މިއަދު ދައުރު ފެށުނު މާލެ ސިޓީ ކައުންސިލަށް އެމްޑީޕީގެ ފަރާތުން ޑެޕިއުޓީ މޭޔަރަކަށް ހަތަރު ބޭފުޅަކު ޝައުގުވެރިވެއްޖެ އެވެ. އަދި އޭގެ ތެރެއިން އެމްޑީޕީން ނެރޭނެ ކެންޑިޑޭޓަކު ކަނޑައެޅުމަށްްޓަކައި އެ ޕާޓީގެ ކައުންސިލަރުންގެ މެދުގައި ވޯޓެއް ނެގުމަށް ނިންމާފައިވާކަން 'ދައުރު'އަށް ވަނީ އެނގިފަ އެވެ.
ވީ ކިހިނެއް؟ - އާ ކައުންސިލަރުން މިއަދު ވަނީ ހުވާކޮށްފަ އެވެ. އަދި ކައުންސިލްގެ ފުރަތަމަ ބައްދަލުވުން މިއަދު އޮންނާނެ އެވެ. އެގޮތުން:
އެ ބައްދަލުވުމުގައި ޑެޕިއުޓީ މޭޔަރަކު ހޮވުން އޮންނާނެ
އާ ކައުންސިލްގެ ސުޕަ މެޖޯރިޓީއެއް އޮތް އެމްޑީޕީގެ ފަރާތުން ޑެޕިއުޓީ މޭޔަރަކަށް މީގެ ކުރިން އަށް ބެފުޅަކު ވަނީ ޝައުގުވެރިކަން ފާޅުކޮށްފައި؛ ނަމަވެސް 'ދައުރު'އަށް އެނގިފައިވާ އެކި މަޝްވަރާތަކަށްފަހު، މިހާރު އެ މަގާމަށް ޝައުގުވެރިކަން އޮތީ އެމްޑީޕީގެ ހަތަރު ކައުންސިލަރުން
ތަފްސީލު - އެމްޑީޕީ ތެރެއިން އެކަކަށްވުރެ ގިނަ ކައުންސިލަރުންގެ ޝައުގުވެރިކަން ޑެޕިއުޓީ މޭޔަރަކަށް އޮތުމުން، މިއަދު އެމްޑީޕީގެ ކައުންސިލަރުންގެ ބައްދަލުވުމެއް ބާއްވައި، ގޮތެއް ނިންމުމަށް އެޕާޓީން ވަނީ ނިންމާފަ އެވެ. އެކަން އެމްޑީޕީގެ ދެ މަސްދަރަކުން 'ދައުރު'އަށް ކަށަވަރުކޮށްދެ އެވެ.
"އެ ބައްދަލުވުމުގައި ނަގާ ވޯޓުން ޑެޕިއުޓީ މޭޔަރަކަށް ޕާޓީން ވާދަ ކުރާނެ މީހަކު ހޮވާނީ. މިއީ ވިޕެއް ނެރުމަށްޓަކައި ބާއްވާ ބައްދަލުވުމެއް،" އެމްޑީޕީގެ އޮފިޝަލަކު ވިދާޅުވި އެވެ.
އެނގިފައިވާ ގޮތުގައި އެ ބައްދަލުވުމުގައި ހަތަރު ބޭފުޅަކު އެ މަގާމަށް ވާދަ ކުރާނެ އެވެ. އެއީ:
މާފަންނު ހުޅަނގު ދާއިރާ މުހައްމަދު ރިލްވާން އަލީ (ރިލޭ) - 1،040 ވޯޓާއެކު އިންތިހާބު ކާމިޔާބުކޮށްފައި ވަނީ، 365 ވޯޓުގެ ފަރަގުން
މާފަންނު މެދު ދާއިރާ އައިޝަތު ހަނާ - 943 ވޯޓާއެކު އިންތިހާބު ކާމިޔާބުކޮށްފައި ވަނީ، 373 ވޯޓުގެ ފަރަގުން
ހުޅުމާލެ އުތުރު ދާއިރާ ފާތިމަތު ޒަހިއްޔާ (ޒާޔާ) - 935 ވޯޓާއެކު އިންތިހާބު ކާމިޔާބުކޮށްފައި ވަނީ، 191 ވޯޓުގެ ފަރަގުން
ހެންވޭރު މެދު ދާއިރާ މީކާއިލް މުހައްމަދު ރިޔާޒު (މިކީ) - 665 ވޯޓާއެކު އިންތިހާބު ކާމިޔާބުކޮށްފައި ވަނީ، 111 ވޯޓުގެ ފަރަގުން
ސަރުކާރު ހިންގާ ޕީއެންސީގެ ފަރާތުން މާލެ ސިޓީ ކައުންސިލަށް އިންތިހާބު ވެފައިވަނީ ދެ ބޭފުޅުންނެވެ. އެއީ:
ހުޅުމާލެ މެދު ދާއިރާއަށް އަހްމަދު ސަނީހް
ވިލިމާލެ ދާއިރާ އިބްރާހިމް ސަމާހް
ޕީއެންސީގެ ފަރާތުން ޑެޕިއުޓީ މޭޔަރަކަށް ވާދަ ކުރައްވަނީ، އެ ދެ ބޭފުޅުންގެ ތެރެއިން ކާކު ކަމެއް އަދި ކަށަވަރެއް ނޫނެވެ.
އެމްޑީޕީން މާލެ ޑެޕިއުޓީ މޭޔަރު ރޭހުގައި 4 މީހުން؛ ވިޕްލައިނެއް ނެރުމަށް ވޯޓެއް ނަގަނީ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ