ރާއްޖެއަށް ޔޫކޭއިން ދިން ޖަވާބަކީ ޗާގޯސްގެ މައްސަލަ އޮތީ މޮރިޝަސްއާ ދެމެދު އެކަނި ކަމަށް

ޗާގޯސްގެ ސިޔާދަތީ މިލްކުވެރިކަމުގެ މައްސަލައަކީ ހަމައެކަނި އިނގިރޭސިވިލާތާއި މޮރިޝަސްއާ ދެމެދު އޮތް މައްސަލައެއް ކަމަށް ޔޫކޭގެ ސަރުކާރުން އިއްޔެ ބުނެފި އެވެ.
ވީކިހިނެއް؟ - ޗާގޯސްގެ ސިޔާދަތީ ބާރު އޮންނާނީ މޮރިޝަސްއަށް ކަމަށް ބަޔާންކޮށް ކުރީގެ ރައީސް އިބްރާހީމް މުހައްމަދު ސޯލިހް 22 އޮގަސްޓް 2022ގައި މޮރިޝަސްގެ ބޮޑުވަޒީރަށް ފޮނުއްވި ސިޓީ އަނބުރާ ގެންދެވިކަން ރައީސް މުހައްމަދު މުއިއްޒު ވަނީ މިދިޔަ ބުރާސްފަތި ދުވަހު ރައްޔިތުންގެ މަޖިލީހުގައި އިއުލާންކުރައްވައިފަ އެވެ.
ރައީސް މުއިއްޒުގެ ތިންވަނަ ރިޔާސީ ބަޔާން އިއްވަވަމުން އެ މަނިކުފާނު ވިދާޅުވި ގޮތުގައި، ޗާގޯސް އެންމެ ހައްގު ގައުމަކީ ރާއްޖެ ކަމާއި، އެ ތަން މޮރިޝަސްއާ ހަވާލުކުރުން އިންކާރުކުރާކަން ބަޔާންކޮށް އިނގިރޭސި ސަރުކާރަށް ދެ ސިޓީއެއް ވަނީ ފޮނުއްވައިފަ އެވެ.
ތަފްސީލް - ތުރުކީގެ ސަރުކާރުން ހިންގާ ނޫސް އެޖެންސީއެއް ކަމަށްވާ 'އަނަދުލު އެޖެންސީ'ން އިނގިރޭސިވިލާތުގެ ފޮރިން މިނިސްޓްރީއާ ހަވާލާދީ އިއްޔެ ލިޔެފައިވަނީ ޗާގޯސްގެ ސިޔާދަތީ މިލްކުވެރިކަމުގެ މައްސަލައަކީ ހަމައެކަނި އިނގިރޭސީންނާއި މޮރިޝަސްއާ ދެމެދު އޮތް ކަމެއް ކަމަށެވެ.
"ޗާގޯސް އާކިޕެލާގޯގެ ސިޔާދަތުގެ މައްސަލައަކީ އިނގިރޭސިވިލާތާއި މޮރިޝަސްއާ ދެމެދު އޮތް މައްސަލައެއްކަން އެކި ކޯޓުތަކުގެ ހުކުމްތަކާއި ބައިނަލްއަގުވާމީ މުއައްސަސާތަކުން ވަނީ ސާފުކޮށް ބަޔާންކޮށްފައި،" ރާއްޖޭގެ ސްޓޭންޑާ ގުޅޭ ގޮތުން ސުވާލުކުރުމުން ޔޫކޭގެ ފޮރިން މިިނިސްޓްރީން ޖަވާބުގައި ބުނި ކަމަށް އެ ނޫހުގައިވެ އެވެ.
އެނގުން މުހިންމު - އިޓްލޮސްގެ މައި އޮފީހުގައި 28 އޭޕްރީލް 2024ގައި ވަނީ، ރާއްޖޭން ވަކާލާތުކުރި ގޮތަށް، ކަނޑުގެ ސަރަހައްދުގެ އިން ވަކިކުރުމުގައި ބޮޑަށް ބަލަން ޖެހޭނީ ޗާގޯސްގެ ރަށްތަކުގެ އައްސޭރިފަށުން ފެށިގެން ކަަމަށް ހުކުމްކޮށްފަ އެވެ. އެއާ އެކު، ފުށުއަރާ ސަރަހައްދުން ބޮޑު ބައެއް ރާއްޖެއަށް ލިބުނެވެ.
އިޓްލޮސް އިން ނިންމީ ދެ ގައުމުގެ ދެމެދުގައި ބަހަން ޖެހޭ 92،563 އަކަ ކިލޯމީޓަރުގެ ސަރަހައްދުން:
ރާއްޖެއަށް - 47،232 އަކަ ކިލޯމީޓަރު
މޮރިޝަސްއަށް - 45،331 އަކަ ކިލޯމީޓަރު
ނަމަވެސް، އިދިކޮޅުގައި އޭރު ތިބި އަދި މިހާރު ވެރިކަން ކުރާ ޕީޕީއެމް-ޕީއެންސީން ތުހުމަތުކުރީ، އެ ހުކުމާ އެކު ދެކުނުގެ އިގްތިސާދީ ސަރަހައްދުން މުހިންމު އަދި ބޮޑު ބައެއް ގެއްލިފައިވާ ކަމަށެވެ.
ސަރުކާރާ ހަވާލުވުމާ އެކު، ފުރަތަމަ 100 ދުވަހުގެ ތެރޭގައި ކުރާނެ މަސައްކަތްތަކުގެ ތެރޭގައި ވެސް ގެއްލުނު ކަމަށް ބުނާ ކަނޑުގެ ބައި ހޯދުމުގެ މަސައްކަތް ހިމަނައި އެ މަސައްކަތް ބަންޑާރަ ނައިބުގެ އޮފީހުން ފެށި އެވެ. އެ މަސައްކަތަށް ހާއްސަ ކޮމިޓީއެއް ނަގައި ބޭރުގެ ތަޖުރިބާކާރުންގެ އެހީތެރިކަން ވެސް ހޯދި އެވެ.
ނަމަވެސް އޭގެ ފަހުގައި އިޓްލޮސްއަށް މައްސަލަ ހުށަހެޅުން ދިގުދެމިގެންގޮސް ލަސްވަމުންދާއިރު ބުރާސްފަތި ދުވަހު ރައީސް އިއްވެވި ރިޔާސީ ބަޔާނަށް ފަހު ސާލަމަތީ ބާރުތަކަށް ވަނީ ދެކުނުގެ ކަނޑުން ކުރިއެކޭ އެއްގޮތަށް ބޯޑު ބެލެހެއްޓެވުމަށް އަންގަވައިފަ އެވެ. އަދި އެ ގޮތުގެ މަތިން އެ ސަރަހައްދު ބަލަހައްޓަމުންދާ ކަމަށް ވެސް ސިފައިން ހާމަކޮށްފައިވެ އެވެ.
ދެކުނުގެ ކަނޑުން 'ގެއްލުނު' ސަރަހައްދު އަނބުރާ ހޯދުމާއި ޗާގޯސްގެ ސިޔާދަތީ ބާރު ރާއްޖެއަށް ހޯދައިދިނުމަށް މަސައްކަތްކުރުމަކީ ރައީސް މުއިއްޒުގެ ރިޔާސީ ވައުދުފުޅެކެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ