ރޯދަ މަހަށް ފަހު ވެސް ބާޒާރުގެ އަގުތައް އެއްވަރެއްގައި، ލުނބޯ އަދި ފިޔާގެ އަގު ދަށްވެއްޖެ

މި އަހަރުގެ ބަރަކާތްތެރި ރަމަޟާން މަސް ނިމިފައިވާއިރު، މާލޭގެ ލޯކަލް މާރުކޭޓާއި ދަތުރުވެރިންގެ މާރުކޭޓުގައި ވިއްކާ ގިނަ ބާވަތްތަކުގެ އަގުތައް ހުރީ އެއްވަރެއްގައި ހިފެހެއްޓިފައެވެ. އާންމުގޮތެއްގައި ރޯދަ މަހަކީ ކާބޯތަކެތީގެ ޑިމާންޑު އިންތިހާއަށް ބޮޑުވެ، ތަކެތީގެ އަގުތައް އުފުލިގެންދާ މަހެއް ނަމަވެސް، މި އަހަރުގެ ރޯދަ މަސް ނިމިގެން ދިޔައިރު ބާޒާރުގައި ގިނަ ތަކެތީގެ އަގުތައް ހުރީ އާންމު ރައްޔިތުންނަށް ގަނެވޭ ފަދަ އެކަށީގެންވާ މިންގަނޑެއްގައެވެ. އާންމު ދިރިއުޅުމުގައި ކޮންމެ ދުވަހަކުވެސް އެންމެ ގިނައިން ބޭނުންކުރާ ބައެއް އަސާސީ ބާވަތްތަކުގެ އަގު މިހާރު ވަނީ ރޯދަ މަހާ އަޅާބަލާއިރު ދަށަށް ގޮސްފައެވެ. މީގެ ތެރެއިންވެސް އެންމެ ބޮޑަށް ފާހަގަކޮށްލެވެނީ ލުނބޯ އަދި ފިޔާގެ އަގަށް އައިސްފައިވާ ހެޔޮ ބަދަލެވެ. މިއަދު ބާޒާރުގައި ތަކެތީގެ އަގުތައް ހުރި ގޮތަށް ބަލާއިރު، ގިނަ ތަކެތީގެ އަގުތައް ހުރީ އާދައިގެ މިންވަރެއްގައެވެ. އެގޮތުން ދިވެހިން އާންމުކޮށް ކެއުމުގައި ބޭނުންކުރާ ކަނޑޫދޫ މިރުސް ކިލޯއެއް އުޅެނީ 230 ރުފިޔާއާއި 280 ރުފިޔާއާ ދެމެދުގެ އަގެއްގައެވެ. އަލުވި ކިލޯއެއް 15 ރުފިޔާއަށް ލިބެން ހުރިއިރު، ބަށި ކިލޯއެއް ލިބެން ހުރީ 50 ރުފިޔާއަށެވެ. މީގެ އިތުރުން މޭވާގެ ބާވަތްތަކަށް ބަލާއިރު، ދިވެހި ކަރާ ކިލޯއެއް 35 ރުފިޔާއަށް ލިބެން އެބަހުއްޓެވެ. އަދި ދޮންކެޔޮ ކިލޯއެއް 45 ރުފިޔާއާއި 50 ރުފިޔާއާ ދެމެދުގެ އަގެއްގައި ހުރިއިރު، ފަޅޯ ކިލޯއެއް ލިބެން ހުރީ 40 ރުފިޔާއަށެވެ. އަލަނާސި ގަނޑެއް 50 ރުފިޔާއަށް ލިބެން ހުރިއިރު، ޕެޝަންފުރުޓް ކިލޯއެއް އުޅެނީ 120 ރުފިޔާއަށެވެ. ކުރުނބާ 30 ރުފިޔާއާއި 40 ރުފިޔާއާ ދެމެދުގެ އަގެއްގައި ލިބެން ހުރިއިރު، ކުރުނބާ ފެން ފުޅިއެއް ލިބެން ހުރީ 120 ރުފިޔާއަށެވެ. މީގެ އިތުރުން ވަޅޯމަސް ކިލޯއެއް ބާޒާރުގައި މިއަދު ވިއްކަމުން ދަނީ 120 ރުފިޔާއަށެވެ. މި އަގުތަކަކީ ރޯދަ މަހުގެ ފަހުކޮޅާ އަޅާބަލާއިރު މާ ބޮޑު ބަދަލެއް އައިސްފައިވާ އަގުތަކެއް ނޫނެވެ. ބާޒާރުގެ އަގުތަކަށް އައިސްފައިވާ ބަދަލުތަކަށް ބަލާއިރު، އެންމެ ބޮޑު އުފަލެއް އާންމުންނަށް ލިބިގެންދިޔައީ ލުނބޯ އަދި ފިޔާގެ އަގު ދަށްވުމުންނެވެ. ރޯދަ މަހުގެ ތެރޭގައި ލުނބޯ ކިލޯއެއްގެ އަގު އުޅުނީ 65 ރުފިޔާއާއި 70 ރުފިޔާއާ ދެމެދުގައެވެ. ނަމަވެސް މިއަދު ލުނބޯ ކިލޯއެއް ލިބެން ހުރީ 55 ރުފިޔާއަށެވެ. ހަމައެހެންމެ، މީގެ ކުރިން ފިޔާ ކިލޯއެއް 18 ރުފިޔާއާއި 20 ރުފިޔާއާ ދެމެދުގެ އަގެއްގައި ހުރި ނަމަވެސް، މިހާރު ފިޔާ ކިލޯއެއްގެ އަގު ވަނީ 10 ރުފިޔާއަށް ވެއްޓިފައެވެ. ވިޔަފާރިވެރިން ފާހަގަކުރާ ގޮތުގައި މި ބާވަތްތަކުގެ އަގު ދަށްވެފައިވަނީ ރޯދަ މަހާ ދިމާކޮށް, އެސްޓީއޯއިން ރާއްޖެއަށް އެ ތަކެތި އެތެރެކުރާ މިންވަރު އިތުރުވެ، ބާޒާރުގައި ތަކެތި ތިޔާގިވުމުގެ ސަބަބުންނެވެ. ޚާއްޞަކޮށް ރޯދަ މަހަށްފަހު ޑިމާންޑު ކުޑަވުމަކީވެސް އަގުތައް ތިރިވުމަށް މެދުވެރިވި މައިގަނޑު އެއް ސަބަބެވެ. ކުރިއަށް އޮތް ދުވަސްތަކުގައިވެސް ބާޒާރުގައި ތަކެތީގެ އަގުތައް މި މިންގަނޑުގައި ހިފެހެއްޓިފައި ހުންނާނެ ކަމަށް ވިޔަފާރިވެރިން ލަފާކުރެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ