ޓްރަމްޕްގެ ވާހަކަ އީރާނުން ދޮގު ކުރުމުން ތެލުގެ އަގު އަނެއްކާވެސް އުފުލިއްޖެ

ހަނގުރާމަ ހުއްޓާލުމަށް އީރާނާއެކު މަޝްވަރާކުރަމުންދާ ކަމަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވިދާޅުވުމާ ގުޅިގެން ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު ދަށް ވެފައި ވަނިކޮށް, އީރާނުން އެކަން ދޮގުކުރުމުން އަނެއްކާ ވެސް ތެލުގެ އަގު އުފުލިއްޖެއެވެ. އީރާނުގެ ކަރަންޓު އުފައްދާ ކާރުޚާނާތަކާއި ހަކަތައާ ގުޅޭ މަރުކަޒުތަކަށް ހަމަލާދިނުން ފަސްކުރުމަށް އެމެރިކާގެ އަސްކަރިއްޔާއަށް އަންގަވާނެކަމަށާއި ހަނގުރާމަ ހުއްޓާލުމަށް މަޝްވަރާތައް އީރާނާއެކު ކުރަމުން އަންނަ ކަމަށް ޓްރަމްޕް ވިދާޅުވުމާ ގުޅިގެން އިއްޔެ ވަނީ ތެލުގެ އަގު 13 އިންސައްތައަށް ދަށަށް ގޮސްފައެވެ. https://www.sun.mv/219587 ނަމަވެސް އީރާނުން އެ ވާހަކަތައް ދޮގުކުރުމާއެކު މިއަދު ހެނދުނު ބްރެންޓް އޮއިލް ފިއުޗާސްގެ އަގު ވަނީ 3.3 ޕަސަންޓަށް އުފުލި، ފީފާއެއްގެ އަގު 103.20 ޑޮލަރަށް އަރައިފައެވެ. ވެސްޓް ޓެކްސަސް އިންޓަމިޑިއަޓް ކްރޫޑް ފިއުޗާސްގެ އަގު 3.8 ޕަސަންޓަށް އުފުލި ފީފާއެއްގެ އަގު 91.48 ޑޮލަރަށް ވަނީ އުފުލިފައެވެ. ޓްރަމްޕް ވިދާޅުވީ އީރާނުގެ ކަރަންޓު އުފައްދާ ކާރުޚާނާތަކާއި ހަކަތައާ ގުޅޭ މަރުކަޒުތަކަށް ހަމަލާ ދިނުމަށް ރާވާފައިވާ ޕްލޭން ފަސް ދުވަހަށް ފަސްކޮށްފައިވާ ކަމަށެވެ. ނަމަވެސް އެފަދަ މަޝްވަރާތަކެއް އެމެރިކާއާއެކު ކޮށްފައިނުވާ ކަމަށް އީރާނުގެ ޕާލަމެންޓްގެ ރައީސް މުހައްމަދު ބަޤްރު ޤާލިބާފް ސޯޝަލް މީޑިއާގައި ވަނީ ވިދާޅުވެފައެވެ. ރޮއިޓާސް އިން ރިޕޯޓްކޮށްފައިވާ ގޮތުގައި ސީދާ އެމެރިކާ އާއި އީރާނުގެ މަޝްވަރާތައް ނުހިނގާ ނަމަވެސް މިސްރާއި ޕާކިސްތާނާއި ގަލްފް ގައުމުތަކުން ދެ ގައުމުގެ މެދުގައި މެސެޖުތައް ފޯރުކޮށްދީފައިވެއެވެ. އެމެރިކާއާއި އިސްރާއީލުން އީރާނާ ދެކޮޅަށް ދޭ ހަމަލާތަކުގެ ރައްދުގައި ދުނިޔޭގެ ބާޒާރަށް ފަސްބައިކުޅަ އެއްބައި ތެޔޮ ފޯރުކޮށްދޭ މުހިންމު ހުރްމޮޒް ކަނޑުއޮޅިން ދަތުރުކުރުމަށް ބޮޑެތި ހުރަސް ތަކެއް އީރާނުން ކުރުމަތިކުރުމާއެކު، ތެޔޮ ފީފާއެއްގެ އަގު ގާތްގަޑަކަށް 120 ޑޮލަރަށް އުފުލިގެންދިޔައެވެ. ތެލުގެ ދަތިކަން ކުޑަކުރުމަށް ރަޝިޔާ އާއި އީރާނުގެ ތެލަށް އަޅާފައިވާ ދަތިކުރުމުގެ ފިޔަވަޅުތައް އެމެރިކާއިން ވަނީ އުވާލާފައެވެ. ތެލުގެ ރިޒާވް އިތުރަށް ދޫކުރެވޭނެ ގޮތްތަކާ ގުޅޭ ގޮތުން އޭޝިއާއާއ ޔޫރަަޕްގެ ސަރުކާރުތަކާ މަޝްވަރާ ކުރަމުންދާ ކަމަށް އިންޓަނޭޝަނަލް އެނާޖީ އެޖެންސީގެ އެގްޒެކެޓިވް ޑިރެކްޓަރު ފާތިހު ބިރޯލްވެސް ވަނީ ވިދާޅުވެފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ