މޯލްޑިވްސް ނޭޝަނަލް ލޮޖިސްޓިސްކްސް އުފައްދައި، އެމްޕީއެލްއިން ލޮޖިސްޓިކްސް ވިޔަފާރިއަށް މޯލްޑިވްސް ނޭޝަނަލް ލޮޖިސްޓިސްކްސް އުފައްދައި، އެމްޕީއެލްއިން ލޮޖިސްޓިކްސް ވިޔަފާރިއަށް

ވިޔަފާރި ބަނދަރުތައް ހިންގުމުގެ ޒިންމާ މަތިކޮށްފައިވާ ސަރުކާރުގެ ކުންފުނި، މޯލްޑިވްސް ޕޯޓްސް ލިމިޓެޑު (އެމްޕީއެލް) އިން، މޯލްޑިވްސް ނޭޝަނަލް ލޮޖިސްޓިކްސްގެ ނަމުގައި ސަބްސިޑަރީ ކުންފުންޏެއް އުފައްދައިގެން ލޮޖިސްޓިކްސް ވިޔަފާރިއަށް ނިކުމެއްޖެ އެވެ.
އެމްޕީއެލްއިން މި ކުންފުނި ލޯންޗުކޮށްފައި ވަނީ މިހާރު ކުރިއަށްދާ މޯލްޑިވްސް މެރިން އެކްސްޕޯގެ ތެރެއިންނެވެ. އެ ކުންފުނީގެ ސޯޝަލް މީޑިއާ ޕޭޖުތަކުގައި ހިއްސާކޮށްފައިވާ ފޮޓޯތަކުން ފެންނަ ގޮތުގައި މި ކުންފުނި އިފްތިތާހުކޮށްދެއްވީ ފިނޭންސް މިނިސްޓަރު މޫސާ ޒަމީރެވެ.
އެމްޕީއެލްއިން ނެރުނު ނޫސް ބަޔާނެއްގައި ބުނީ، މި ކުންފުނި އުފެއްދުމުގެ މައިގަނޑު މަގުސަދަކީ ރައްޔިތުންނަށް ބޭނުންވާ އަސާސީ މުދަލާއި ކާޑުގެ ބާވަތްތައް، ރާއްޖޭގެ އެކި ސަރަހައްދުތަކުގައި ގާއިމުކޮށްފައިވާ ގުދަންތަކެއް ދަތިކަމެއް ނެތި ފޯރުކޮށްދިނުން ކަމަށެވެ.
މިއީ ސަރުކާރުން އެކުލަވާލި ލޮޖިސްޓިކް ނެޓްވޯކް (*ANCHOR) ހިންގަން ނިމުނު އަހަރުގެ ޑިސެމްބަރުގައި ހަވާލުކުރި މަސައްކަތުގެ ދަށުން، ކުރިން އެ ކުންފުނިން ފޯރުކޮށްދެމުން ދިޔަ ލޮޖިސްޓިކްސް ހިދުމަތް ވަކި ހިދުމަތެއްގެ ގޮތުގައި ކަނޑައަޅައިގެން އުފެއްދި ކުންފުންޏެއް ކަމަށް އެ ބަޔާނުގައި ވެ އެވެ.
ނޭޝަނަލް ލޮޖިސްޓިސްޓިކްސްގެ ދަށަށް ބަދަލުކުރި ހިދުމަތްތަކުގެ ތެރޭގައި އެ ކުންފުނިން ފަށައިގެން އުޅޭ ޑޮމެސްޓިކް ޓްރާންސްޝިޕްމަންޓް ހިމެނެ އެވެ. މިއީ މާލޭ ވިޔަފާރި ބަނދަރަށް އަންނަ ޓްރާންސްޝިޕްމަންޓް ކޮންޓޭނަރުތައް، އެމްޕީއެލްގެ އުޅަނދުތަކުގައި ހިތަދޫ ޕޯޓާއި ކުޅުދުއްފުށީ ޕޯޓަށް ފޮނުވަން ފެށި ހިދުމަތެކެވެ. މި ހިދުމަތް ފުޅާކުރަން ލޭންޑިން ކްރާފްޓެއް ބަނދެ، އަށް މަސް ދުވަހުގެ ތެރޭގައި އޮޕަރޭޝަނަށް ނެރޭނެ ކަމަށް ކަމަށް އެމްޕީއެލްއިން ބުންޏެވެ.
ލޮޖިސްޓިކްސް ކުންފުނިން އަލަށް ތައާރަފުކުރާ ހިދުމަތަކީ، އެމްޕީއެލްއިން ބުނި ގޮތުގައި، ކޮމާޝަލް ވެއާހައުސިން އެވެ. ތިލަފުށީގައި ހުންނަ ގުދަންތަކެއްގައި ކްލިއަރެންސް ނިމިފައިވާ ވިޔަފާރި މުދާ ބަހައްޓައިދޭ މި ހިދުމަތަކީ، ހަ މަސް ކުރިން ފެށި "ޕްރޮޖެކްޓް ކާގޯ ހޭންޑްލިން" ކާމިޔާބީއަށް ބިނާކޮށް ދާއިމީކުރި ހިދުމަތެއް ކަމަށް އެމްޕީއެލްއިން ބުންޏެވެ.
އޭގެ އިތުރުން ލޮޖިސްޓިކްސް ސާވިސްގެ ތެރެއިން ބޭރުން އަންނަ އުޅަނދުފަހަރަށް ފޯރުކޮށްދޭ، "ސްޓީވަޑޯރިން" ހިދުމަތާއި ބޮންޑަޑް ވެއާހައުސް އަދި ސީ-ޓު-އެއާ ކާގޯގެ ހިދުމަތްތައް ވެސް ފޯރުކޮށްދޭނެ ކަމަށް އެމްޕީއެލްއިން ބުންޏެވެ.
އެމްޕީއެލްއިން ލޮޖިސްޓިކްސް ކުންފުންޏެއް އުފެއްދިއިރު، މި ދާއިރާގައި ހަރަކާތްތެރިވާ ބައެއް އަމިއްލަ ވިޔަފާރިތަކުން ވަނީ ކަންބޮޑުވުން ފާޅުކޮށްފަ އެވެ. އޭގެ ތެރެއިން އެކަކަކީ، ފުޅާ ދާއިރާއެއްގައި ލޮޖިސްޓިކްސް ހިދުމަތް ފޯރުކޮށްދޭ އޭޝިއާ ފޯވާޑިންގެ އެއް ހިއްސާދާރު ޒިޔާދެވެ.
ޒިޔާދު ވިދާޅުވީ މީގެ ސަބަބުން ސަބަބުން ލޮޖިސްޓިކްސް ވިޔަފާރީގެ ވާދަވެރިކަން ގެއްލި، އެމްޕީއެލްގެ ކުންފުނީގެ ބާރު ގަދަވެ، އަމިއްލަ ކުންފުނިތައް ބަނގުރޫޓު ވުމުގެ ފުރުސަތު އެބައޮތް ކަމަށެވެ. ހަމައެހެންމެ، މިއީ އަމިއްލަ ވިޔަފާރިތަކަށް އިސްކަންދޭން ސަރުކާރުން ގެންގުޅޭ ސިޔާސަތާ ފުށުއަރާ ކަމެއް ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
އެމްޕީއެލްގެ އިތުރުން، ސަރުކާރު އެހެން ކުންފުނިތައް މެދުވެރިކޮށް އަމިއްލަ ވިޔަފާރިތަކަށް ވަންނަ މައްސަލައިގައި ވިޔަފާރިވެރިންގެ ކަންބޮޑުވުން ބޮޑެވެ. މީގެ ތެރޭގައި އެސްޓީއޯގެ ފިހާރަތައް ހުރިހާ ރަށެއްގައި އެޅުމާއި، ސަރުކާރު ކުންފުނިތަކާ ކޮންސްޓްރަކްޝަން ޕްރޮޖެކްޓުތައް ހަވާލުކުރުމާއި، މާލެ ހޮސްޕިޓަލްސް ގްރޫޕުން އައިނު ވިޔަފާރިއަށް ވަނުން ހިމެނެ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ