ވެސް އެ ބޭފުޅުންގެ ކިބައިން ފެންނަން ޖެހޭނެ ކަމެއް،" މިނިސްޓަރު ވިދާޅުވި އެވެ.
"އިއްޔެގައި ވެސް ފެނިގެން ދިޔައީ އެ ހިދުމަތް، އެ އަޒުމުގައި ކުރި މަސައްކަތުގެ ތެރޭގައި މި ދެންނަވި [މަހުދީ] އަޅުގަނޑުމެންނާ ވަކިވެގެން ދިޔައީ."
ދިވެހި ކޮންމެ ދަރިއަކީ ވެސް މި ގައުމުގެ ހައްގުގައި ވާން ޖެހުނު ކޮންމެ ގުރުބާނީއެއް ވުމަށް ތައްޔާރަށް ތިބި ބަޔަކަށް ވާން ޖެހޭނެ ކަމަށް ވެސް މިނިސްޓަރު ހަސަން ވިދާޅުވި އެވެ.
މިއަދުގެ އެ ރަސްމިއްޔާތު ފެށުމުގެ ކުރިން ވަނީ މަހުދީގެ ހަނދާނުގައި ހާއްސަ ސުކޫތެއް ގެނެސްފަ އެވެ.
ވ. އަތޮޅުގައި ސަފާރީއަކުން މިދިޔަ ބުރާސްފަތި ދުވަހު ޑައިވިނަށް ގޮސް އުޅެނިކޮށް ގެއްލުނު އިޓަލީގެ ޓޫރިސްޓުން ހޯދުމުގެ މަސައްކަތުގައި އުޅެނިކޮށް ހާލު ދެރަވެ، މަހުދީ ނިޔާވީ އިއްޔެ އެވެ. 
މަހުދީ ވަނީ ޑައިވަރުން ހޯދުމުގެ ސާޗް އެންޑް ރެސްކިއު އޮޕަރޭޝަން ކުރިއަށްދާ ގޮތް ރައީސް ޑރ. މުހައްމަދު މުއިއްޒު މިދިޔަ ހުކުރު ދުވަހުގެ މެންދުރުފަހު އެ ސަރަހައްދަށް ވަޑައިގަތުމުން ދެއްވި ބްރީފިންގައި ވެސް ބައިވެރިވެފަ އެވެ. 
އަލިމަތާ ކައިރީ 60 މީޓަރު ފުނުގައިވާ ކޭވް އެއް ބަލަން ގޮސް އުޅެނިކޮށް ގެއްލުނީ އިޓަލީ ހަތަރު ޓޫރިސްޓުންނާއި އެ މީހުން ގޮވައިގެން ދިޔަ ސަފާރީގައި އުޅޭ އިޓަލީގެ ޑައިވިން އިންސްޓްރަކްޓަރެވެ. އޭގެ ތެރެއިން އެކަކު މަރުވެފައި އޮއްވާ ފެނުނަސް ބާކީ ތިބި ހަތަރު މީހުން އަދިވެސް ނުފެނެ އެވެ.
ހާދިސާ ހިނގި ދުވަހު އެމްއެންޑީއެފުން ބުނީ އެކަކުގެ ހަށިގަނޑު ފެނުނީ ގާތްގަނޑަކަށް 60 މީޓަރު (197 ފޫޓް) އަޑިން ކޭވްގެ ތެރެއިން ކަމަށެވެ. ބާކީ ތިބި ހަތަރު ޑައިވަރުން ވީކަމަށް ލަފާކުރެވެނީ، ދިގުމިނުގައި ގާތްގަނޑަކަށް 200 ފޫޓު ހުންނަ އެ ކޭވްގެ ތެރޭގައި ކަމަށް ވެސް ބުންޏެވެ.
އެތަނުން މީހުން ހޯދުމުގެ މަސައްކަތަކީ ވަރަށް ރިސްކު ބޮޑު އޮޕަރޭޝަނެއް ކަމުން އިއްޔެގެ މަހުދީ ނިޔާވި ހާދިސާއަށްފަހު ވަނީ އެ މީހުން ހޯދުމުގެ މަސައްކަތް ހުއްޓާލައިފަ އެވެ. ނަމަވެސް މިއަދު ފިންލެންޑުގެ ތިން މީހުން ވަނީ އެ މީހުން ހޯދުމުގެ މަސައްކަތަށް އައިސްފަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ