ރިޔާސީ އިންތިހާބާއި ރައްޔިތުންގެ މަޖިލީހުގެ މެންބަރުން ހޮވުމަށް ބާއްވާ އިންތިހާބު އެއް ދުވަހެއްގައި ބޭއްވުމަށްޓަކައި ހިނގަމުންދާ ރައްޔިތުންގެ މަޖިލީހުގެ ދައުރުގެ މުއްދަތު ކުރުކުރުމަށް ފެނޭތޯ ބެލުމަށް ބާއްވާ ދުސްތޫރީ ރިފަރެންޑަމްއާ ގާތްވަމުންދާއިރު، ވޯޓުލުމުގެ ކުރިން ތިރީގައިވާ ކަންކަމާ މެދު ފުންކޮށް ވިސްނާވަޑައިގަތުން އެދެވިގެންވެ އެވެ. ތިޔަބޭފުޅުންގެ ނިންމެވުމަކީ ގައުމުގެ މުސްތަގުބަލަށް ނުހަނު މުހިންމު އަސަރުތަކެއް ކުރާނޭ ނިންމެވުމަކަށް ވާތީ، މި ނިންމެވުމަކީ މައުލޫމާތުގެ އަލީގައި ނިންމަވާ ނިންމެވުމެއް ކަމަށް ހައްދަވާށެވެ.
ދިވެހިރާއްޖޭގެ ގާނޫނުއަސާސީ ބިނާވެފައިވަނީ ވެރިކަން ހިންގުމުގެ ބާރާއި (ރައީސުލްޖުމްހޫރިއްޔާ)، ގާނޫނު ހެދުމުގެ ބާރާއި (ރައްޔިތުންގެ މަޖިލިސް) އަދި އަދުލު އިންސާފު ގާއިމުކުރުމުގެ ބާރު (ކޯޓުތައް) ސާފުކޮށް ވަކިކުރެވިފައިވާ ނިޒާމެއްގެ މައްޗަށެވެ.
ރިޔާސީ އިންތިހާބާއި މަޖިލިސް އިންތިހާބު އެއް ދުވަހަކު ބޭއްވުމަކީ، މި ދެ ބާރަށް ދެވޭ ދަސްތޫރީ ދައުރު މަސްހުނިވެގެންދާނެ ކަމެކެވެ.
މީގެ ސަބަބުން ކޮންމެ ބާރަކަށް އޮންނަ ވަކިވަކި ގާނޫނީ ހައިސިއްޔަތާއި ބާރާއި މިނިވަންކަމަށް ބުރޫއަރައި، ހަމައެކަނި ދެ އިންތިހާބްގެ ފޯކަސް ރައީސުލްޖުމްހޫރިއްޔާއަކު ހޮވުމަށް ފޯކަސްކުރެވުމުގެ ސަބަބުން މަޖިލިސް މެންބަރުންގެ ވަކިވަކި އިންތިހާބީ ދާއިރާތަކުގެ މަސްލަހަތުތައް ލޯމަތިން ގެއްލި މަޖިލީހުގެ ދާއިރާތަކުގެ ބާރާއި ނުފޫޒަށް އަދި ދާއިރާތަކުގެ ތަރައްގީއާއި ވަކިވަކި މެންބަރުންގެ ޒިންމާތަކަށް ބެލުމުގެ ބަދަލުގައި، ރިޔާސީ ކެނޑިޑޭޓުންގެ ސަބަބުން އުފެދޭ ސިޔާސީ ރޯޅީގެ ކަނޑަށް މަޖިލީހުގެ މެންބަރުންގެ އިންތިހާބުގެ ނަޒަރު ގައަގުވެގެންދާނެ އެވެ.
ތަފާތު ތާރީހެއްގައި ހާއްސަކޮށް ރިޔާސީ ދައުރުގެ މެދުތެރޭގައި ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުތައް ބޭއްވުމުން، ސަރުކާރުގެ މަސައްކަތްތަކާ މެދު އަލުން މުރާޖައާކޮށް ގޮތް ނިންމުމުގެ ފުރުސަތު ރައްޔިތުންނަށް ލިބެ އެވެ.
ނަމަވެސް އިންތިހާބުތައް އެއްކޮށްލުމުން މި ފުރުސަތު ހަނިވެ، ސަރުކާރު ޒިންމާދާރުކުރުވުމަށް އޮންނަ މަގުތައް މަދުވެ އެވެ. އަދި ހުރިހާ ވަސީލަތްތަކާއި ސަމާލުކަމެއް ރިޔާސީ އިންތިހާބަށް ހުސްވެ، މަޖިލިސް ގޮނޑިތަކަށް ވާދަކުރާ ކުދި ޕާޓީތަކަށް އަދި މިނިވަން ކެނޑިޑޭޓުންނަށް އޮންނަ ފުރުސަތު ކުޑަވެގެންދާނެ އެވެ.
ރިޔާސީ އަދި މަޖިލިސް އިންތިހާބު ބާއްވަންޖެހޭ ގޮތުގެ ތަފްސީލީ އުސޫލުތައް ގާނޫނުއަސާސީ އާއި ގާނޫނުތަކުގައި ބަޔާންކޮށްފައިވެ އެވެ. މީގެ ތެރޭގައި ވޯޓުލާ މީހުންގެ ދަފްތަރު ތަރުތީބުކުރުމާއި ދާއިރާތައް ކަނޑައެޅުމާއި އިންތިހާބުގެ ނަޒާހަތްތެރިކަން ކަށަވަރުކުރުން ހިމެނެ އެވެ.
މިފަދަ ބޮޑު ދެ އިންތިހާބު އެއްކޮށްލުމަކީ އިދާރީ ގޮތުން ކުރިމަތިވާނެ ގޮންޖެހުންތައް އިންތިހާއަށް އިތުރުވެ، އިދާރީ ކުށްތައް ހިނގުމާއި އާންމުންނާއި އޮފިޝަލުން އޮޅުންބޮޅުންވުމަށް މަގުފަހިވާނެ ކަމެކެވެ. މީގެ ސަބަބުން އިންތިހާބުގެ ނަތީޖާއަށް އޮންނަ އިތުބާރު ގެއްލި، ދުސްތޫރީ ހަމަތަކާއި ދެފުށް ފެންނަ އުސޫލުތަކަށް ބުރޫއެރުމުގެ ބިރު އެބައޮތެވެ.
އެއްފަހަރާ ދެ އިންތިހާބު ބޭއްވުމަކީ ވޯޓު ކަރުދާހުގެ ބާވަތްތަކާއި ތަމްރީނުތަކާއި ވޯޓުލާ މަރުކަޒުތަކުގެ މަސައްކަތާއި ވޯޓު ގުނުމުގެ މަރުހަލާ ދެގުނަވުމެވެ. މީގެ ސަބަބުން އިދާރީ ގޯސްތައް ހިނގުމާއި ނަތީޖާ އިއުލާންކުރުން ލަސްވުމާއި ޝަކުވާތައް އިތުރުވުމުގެ ފުރުސަތު ބޮޑެވެ. އަދި އިންތިހާބީ މައްސަލަތައް ނިންމުމަށް ޝަރުއީ ނިޒާމަށް ވެސް އިތުރު ބުރައެއް އުފުލަންޖެހޭނެ އެވެ.
ރިޔާސީ އިންތިހާބާއި މަޖިލިސް އިންތިހާބަކީ ތަފާތު ދެ މަގްސަދެއްގައި ބާއްވާ ދެ އިންތިހާބެކެވެ. ރިޔާސީ އިންތިހާބުން ކަނޑައަޅަނީ ދައުލަތުގެ އެންމެ މަތީ ވެރިޔާ އެވެ. މަޖިލިސް އިންތިހާބަކީ ވަކިވަކި ދާއިރާތަކުގެ ރައްޔިތުން ތަމްސީލުކޮށް، ޖަވާބުދާރީވުން ކަށަވަރުކޮށްދޭ އިންތިހާބެކެވެ.
މި ދެ އިންތިހާބު އެއްކޮށްލުމުން، ދާއިރާއެއްގެ މަސްލަހަތަށް ވިސްނުމުގެ ބަދަލުގައި، ރިޔާސީ ކެންޑިޑޭޓަށް ބަލައިގެން ވޯޓުލުމަށް ރައްޔިތުންނަށް މަޖުބޫރުވެ އެވެ. މީގެ ސަބަބުން މަޖިލިސް މެންބަރުންނާއި ރައްޔިތުންނާ ދެމެދު އޮންނަންޖެހޭ ގުޅުން ކުޑަވެ، މަޖިލީހުގެ މިނިވަންކަން ގެއްލިގެންދެ އެވެ.
ދުސްތޫރީ އަދި ސިޔާސީ ފަލްސަފާއަށް ބަލާއިރު މި ގޮތަށް ހެދުމުން ނުކުންނަ ނަތީޖާއަކީ ދައުލަތް ހިންގުމުގެ ނިޒާމު ބަރުލަމާނީ ނިޒާމަށް ބަދަލުވުން ކަމަށް ވެސް މާނަކުރެވިދާނެ އެވެ. އެގޮތަކީ މިހާރު މި އަމަލުކުރަމުންދާ ގާނޫނުއަސާސީގެ ހަމަތަކާ ފުށުއަރާނެ ގޮތެކެވެ.
ގިނަ އިންތިހާބުތަކެއް އެއް ދުވަހަކު ބޭއްވުމުން ވޯޓު ކަރުދާސް ދިގުވެ، ވޯޓުލާ މީހުން ވަރުބަލިވެ، ކެންޑިޑޭޓުންގެ ފެންވަރަށް ބަލައި ވަކިވަކިން ގޮތް ނިންމުމުގެ ބަދަލުގައި ހަމައެކަނި ޕާޓީއަށް ނުވަތަ ރިޔާސީ ކެންޑިޑޭޓަށް ބަލައި ވޯޓުލުން އިތުރުވެ އެވެ. މީގެ ސަބަބުން ރައްޔިތުންގެ ހަގީގީ ވިސްނުން ފާޅުކުރުމަށް ހުރަސްއެޅިގެންދެ އެވެ.
އިންތިހާބުތައް އެއްކޮށްލުމަކީ ވެރިކަމުގައި ހުންނަ ފަރާތަކަށް ދައުލަތުގެ ވަސީލަތްތައް ބޭނުންކޮށްގެން ނަތީޖާއަށް ނުފޫޒު ފޯރުވުމަށް ލިބޭ ބޮޑު ފުރުސަތެކެވެ. ގާނޫނުއަސާސީއަށް ގެންނަ ބަދަލުތަކަކީ ހަރުދަނާ ބަހުސަކަށް ފަހު ކުރަންޖެހޭ ކަމަކަށް ވިޔަސް، އިންތިހާބާ ދިމާކޮށް މިފަދަ ބަދަލުތައް ގެނައުމަކީ ސިޔާސީ މަންފާއަށްޓަކައި ކުރާ ކަމެއްގެ ގޮތުގައި ބެލުމުގެ ފުރުސަތު އޮވެ އެވެ.
ދިވެހިރާއްޖޭގެ ގާނޫނުއަސާސީއަށް ބަދަލު ގެނެވޭނީ މަޖިލީހުގެ ހަތަރުބައިކުޅަ ތިންބައިގެ އަގުލަބިއްޔަތުންނެވެ. އަދި އަސާސީ ހައްގުތަކާއި އިންތިހާބީ އުސޫލުތަކަށް ބަދަލު ގެންނަނަމަ ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓެއް ބާއްވަންޖެހެ އެވެ.
މިފަދަ އަސާސީ ކަންކަމަށް ބަދަލު ގެނައުމަކީ ގާނޫނީ ހަމަޖެހުމަށް ބުރޫއަރައި، ދައުލަތުގެ ބާރުތަކުގެ މެދުގައި އޮންނަ 'ޗެކް އެންޑް ބެލެންސް' ނުވަތަ އެއް ބާރުން އަނެއް ބާރަށް ފާރަވެރިވުމުގެ ނިޒާމު ބަލިކަށިވެދާނެ ކަމެކެވެ.
އެއް ދުވަހަކު ގިނަ ބާރުތަކެއްގެ ނަސީބު ކަނޑައެޅޭއިރު، މައުލޫމާތު ފެތުރުމާއި މުއައްސަސާތަކުގެ މައްޗަށް އޮންނަ ނުފޫޒު ގަދަވެ އެވެ. މީޑިއާގެ މިނިވަންކަމާއި މަދަނީ ޖަމްއިއްޔާތަކުގެ ދައުރު މިފަދަ ހާލަތެއްގައި ހަނިވެ، އިންތިހާބު އިންސާފުވެރިކަމާ އެކު މޮނިޓާ ކުރުމަށް ހުރަސްތަކެއް ކުރިމަތިވެދާނެ އެވެ.
ގާނޫނުއަސާސީގައި ރައީސުލްޖުމްހޫރިއްޔާ އާއި މަޖިލިސް މެންބަރުންގެ ދައުރާއި މަގާމުން ވަކިވުމުގެ އުސޫލުތައް ވަނީ ވަކިވަކިން ކަނޑައަޅާފަ އެވެ. އިންތިހާބުތައް އެއްކޮށްލުމަކީ މަގާމެއް ހުސްވެއްޖެ ހާލަތެއްގައި ނުވަތަ ގާނޫނީ ނިޒާމުގެ ދުވެލި ހިނގުމުގައި އޮޅުންބޮޅުންތަކެއް އުފެދި، ދައުލަތް ހިންގުމުގެ ހަމަޖެހުމަށް ގޮންޖެހުންތަކެއް ކުރިމަތިވެދާނެ ކަމެކެވެ.
ރިފަރެންޑަމުގައި ވޯޓުލުމުގެ ކުރިން ރައްޔިތުން ވިސްނާލަންވާނެ ބައެއް ކަންކަން
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ