ސާދަ ހަފުތާގެ ތަމްރީނަށް ފަހު، ވަތަނީ ޚިދުމަތުގެ ދެވަނަ ބެޗުން 344 ޒުވާނުން ދަސްވެނިވެއްޖެ
ސާދަ ހަފުތާގެ ތަމްރީނަށް ފަހުގައި، ވަތަނީ ޚިދުމަތުގެ ދެވަނަ ބެޗުން 344 ޒުވާނުން މިއަދު ދަސްވެނިއްޖެއެވެ. އެ ޒުވާނުން ދަސްވެނިވީ، ޅ. މާފިލާފުށީގައި އޮތް ރަސްމިއްޔާތެއްގައެވެ. ވަތަނީ ޚިދުމަތުގެ ދެވަނަ ބެޗުގައި 112 ރަށަކަށް ނިސްބަތްވާ 350 ދަރިވަރުން ބައިވެރިވިއެވެ. އެއީ، 64 އަންހެން ދަރިވަރުންނާއި 286 ފިރިހެން ދަރިވަރުންނެވެ. އެކަމަކު، ޑިފެންސް މިނިސްޓަރު ހަސަން ރަޝީދު ޝަރަފުވެރިކޮށްދެއްވި މި ރަސްމިއްޔާތުގައި، ދަސްވެނިވީ 344 ޒުވާނުންނެވެ. އެ ޒުވާނުން ދަސްވެނިވީ، މާފިލާފުށީގައި ކުރިއަށް ގެންދިޔަ ސާދަ ހަފުތާގެ ތަމްރީނަށް ފަހުގައެވެ. މި ރަސްމިއްޔާތުގައި އެ ކުދިންނަށް ވަނީ، ތަމްރީނު ފުރިހަމަ ކުރި ކަމުގެ ސަނަދެއް ދީފައެވެ. އޭގެއިތުރަށް، ކަނޑައަޅާފައިވާ ވަކި މިންގަނޑެއް ހާސިލުކުރި ދަރިވަރުންނަށް ސިވިކް އެޑިއުކޭޝަން އެންޑް ލީޑަޝިޕާއި، ކޮމިއުނިޓީ ވޮލެންޓިއާ ފަޔާ ފައިޓާ ޕްރޮގްރާމާއި، ބޭސިކް ފަސްޓް އެއިޑުން ސެޓިފިކެޓް ލެވެލް ތިނެއްގެ ސަނަދެއް ވަނީ ދީފައެވެ. ވަތަނީ ޚިދުމަތުގެ ދެވަނަ ބެޗުގައި ދަސްވެނިވި ޒުވާނުންތަކެއް ---- މި ޕްރޮގްރާމުގެ ތެރެއިން، އެ ކުދިންނަށް ވަނީ، އިސްލާމީ އަޚުލާގީ ސިފަތަކާއި އާންމު އިޖުތިމާއި ރިވެތި ސިފަތަކާއި ދިވެހި ގައުމިއްޔަތުގެ މުހިންމު ބައިތައް ކިޔަވައިދީފައެވެ. ޒިންމާދާރު ރައްޔިތެއްގެ ގޮތުގައި އުޅޭނެ ގޮތަކާއި އެކި ހާލަތްތަކުގައި މަސައްކަތްކުރާނެ ހުނަރުތައް އެ ޒުވާނުންނަށް ވަނީ ކިޔައިދީފައެވެ. މި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ޑިފެންސް މިނިސްޓަރު ވިދާޅުވީ، ވަތަނީ ޚިދުމަތުގެ ޕްރޮގްރާމަށް ހުޅުވާލުމުން ދެވަނަ ބުރުގައި 1،700އަށް ވުރެ ގިނަ ޒުވާނުން ކުރިމަތިލި ކަމަށެވެ. އެކަމުން އިނގެނީ، މި ޕްރޮގްރާމަށް ދިވެހި ޒުވާނުންގެ ހުރި ޝައުގުވެރިކަން ކަމަށް މިނިސްޓަރު ވަނީ ވިދާޅުވެފައެވެ. އަދި، މި އަހަރުގެ ތެރޭގައި 350 ދަރިވަރުންގެ އިތުރު ދެ ބެޗެއް ތަމްރީނުވާނެ ކަން ފާހަގަކުރައްވައި، މިނިސްޓަރު ވަނީ ކުރިމަތިލަމުންދާ ތަރުތީބުން ހުރިހާ ޒުވާނުންނަށް ފުރުސަތު ދޭނެ ކަމަށް ވިދާޅުވެފައެވެ. މީގެއިތުރުން، މި ރަސްމިއްޔާތުގައި ދަސްވެނިވި ދަރިވަރުންނަށް މިނިސްޓަރު ވަނީ އިލްތިމާސެއް ކުރައްވާފައެވެ. މިގޮތުން ތަމްރީނުގައި ބުރަ މަސައްކަތުން ހޯދި ނަތީޖާ ހެޔޮ ގޮތުގައި ބޭނުންކުރުމަށް މިނިސްޓަރު ވަނީ އެދިވަޑައިގެންފައެވެ. ވަތަނީ ޚިދުމަތުގެ ދަރިވަރުން ދަސްވެނިވި ރަސްމިއްޔާތުގައި ޑިފެންސް މިނިސްޓަރު ހަސަން ރަޝީދު ވާހަކަދައްކަވަނީ --- "ތިޔަ ކުދިންގެ މައިންބަފައިން ތިޔަ ކުދިންނާ މެދު ކުރަނީ ވަރަށް ފޮނި އުންމީދެއް. އެގޮތުން، މުޖުތަމައުގައި ހިނގާ ނޭދެވޭ ކަންކަމަށް އިޖާބަ ނުދިނުމަކީ ތި ކުދިންގެ މައިންބަފައިން ތި ކުދިންގެ ކިބައިން އެދޭނެ އެންމެ މުހިންމު އެއް ކަންތައް ކަމުގައި ޔަގީން،" މިނިސްޓަރު ވިދާޅުވިއެވެ. ދިވެހިރާއްޖޭގެ ގައުމީ ޚިދުމަތުގެ ޕްރޮގްރާމަކީ، ރައީސް ޑރ. މުޙައްމަދު މުއިއްޒުގެ ޚާއްސަ އިސްނެންގެވުމެކެވެ. މި ޕްރޮގްރާމުގެ ސަބަބުން، ތަމްރީނާއި ތަރުބިއްޔަތު ލިބިފައިވާ ހަރުދަނާ ޒުވާން ޖީލެއް ބިނާކުރުމަކީ ސަރުކާރުގެ މުހިންމު ސިޔާސަތެއް ކަމަށް ރައީސް އޮފީހުން ބުނެއެވެ. https://sun.mv/215976 މި ޕްރޮގްރާމުގެ ފުރަތަމަ ބެޗުގައި 344 ދަރިވަރުން ވަނީ ދަސްވެނިވެފައެވެ. އޭގެތެރެއިން، ބައެއް ދަރިވަރުން ބ. ކިހާދޫގައި ތަމްރީނު ހަދަމުން އަންނައިރު، ބޭނުންވާ ބާކީ ކުދިންނަށް ސަރުކާރުން ވަނީ، އެކި ވަޒީފާތައް ހަމަޖައްސައިދީފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ