ހަޝޯގްޖީގެ މަރުގެ މައްސަލަ ފްރާންސްގެ ފަނޑިޔާރަކު ބަލަން ފަށައިފި

ނޫސްވެރިޔާ ޖަމާލް ހަޝޯގްޖީގެ މަރުގެ މައްސަލައިގެ ތަހުގީގަށް ފަރަންސޭސި ފަނޑިޔާރަކު އައްޔަންކޮށްފައިވާ ކަމަށް އެ ގައުމުގެ ނޭޝަނަލް އެންޓި ޓެރަރިޒަމް ޕްރޮސެކިއުޓާސް އޮފީސް (ޕީއެންއޭޓީ) އިން މިއަދު ނެރުނު ބަޔާނެއްގައި ބުނެފި އެވެ.
އަނިޔާ ކުރުމާއި ގެއްލުވާލުމުގެ ދައުވާ އުފުލާފައި ވަނީ އިންސާނީ ހައްގުތަކަށް މަސައްކަތް ކުރާ، ޓްރަޔަލް އިންޓަނޭޝަނަލް އާއި ރިޕޯޓާސް ވިތައުޓް ބޯޑާސް އިން ހުށަހެޅި ޝަކުވާތައް ބަލައިގަނެވޭނެ ކަމަށް ޕެރިސް ކޯޓް އޮފް އެޕީލް އިން މި މަހު 11 ވަނަ ދުވަހު ކުރި ހުކުމަށް ފަހު އެވެ.
ޕީއެންއޭޓީން ބުނީ ހަޝޯގްޖީގެ ވަޒީފާ އަދާކުރި ޑޯންގެ ފަރާތުން ހުށަހެޅި މައްސަލަ ބަލައި ނުގަނެވޭނެ ކަމަށެވެ.
ހަޝޯގްޖީ މަރާލާފައި ވަނީ 2018 ވަނަ އަހަރުގެ އޮކްޓޫބަރު މަހުގެ ތެރޭގައި ތުރުކީވިލާތުގަ އެވެ.
ފަރަންސޭސި އިންކުއަރީގެ ސަބަބުން މިހާތަނަށް ޖުޑިޝަރީއަށް ނުކުރެވި އޮތް މައްސަލައެއްގައި އާ ގާނޫނީ ފްރޮންޓެއް ކުރިމަތިކުރުވާނެ އެވެ.
ތުރުކީގެ ކޯޓަކުން 2022 ވަނަ އަހަރު ވަނީ ސައުދީއަށް ތުހުމަތު ކުރެވޭ 26 މީހެއްގެ ޝަރީއަތް ހުއްޓާލައި، އެ މީހުންގެ މައްސަލަ ސައުދީ އަރަބިއްޔާއާ ހަވާލުކޮށްފަ އެވެ.
އެމެރިކާގެ ފެޑެރަލް ކޯޓަކުން ވަނީ ހަޝޯގްޖީގެ ލޯބިވެރިޔާ ހުށަހެޅި މަދަނީ މައްސަލަ ބޭރުކޮށްލައިފަ އެވެ. އަދި ޖޯބަޑަން އެމެރިކާގެ ރައީސް ކަމަށް ވަޑައިގަތުމަށް ފަހު އޭނާ ވަނީ ބިން ސަލްމާނަށް އިމިއުނިޓީ ދީފަ އެވެ.
ފަރަންސޭސިވިލާތުގެ ގާނޫނުގައި ފަނޑިޔާރުންނަށް ބޭރު ގައުމުތަކުގައި ހިންގާ ބޮޑެތި ކުށްތަކުގެ ތަހުގީގު ކުރުމުގެ ފުރުސަތު ލިބިފައިވެ އެވެ. އެކަމަކު ދައުވާ އުފުލުމުގައި ތުހުމަތު ކުރެވޭ މީހުން ފަރަންސޭސި ސަރަހައްދުގައި ތިބެން ޖެހެ އެވެ. މިކަމާ ގުޅިގެން ސައުދީ ސަރުކާރުގެ މީޑިއާ އޮފީހުން އަދި ވަކި އެއްޗެއް ނުބުނެ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ