ފުޓްބޯޅައިގައި ފާހަގަކޮށްލެވޭ 4 ބެއިންގެ ބައްޕަ ހަސަން އަލީ ނިޔާވެއްޖެ

ދިވެހި ފުޓްބޯޅައިގައި ފާހަގަކޮށްލެވޭ ގިނަ ޚިދުމަތްތަކެއް ކޮށްދެމުން އަންނަ ހަތަރު ބެއިންގެ ބައްޕަ ހަސަން އަލީ، އުމުރުން 78 އަހަރުގައި ނިޔާވެއްޖެއެވެ. މައުލޫމާތު ލިބިފައި ވާގޮތުގައި ހަސަން އަލީ ނިޔާވެފައިވަނީ، ހާލު ދެރަވެ، އައިޖީއެމްއެޗަށް ގެންގޮސް ފަރުވާދެމުން ދަނިކޮށް ރޭގައެވެ. އޭނާގެ މައްޗަށް ކުރާ ކަށުނަމާދު މިއަދުގެ މެންދުރު ނަމާދަށްފަހު މާލޭގެ އާސަހަރާ މިސްކިތުގައި ވަނީ ކޮށްފައެވެ. ހަސަން އަލީއަކީ ކްލަބް އީގަލްސްގެ އެންމެ ފުރަތަމަ މަސްއޫލުވެރިޔާއެވެ. އަދި ފުރަތަމަ ޑިވިޝަނުގައި ގިނަ ކާމިޔާބީތަކެއް ހޯދި އީގަލްސްގެ މުހިއްމު ހިއްސާދާރެކެވެ. އޭނާގެ ދަރީންގެ ތެރެއިން މުހައްމަދު ނަޒީހާއި އަހުމަދު ރިޔާޒް (ގާނާ)ގެ އިތުރުން އިބްރާހީމް ސިނާޒް (ސިނާ) އަދި އަލީ ސުޒޭނަކީ، ދިވެހި ފުޓްބޯޅައިގައި ނަން ފަވާލެވޭ ހަތަރު ބެއިންނެވެ. ވަކީން ޚާއްސަކޮށް ފާހަގަކޮށްލެވެނީ ސުޒޭނެވެ. މީގެ ކުރީން ވިކްޓްރީއަށާއި ވެލެންސިއާއަށް ކުޅެފައިވާ ސުޒޭނަކީ މިހާތަނަށް ރާއްޖޭގައި އުފެދުނު އެންމެ ކާމިޔާބު އެއް ކޯޗެވެ. ވިކްޓްރީ އަދި މާޒިޔާއަށް ގިނަ ކާމިޔާބީތަކެއް ހޯދައި ދިނުމަށްފަހު މިހާރު އޭނާ ކޯޗުކަން ކޮށްދެނީ ވާދަވެރި ނިއުރޭޑިއަންޓަށެވެ. ސުޒޭނުގެ އިތުރުން ނަޒީހަކީވެސް ފާހަގަކޮށްލެވޭ ކޯޗެކެވެ. އެ ދެބެއިންނަކީ އިދިކޮޅުގައި ތިބެ އެއް މެޗެއްގައި ދެ ޓީމަށް ކޯޗުކޮށްދިން ފުރަތަމަ އަދި ހަމައެކަނި ދެބެއިންނެވެ. މީގެ އިތުރުން ސިނާޒަކީ ވިކްޓްރީއާއި ނިއުރޭޑިއަންޓްގެ އިތުރުން ވީބީ އައްޑޫ އެފްސީއަށް ކުޅެފައިވާ ޑިފެންޑަރެކެވެ. އަދި ގާނާ ވަނީ، ކްލަބް ވިކްޓްރީގެ ކީޕަރުން ތަމްރީނުކުރުމަށް 30 އަހަރު މަސައްކަތް ކޮށްދީފައިއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ