ހިތުގައި ތިނަން ވާތީ... 22
"ކީއްވެ ސޮބާހު އިންޒާރު ދެނީ؟.." މިރާހުގެ ފޯނު ހިފައިގެން ހުރި ރިމްޝާ، މިރާހަށް އެ ފޯނުގެ އިސްކްރީން ދައްކައިލިއެވެ. މިރާހް ތެޅިގަނެފައި ރިމްޝާގެ އަތުން ފޯނު އަތުލިއެވެ. ******** "އިތުރަށް ސިއްރު ކުރުމުގެ މާނައެއް ނެތް..." ވަށައިގެން ހޯދައިލުމަށްފަހު، މިރާހުގެ އަތުގައި ހިފައިގެން ރިމްޝާ ދިޔައީ މަގޫ ގަސްތަކުގެ ނިވަލަށެވެ. "އަހަންނަށް ހީވަނީ މިހާރު އަހަންނަށްވެސް އެބަ ހަގީގަތް އެނގޭހެން... މިރާހް ނުބުނެފިއްޔާ، އަހަރެން އަހާނީ ސޮބާހު ކައިރީ..." ރިމްޝާ ހިނގައިގަތުމުން، މިރާހް ރިމްޝާގެ އަތުގައި ހިފައި، ހުއްޓުވިއެވެ. "ޑޯންޓް..." މިރާހްގެ މޫނުން ފެނުނީ ކަންބޮޑުވުމުގެ އަސަރެވެ. "ކީއްވެ؟..." ރިމްޝާ ނުރުހިފައި ސުވާލުކުރިއެވެ. "އޭރުން ދެން ރިމޫއަށްވެސް..." މިރާހު ވަކި ހިސާބަކަށް ބުނެފައި ހުއްޓައިލިއެވެ. "އަހަރެން މިކަމުގެ ތެރެއަށް ވައްދަން ބޭނުން ނޫނިއްޔާ، ޓެލް މީ.. އެވްރީތިންގް... އެއްވެސް ވާހަކައެއް ސިއްރުކޮށްގެން ނުވާނެ..." ރިމްޝާ ދެލޯ ހަނިކޮށްލިއެވެ. "ރިމްޝާ ތިބުނީ ރަނގަޅަށް... ސޮބާހު އަހަންނަށް އިންޒާރު ދޭތާ ދުވަސްކޮޅެއް ވެއްޖެ..." ކުޑައިރުކޮޅެއްގެ ހިމޭންކަމަށްފަހު، މިރާހް ހަގީގަތް ހާމަކުރަން ފެށިއެވެ. ރިމްޝާއަށް ހަގީގަތް ކިޔައިދިނުން ނޫންގޮތެއް މިރާހަކަށް ނެތެވެ. ރިމްޝާއަކީ ފަސޭހައިން ގޮތްދޫކުރާނެ ކުއްޖެއް ނޫނެވެ. އެކަމުގެ ތެރެއަށް ރިމްޝާ ވަންނަ ހިސާބުން ކަންތައް ވާނީ އިތުރަށް ގޯހެވެ. އިތުރު މީހަކަށް ގެއްލުމެއް ވާކަށް މިރާހް ބޭނުމެއް ނުވެއެވެ. "ކީއްވެ އިންޒާރު ދެނީ؟..." ވެލިގަނޑުގެ މަތީގައި އިށީންނަމުން ރިމްޝާ އަހައިލިއެވެ. "ކޮންމެ ކަމެއްގަވެސް ރީޒަންއެއް އޮންނާނެތާ..." "އާނ!... ރީޒަންއަކީ އާކިލް...." މިރާހްވެސް އިށީނެވެ. "މީގެ އެތައް އަހަރެއް ކުރިން ފެށިގެންވެސް ސޮބާހު އާކިލްދެކެ ރުޅިއާދޭ... އާކިލް އާ އީވް ގުޅުމުގެ މާކުރިން، ސޮބާހު އީވްދެކެ ލައިކްވޭ.... އެކަމަކު، އާކިލްއާ ރައްޓެހިވީއިރުވެސް، އީވްއަށް އެކަމެއް ނޭނގޭ... އީވް ދެކުނީ ހަމައެކަނި އެކުވެރިއެއް ގޮތަށް..." "މިހާރު އޭނަ ބޭނުންވަނީ ރިވެންޖް... ރައިޓް؟..." އިރުކޮޅަކު ވިސްނަން އިނދެފައި ރިމްޝާ އަހައިލިއެވެ. ރިމްޝާގެ ވާހަކައަށް އެއްބަސްވުމުގެގޮތުން، މިރާހް ބޯ ޖަހައިލިއެވެ. "އަހަރެން މިވާހަކަ ދައްކައިފިއްޔާ، އެތައް ބަޔަކަށް ގެއްލުންވާނެ..." މިރާހްގެ ދެލޮލަށް ކަރުނަ ޖަމާވިއެވެ. "އަހަންނަށް ނެތް އެއްވެސް ވާހަކައެއް ދެއްކޭކަށް.." މިރާހަށް ހިތްވަރު ދިނުމުގެގޮތުން، ރިމްޝާ މަޑުމަޑުން މިރާހުގެ ކޮނޑުގައި ޖަހައިލިއެވެ. "މާބޮޑަށް ނުވިސްނާ!... އަހަރެމެން ދެމީހުންވެގެން ސޮބާހު ހުއްޓުވާނީ... ދެން މިރާހް އެކަންޏެއް ނުވާނެ..." ރިމްޝާއަށް އައު ހިތްވަރެއް ލިބުނެވެ. ރިމްޝާއަށް ބަލަން އިން މިރާހު ދޫކޮށްލީ ފުން ނޭވާއެކެވެ. އޭނާ ރިމްޝާއަށް ހާމަކުރީ ހަގީގަތުން ކުޑަ މިންވަރެކެވެ. އުޑުމައްޗަށް ނަޒަރު ހުއްޓައިލިއިރު، މިރާހުގެ ދެލޮލުގައި ވިދަމުންދިޔަ ކަރުނަތަކުން މަންޒަރު ވަނީ ފުސްވެފައެވެ. ސޮބާހަކީ މީހަކު އޭނާގެ ނުބައި މަގުސަދު ހާސިލުކުރުމަށް ގެންގުޅޭ ހަތިޔާރެކެވެ. ހުރިހާ ކަމެއްގެ ނިވަލުގައި ހުރީ އެހެން މީހެކެވެ. އެ ނުބައި ނުލަފާ މީހާއަކީ ކާކުކަން ރިމްޝާގެ ކުރިމަތީގައި ހާމަކުރާނެ ހިތްވަރެއް މިރާހުގެ ގަޔަކު ނެތެވެ. ******** ލޯންޗު ފާލަމާއި ކައިރިކުރިއިރު، އާކިލް ހުރީ ޖެޓީމަތީގައެވެ. އަވި އައިނަކުން ދެލޯ ފޮރުވާފައިވިޔަސް، އާކިލްގެ މޫނުން ފެންނަން ހުރި ނުތަނަވަސްކަން ސިއްރެއް ނުވެއެވެ. އާޒިމާ އާއި ޝުކޫރު ލޯންޗުން ފޭބީ އާކިލްގެ އަތުގައި ހިފައިގެންނެވެ. މަންމަ އާއި ބައްޕަ ފެނުމުން، އާކިލް އުފަލެއް ނުވިއެވެ. އާޒިމާ އާއި ޝުކޫރުގެ މޫނުންވެސް އުފާވެރިކަމެއް ނުފެނުނެވެ. ދެމީހުންގެ ފޮށި ހިފައިގެން އާކިލް ހިނގައިގަތްއިރު، އަޔާމު ސައިކަލުގައި އައިސް އިނެވެ. "މަންމަ އަރަންވީނު ސައިކަލަށް..." އާކިލް އެދުނެވެ. "ދައްތަ އަބަދު ފައިގަ ރިއްސާތީ އުޅޭތީއޭ ސައިކަލުގަ މިއައީ..." އަޔާމު މަސައްކަތްކުރީ މާހައުލުގެ ނުތަނަވަސްކަން ފިލުވައިލާށެވެ. "ފައިގެ ރިހުމެއް ނޫން ދައްތައަށް ބޮޑީކީ... ބައެއް މީހުން އުޅޭގޮތް..." އާކިލްއަށް ބަލައިލަމުން އާޒިމާ ބުނެލީ ހިތްހަމަނުޖެހިފައިވާ ރާގެއްގައެވެ. "އަވަހަށް އަރާ!... ހާދަ ހޫނުވެސް ގަދަ ދުވަހެކޭ..." އަޔާމު އަވަސް އަވަހަށް ބުނެލިއެވެ. "ކޮންތާކުތަ އެ ކެފޭއެއް ހުންނަނީ؟..." އަޔާމު ސައިކަލު ދުއްވައިލުމުން، އާޒިމާ އަހައިލިއެވެ. އާޒިމާ ދެއްކީ އިވްލީންގެ ކެފޭގެ ވާހަކަ ކަން އެނގުމުން، އަޔާމު ފުރަތަމަ އަޑު ނީވޭކަމަށް ހެދިއެވެ. އާޒިމާ އޭނާގެ ސުވާލު ތަކުރާރު ކުރުމުން، ޖަވާބުދޭން އަޔާމަށް މަޖުބޫރުވިއެވެ. "ކޮން ކަހަލަ ކެފޭއެއް ދައްތާ؟... ދައްތަ ހާދަ އަވަހަށް ކެފޭއަށް ދާން ތި ވިސްނަނީ..." އަޔާމް ގަދަކަމުން ހިނިގަނޑެއް ޖަހައިލިއެވެ. "އެ ކެފޭއަށް ގޮއްސަ ގެއަށް ވަންނާނީ..." އާޒިމާ ފަހުބަސް އިއްވިއެވެ. "ސައިކަލު ހުއްޓާ!..." "ދައްތާ!..." އަޔާމު ހާސްވިއެވެ. "ހުއްޓާށޭނު މިބުނީ..." އާޒިމާ ތަންކޮޅެއް ބާރަށް ބުނުމުން، އަޔާމު ސައިކަލު ހުއްޓިއެވެ. ******** އަޔާމުގެ މެސެޖު ލިބުމާއިއެކު، އާކިލް އޭނާގެ ސައިކަލުގެ މިސްރާބު ބަދަލުކޮށްލިއެވެ. ޝުކޫރު ފަހަތުގައި އިނުމުން، މަޑުން ސައިކަލު ދުއްވަމުންދިޔަ އާކިލްއަށް ސައިކަލުގެ ދުވެލި ބާރުކޮށްލެވުނުގޮތްވެސް ނޭނގުނެވެ. އާކިލްގެ ސައިކަލު ކެފޭގެ ކުރިމައްޗަށް ހުއްޓިއިރު، އަޔާމުވެސް އައިސް ކެފޭގެ ކައިރިއަށް ސައިކަލު މަޑުކުރަނީއެވެ. އާޒިމާ ސައިކަލުން ފައިބައިގެން ކެފޭގެ އެތެރެ ފެންނަ ހިސާބުގައި މަޑުކޮށްލިއެވެ. "މީތަ އެމަންޖެގެ ކެފޭއަކީ؟.." އާޒިމާގެ ކައިރީގައި ހުއްޓިލަމުން ޝުކޫރު އަހައިލިއެވެ. އާޒިމާ ބޯ ޖަހައިލިއެވެ. އޭނާގެ ނަޒަރު ހުއްޓިފައިވީ، ކައުންޓަރުގެ ކައިރީގައި ހުރި އިވްލީނަށެވެ. "ކިހިނެއް ދެން ހެދޭނީ؟..." އަޔާމު ހާސްވެފައި އާކިލްގެ ކައިރީގައި އަހައިލިއެވެ. އާކިލް ހުރީ ހަދާނެގޮތެއް ނޭނގިފައެވެ. އެހާ ކުއްލިއަކަށް ހުރިހާ ކަމެއްވުމުން، ކަންތައް ކުރާނެ ގޮތެއްވެސް އޭނާގެ ސިކުނޑިއަކަށް ނައެވެ. ކުއްލިއަކަށް އިވްލީންގެ ކުރިމައްޗަށް އޭނާގެ މައިންބަފައިން ގެންދަން އޭނާ ތައްޔާރެއް ނޫނެވެ. އިވްލީންވެސް ތައްޔާރު ނުވާނެކަން އޭނާއަށް އެނގެއެވެ. އަނެއްކޮޅުން، އާޒިމާއަކީ ފާޑެއްގެ ރުޅިއެއް އަންނަ މީހެކެވެ. އަންނަ ރުޅީގައި އިވްލީނާއި ދިމާއަށް އެއްޗެއް ކިޔަންވެސް ފަސްނުޖެހޭނެއެވެ. "ރަތުނާގެ ގައިގަ ނެތް ކޮން ސިފައެއްތަ އޭނަ ގައިގަ ހުރީ؟..." އާޒިމާ ނުރުހިފައި ސުވާލުކުރިއެވެ. ޝުކޫރުވެސް އެކަމާ އެއްބަސްވިއެވެ. އާޒިމާ އެތެރެއަށް ވަންނަން ހިނގައިގަތުމުން، އާކިލް އޭނާގެ މަންމަގެ އަތުގައި ހިފެހެއްޓިއެވެ. "ދެންމެއެއްނު ތި އައީ މަންމާ!... މަންމަ އަދި މިތަނަށް ގެންނާނަމޭ... އިހަށް ހިނގާބަލަ..." އާކިލް މަސައްކަތްކުރީ އާޒިމާ ހުއްޓުވޭތޯއެވެ. "އަހަންނަށް ދުރުގަ ހުރެވިއްޖެއެއްނު..." އާކިލްގެ އަތް ފޮޅުވައިލަމުން އާޒިމާ ބުނެލިއެވެ. އާކިލްއަށް ބަލައިލެވުނީ ވަށައިގެން ހުރި މޭޒުތަކުގައި ތިބި މީހުންނަށެވެ. ބައެއް މީހުންގެ ނަޒަރު އާކިލްމެންނަށް ހުއްޓިފައިވާ ތަން ފެނުމުން، އާކިލްއަށް އިތުރަށް މަނާކުރާކަށް ނުކެރުނެވެ. އާޒިމާ އާއި ޝުކޫރުގެ ފަހަތުން އާކިލް އާއި އަޔާމްވެސް އެތެރެއަށް ވަނެވެ. ދޮރު ހުޅުވުނު އަޑަށް ކައުންޓަރުގެ ކައިރީގައި ހުރި އިވްލީން ހިނިތުންވެލަމުން ދޮރާއި ދިމާއަށް ބަލައިލިއެވެ. އާޒިމާމެން ފެނުމުން، އިވްލީންގެ ތުންފަތުގައިވި ހިނިތުންވުން ފަނޑުވިއެވެ. އެތެރެއަށް ވަނީ އާކިލްގެ މައިންބަފައިންނެވެ. އާކިލްގެ ކައިވެނީގެ މައްސަލައިގައި އެދެމީހުން ހުރިހާ ރުޅިއެއް އަންނާނީ އިވްލީންދެކެ ކަން އޭނާއަށް އެނގެއެވެ. "މަންމަ ހަމަޖެއްސި ކައިވެންޏަށް ދެކޮޅު ހަދާފަ، އެހެން ކައިވެންޏެއް ކުރަން ނިންމީތަ؟...." އާޒިމާގެ ނަޒަރު، އާކިލްގެ މޫނުން އިވްލީންގެ މޫނަށް ހުއްޓުނެވެ. އިވްލީން ހާސްވެފައި، އާކިލްއަށް ބަލައިލިއެވެ. "މަންމާ!... މިތާ އެންމެންތެރޭ ކޮން ވާހަކައެއްތަ...." އާކިލް އުޅުނީ އާޒިމާ ހުއްޓުވާށެވެ. "އެންމެންނަށް އިވުނަސް ހެވޭ..." އާޒިމާ ދެލޯ ހަނިކޮށްލަމުން އާކިލްއަށް ބަލައިލިއެވެ. ފާއިތުވެގެންދިޔަ ހިމޭންކަމުގެ ވަގުތުކޮޅު، އާޒިމާ އާއި އާކިލް ތިބީ އެކަކު އަނެކަކަށް ބަލަހައްޓައިގެންނެވެ. އިވްލީން ހާސްވެގެން ތެޅިފޮޅިގަތެވެ. "ޔެސް.. ގޮތް ނިންމައިފިން...." އިވްލީންގެ މޫނަށް ބަލައިލުމެއްނެތި އާކިލް އާޒިމާއަށް ޖަވާބު ދިނެވެ. "ތި ގުޅުން މިހާ ހިސާބުން ނިމުނީ..." އާޒިމާ ފަހުބަސް އިއްވާފައި އެތަނުން ދާން ހިނގައިގަތެވެ. އިވްލީން ހުރީ ގަނޑުވެފައެވެ. އިސްޖެހިފައި ހުރިއިރު، އިވްލީންގެ ދެލޯ ފުރުނު ކަރުނަތައް ބަންޑުންވާން ފެށިއެވެ. އެމަންޒަރު ފެނުމުން އާކިލްގެ ހިތަށް ތަދުވިއެވެ. "މިގުޅުން ދެން ނުނިމޭނެ..." އާކިލް ބުނެލިއެވެ. އާޒިމާގެ ފިޔަވަޅުތައް ހުއްޓުނެވެ. ޝުކޫރުވެސް ދެލޯ ބޮޑުކޮށްލަމުން، ފަސްއެނބުރި އާކިލްއަށް ބަލައިލިއެވެ. "މަންމަމެން ގަބޫލުވިޔަސް، ނުވިޔަސް، އަހަރެން މިކައިވެނި ކުރާނަން...." އެތައް ދުވަހަކުން ނުލިބުނު ހިތްވަރެއް އާކިލްއަށް ލިބުނު ފަދައެވެ. "އަހަރެން އީވްއަށް ވީ ވައުދާ ހިލާފެއް ނުވެވޭނެ..." އިވްލީން އިސްއުފުލައިލީ އިވުނު އަޑު ޔަގީންނުވެގެންނެވެ. އަމިއްލަ މައިންބަފައިންގެ ކުރިމަތީގައި އާކިލް އެފަދަ ގޮތަކަށް ވާހަކަ ދައްކާނީ އިވްލީން ވަރަށް ހާއްސަވީމައެވެ. އާކިލް ހަލުވި ފިޔަވަޅުތަކެއްގައި ގޮސް އިވްލީންގެ ކައިރީގައި ހުއްޓުނެވެ. ހިތްވަރުދޭ ފަދައިން އިވްލީންގެ އަތުގައި ހިފައިލިއެވެ. އިވްލީން ދުރަށް ޖެހިލަން އުޅުމުންވެސް އާކިލް އެފުރުސަތެއް ނުދިނެވެ. ކުރިއަށްވުރެ ބާރަށް އިވްލީންގެ އަތުގައި ހިފައިލިއެވެ. ވަށައިގެން ތިބި މީހުންނަށް ބަލައިލިއިރު، އާޒިމާގެ މޫނުން ފެންނަން ހުރީ ލަދުވެތިކަމެވެ. އެ އެންމެންގެ ކުރިމަތީގައި އާކިލް އޭނާ ލަދުގަންނުވާލައިފިއެވެ. އާކިލްއަކީ ކުރިން ދުވަހަކުވެސް އެފަދަ ގޮތަކަށް މައިންބަފައިންގެ ކުރިމަތީގައި ބަސްބުނި ކުއްޖެއް ނޫނެވެ. ވީއިރު، މިއަދު އެފަދަ ގޮތަކަށް އެންމެންގެ ތެރޭގައި އޭނާ އާއި ވާހަކަ ދައްކަފާނެކަމަކަށް އާޒިމާ ކުޑަކޮށްވެސް އުއްމީދެއް ނުކުރެއެވެ. "ހިނގާ ދާން..." ޝުކޫރު އާޒިމާގެ އަތުގައި ހިފިއެވެ. އާޒިމާ ބާރު ހިނގުމެއްގައި އެތަނުން ނުކުމެގެން ދިޔުމުން، އިވްލީން އަވަސް އަވަހަށް އާކިލް އާއި ދުރަށް ޖެހުނެވެ. "ދޭ..." އިވްލީން އެދުނެވެ. "ދެން ނާންނަ ގޮތަށްތަ؟..." އާކިލް ޝަކުވާގެ ރާގެއްގައި އަހައިލިއެވެ. "މަންމަ އެދިޔައީ ވަރަށް ދެރަވެގެން..." އާޒިމާ ދިޔަގޮތުން އިވްލީން ދެރަވިއެވެ. ދަރިއަކު އެފަދަ ގޮތަކަށް ކަންތައް ކުރުމުން، މައެއްގެ ހިތުގައި އަޅާނޭ ވޭން އޭނާއަށް އިހުސާސްވިއެވެ. އެތައް ބައެއްގެ ކުރިމަތީގައި ލަދުގަންނާނެކަންވެސް އޭނާއަށް އެނގުނެވެ. "އަހަރެން އާކްއަށް އެއްވެސް ކަމެއް މަޖުބޫރެއް ނުކުރާނަން... ވަކި މީހަކު ޗޫޒް ކުރާކަށްވެސް ނުބުނާނަން...." އިވްލީން ބުނެލިއެވެ. "އަހަންނަށް އެނގޭ އެއްޗަކީ، ކޮންމެ ގޮތެއްވިޔަސް، އަހަރެން ދެން އާކްއާ ދުރަށް ނުދާނެކަން... ކޮންމެ ކަހަލަ ކަމަކާވެސް ކުރިމަތިލާނަންކަން..." "ތިވަރުން އަހަންނަށް ފުދޭ... މާބޮޑަށްވެސް ފުދޭ..." އާކިލްގެ ތުންފަތަށް ވެރިވީ ފުޅާ ހިނިތުންވުމެކެވެ. "މަންމަމެން ކޮންމެ ގޮތަކަށް ކަންތައް ކުރިޔަސް، އަހަރެން އީވް ދޫކޮށެއް ނުލާނަން... ޕްރޮމިސް... މި އަންނަނީ ވަރަށް އަވަހަށް މަންމަ ކައިރިއަށް ގޮއްސަ..." (ނުނިމޭ)
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ