ރާއްޖޭގެ އެމްބަސީއެއް ގާއިމުކޮށްފައި ނެތް މިސްރަށް ޕޮލިސް ކޮމިޝަނަރު އަހުމަދު މުހައްމަދު (ޓޫފޯ) ރަސްމީ ދަތުރެއް ކުރައްވަނީ އެ ގައުމުގައި ހުންނަ ރާއްޖޭގެ އެމްބަސީން އިންތިޒާމުކޮށްގެން ކަމަށް ފުލުހުން ބުނެފި އެވެ.
ފުލުހުންގެ ވެބްސައިޓުގައި ޝާއިއުކޮށްފައިވާ ހަބަރެއްގައި ވާ ގޮތުން އޭނާ އެ ގައުމަށް ދިޔައީ މި މަހުގެ 17 އިން 21 އަށެވެ. މިއީ މިސްރުގައި ހުންނަ ދިވެހިރާއްޖޭގެ އެމްބަސީން އިންތިޒާމުކޮށްގެން ކުރާ ދަތުރެއް ކަމަށް އެ ހަބަރުގައި ބުނެފައިވެ އެވެ.
ނަމަވެސް، ރާއްޖޭގެ އެމްބަސީއެއް މިސްރަކު ގާއިމުކޮށްފައި ނެތެވެ. ފޮރިން މިނިސްޓްރީގެ ވެބްސައިޓުގައި ވެސް ބޭރު ގައުމުތަކުގައި ގާއިމުކޮށްފައި ހުރި މިޝަންތަކުގެ ތެރޭގައި މިސްރުގެ ނަމެއް ނެތެވެ.
މެދުއިރުމަތީ އަދި އެފްރިކާގެ ގައުމުތަކުގެ ތެރެއިން މިވަގުތު ރާއްޖޭގެ އެމްބަސީތައް ހުންނަނީ ސައުދީ އަރަބިއްޔާ އާއި ޔޫއޭއީގަ އެވެ. މިސްރުގައި ރާއްޖޭގެ އޮނަރަރީ ކޮންސިއުލޭޓެއް ހުއްޓެވެ.
"މި ދަތުރުފުޅުގައި، މިސްރުގެ ނޭޝަނަލް ސެކިއުރިޓީ ސެކްޓަރުގެ އިސްވެރިންނާ ބައްދަލުކުރެއްވުމަށް ވަނީ ހަމަޖެހިފަ އެވެ. މީގެ އިތުރުން، ރިހެބިލިޓޭޝަން އެންޑް ކަރެކްޝަނަލް ފެސިލިޓީތަކަށާއި ދިވެހި ފުލުހުންގެ ޚިދުމަތަށް ބޭނުންތެރި ދާއިރާތަކުން ތަމްރީނުދޭ މަރުކަޒުތަކަށް ޒިޔާރަތްކުރެއްވުމަށް ވެސް ވަނީ ހަމަޖެހިފައެވެ" ފުލުހުންގެ ވެބްސައިޓުގައި ބުނެފައިވެ އެވެ.
މިސްރުގެ ރިހެބިލިޓޭޝަން އަދި ކަރެކްޝަނަލް ފެސިލިޓީތަކަށް ޓޫފޯ ޒިޔާރަތް ކުރާއިރު މިސްރަކީ ދުނިޔޭގެ ނިސްބަތުން އިންސާނީ ހައްގުތަކާއި އަދި ވަކިން ހާއްސަކޮށް ކުށްވެރިންގެ ހައްގުތައް އެންމެ ބޮޑަށް ހިފަހައްޓާފައިވާ ގައުމެވެ.
"މި ދަތުރުފުޅުގެ ސަބަބުން މިސްރުގެ އިންޓީރިއާ މިނިސްޓްރީއާއި ދިވެހި ފުލުހުންގެ ޚިދުމަތާ ދެމެދު އޮތް ގުޅުން އިތުރަށް ބަދަހިވެ، ސަލާމަތީ ކަންކަމާއި ގާނޫނު ތަންފީޒުކުރުމުގެ ދާއިރާއިން ދެ ފަރާތުގެ މަސްލަހަތު ހިމެނޭ ކަންކަމުގައި ގުޅިގެން ކުރެވޭ މަސައްކަތްތައް އިތުރުވެގެންދާނެ" ފުލުހުންގެ ވެބްސައިޓުގައި ބުނެފައިވެ އެވެ.
މިސްރަކީ ހިޔާލު ފާޅުކުރުމާއި ނޫސްވެރިކަމުގެ މިނިވަންކަން ވެސް އޮންނަ ގައުމެއް ނޫނެވެ. އެ ގައުމުގައި ސަރުކާރަށް ފާޑުކިޔާ މީހުންނާ ދެކޮޅަށް ވަރަށް ބޮޑެތި ޖަރީމާތައް ސަރުކާރު އިސްވެ އޮވެ ހިންގަ އެވެ.
އެ ކަންކަން ތަންފީޒުކުރަނީ އިންޓީރިއާ މިނިސްޓްރީ އާއި ސަލާމަތީ ބާރުތައް ގުޅިގެންނެވެ. އެގޮތުން، މީހުން ގެއްލުވާލުމާއި، ފޮރުވުމާއި، ގެންދާ މީހުން ބަންދުކުރާ ތަންތަނުގައި އެ މީހުންނަށް އަނިޔާކުރުން ހިމެނެ އެވެ، ބައެއް ބަންދު މީހުން ޝަރީއަތުން ބޭރުން ކަނޑައެޅޭ މަރުގެ އަދަބުތަކުގައި (އެކްސްޓްރާޖުޑީޝަލް އެގްޒެކިއުޝަންސް) މަރާލާފައިވެ އެވެ.
ހިއުމަން ރައިޓްސް ވޮޗުން އަންދާާޒާކުރާ ގޮތުގައި މިދިޔަ އަހަރުގެ ތެރޭގައި ވެސް އެ ގައުމުގެ ޖަލުތަކުގައި 44 އަށްވުރެ ގިނަ މީހުން މަރުވި އެވެ. މިސްރުގައި ކުށްވެރިން ޓޯޗާކޮށް ލާއިންސާނީ އަދަބު ދިނުމަކީ އާންމު ކަމެކެވެ.
ރާއްޖޭގެ އެމްބަސީއެއް ނުހުންނަ މިސްރަށް ޕޮލިސް ކޮމިޝަނަރު ދަނީ އެމްބަސީން އިންތިޒާމުކުރާ ދަތުރެއްގައި ކަމަށް ފުލުހުން ބުނެފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ