ފަސްވަނަ ސިވިލް ސާވިސް ކޮންފަރެންސް ޖޫން މަހު ބޭއްވުމަށް ތައްޔާރުވެއްޖެ

ސިވިލް ސާވިސްގެ މަސައްކަތްތައް ތަރުތީބުކުރެވިފައިވާ ނިޒާމުތައް މުރާޖައާކޮށް، ރައްޔިތުންނަށް ފޯރުކޮށްދޭ ހިދުމަތްތަކުގެ ފެންވަރު މަތިކުރުމުގެ މަގުސަދުގައި ބާއްވާ "ސިވިލް ސާވިސް ކޮންފަރެންސް" އަންނަ މަހު ބޭއްވުމަށް ސިވިލް ސާވިސް ކޮމިޝަނުން އިއުލާންކޮށްފިއެވެ. ދެހާސް ސާދަވަނަ އަހަރުން ފެށިގެން ކޮންމެ ދެ އަހަރަކުން އެއް އަހަރު ބާއްވަމުން އަންނަ މި ކޮންފަރެންސްގެ ފަސްވަނަ ބައްދަލުވުން ތާވަލުކުރެވިފައިވަނީ ޖޫން މަހުގެ 13 އިން 15 އަށެވެ. މީގެ ކުރިން މި ކޮންފަރެންސް ބާއްވާފައިވަނީ 2014، 2016، 2018 އަދި 2024 ވަނަ އަހަރުގައެވެ. މި އަހަރުގެ ކޮންފަރެންސަށް ކަނޑައަޅާފައިވާ ޝިޢާރަކީ "ކުރިމަގަށް ތައްޔާރުވެފައިވާ، އިޖާބަދޭ ހިންގުންތެރިކަން - ރައްޔިތުން ބާރުވެރިކުރުވައި، ހަލުވިކަމާއެކު ޚިދުމަތްތައް ހަރުދަނާކުރުން" މިއެވެ. މި ޝިޢާރުގެ ދަށުން، ވެރިކަން ހިންގުމުގެ ނިޒާމު ހަރުދަނާކުރުމާއި، ޚިދުމަތްތަކުގެ ފެންވަރު މަތިކުރުމާއި، ޑިޖިޓަލް ވަސީލަތްތައް ބޭނުންކުރުމުގެ އިތުރުން، މަސައްކަތުގެ މާޙައުލުގެ ރައްކާތެރިކަމާއި ލީޑާޝިޕްގެ ގޮންޖެހުންތަކާ ގުޅޭގޮތުން ފުޅާ ދާއިރާއެއްގައި މަޝްވަރާކުރެވޭނެއެވެ. މި ކޮންފަރެންސްގައި ސިވިލް ސާވިސްގެ އެކި އިދާރާތަކުގެ އިސް މުވައްޒަފުންނާއި، ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ އިތުރުން ސިޓީ އަދި ރަށު ކައުންސިލްތަކުގެ ސެކްރެޓަރީ ޖެނެރަލުން ހިމެނޭހެން ޖުމުލަ 350 ބައިވެރިން ބައިވެރިވުމަށް ވަނީ ހަމަޖެހިފައެވެ. ބައްދަލުވުމުގެ ތެރެއިން ސިވިލް ސަރވިސްގެ ކުރިމަގާ ގުޅޭ 15 ދިރާސާ ކަރުދާހެއް ހުށަހެޅުމަށް ހަމަޖެހިފައިވާއިރު، ގައުމީ އަދި ބައިނަލްއަގުވާމީ ފެންވަރުގެ ހަ ކީ-ނޯޓް ސްޕީކަރުން މައުލޫމާތު ދެއްވާނެއެވެ. ސިވިލް ސާވިސް ކޮމިޝަނުން ބުނިގޮތުގައި މި ކޮންފަރެންސްގެ މައިގަނޑު މަގްސަދަކީ ޚިދުމަތް ދިނުމުގައި ހުރި ގޮންޖެހުންތައް ދެނެގަނެ، ޒަމާނީ ވަސީލަތްތަކާއެކު ރައްޔިތުންނަށް ދެވޭ ޚިދުމަތްތައް ހަރުދަނާކުރުމެވެ. މިގޮތުން ކޮންފަރެންސްގެ ފަހު ދުވަސް ހާއްސަކޮށްފައިވަނީ ދިރާސާ ކަރުދާސްތަކުން ފާހަގަވާ ކަންކަމަށް ރިޢާޔަތްކޮށް، ސިވިލް ސާވިސް ހަރުދަނާކުރުމަށް ގެންނަންޖެހޭ ބަދަލުތައް އެކަށައެޅުމުގެ މަސައްކަތްތަކަށެވެ. މީގެ ކުރިން ބޭއްވުނު ކޮންފަރެންސް ތަކުން ލިބުނު ޚިޔާލުތަކުގެ އަލީގައި ސިވިލް ސާވިސްގެ ނިޒާމަށް ގިނަގުނަ އިސްލާހު ބަދަލުތަކެއް ގެނެވިފައިވާކަން ކޮމިޝަނުން ފާހަގަކުރެއެވެ. މިއަހަރުގެ ކޮންފަރެންސްގެ އަމާޒަކީ ވެސް އައު އީޖާދުތަކާއެކު، ކުރިމަގުގެ ގޮންޖެހުންތަކަށް ތައްޔާރުވެފައިވާ، ރައްޔިތުންނަށް އެންމެ ފުރިހަމަ ޚިދުމަތް ފޯރުކޮށްދޭ އިދާރާއަކަށް ސިވިލް ސަރވިސް ހެދުމެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ