ޓެކްސް ފްރީ ޒޯނުގެ ނަމުގައި ސަރުކާރުން އެ އުޅެނީ އައްޑޫ މަރާލަން: ނިޒާރު

ޕީއެންސީގެ ސިޔާސަތުތައް ގުޅެނީ މާލެއަށް ބާރުތައް ޖަމާކުރުމަށް ކަމަށާއި، ޓެކްސް ފްރީ ޒޯނުގެ ނަމުގައި ކުރަން އުޅޭ ކަމަކީ ވެސް އައްޑޫ މަރުވާން ދޫކޮށްލުން ކަމަށް، އައްޑޫގެ މޭޔަރު އަލީ ނިޒާރު ރޭ ވިދާޅުވެއްޖެ އެވެ.
ވީކިހިނެއް؟ - ކުރިއަށް އޮތް ތިން އަހަރު ދުވަހަށް ޓެކްސް އާއި ބިމުގެ ކުލި ދައްކަން ނުޖެހޭ ގޮތަށް ވިޔަފާރިތަކަށް ހުޅުވާލައި ވިޔަފާރި ހަބެއްގެ ގޮތުގައި އައްޑޫ ތަރައްގީކުރާނެ ކަމަށް ރައީސް މުހައްމަދު މުއިއްޒު މިދިޔަ ބުރާސްފަތި ދުވަހު އިއުލާންކުރެއްވި އެވެ.
ރައްޔިތުންގެ މަޖިލީހުގައި ރައީސް މުއިއްޒު އިއްވެވި ރިޔާސީ ބަޔާނުގައި ފާހަގަކުރެއްވި ކަންކަމަށް ނިޒާރު ފާޑުވިދާޅުވީ ރޭ އެ އަތޮޅު ހިތަދޫގައި ބޭއްވި އެމްޑީޕީ ކެންޑިޑޭޓުންގެ ކެމްޕެއިން ޖަލްސާގަ އެވެ.
ތަފްސީލް - އަންނަ ކައުންސިލް އިންތިހާބުގައި އައްޑޫގެ މޭޔަރުކަމުގެ ދެވަނަ ދައުރަކަށް ވާދަކުރައްވާ ނިޒާރު ވިދާޅުވީ ރާއްޖޭގެ ދެވަނައަށް އެންމެ ބޮޑު އާބާދީ އޮންނަ އައްޑުއަށް ތަރައްގީގެ ކިރިޔާ ވެސް ހިލަމެއް އަންނަނީ އެމްޑީޕީގެ ސަރުކާރުތަކުގައި ކަމަށެވެ.
އެހެން ދިމާވަނީ ވެސް އެމްޑީޕީގެ ފިކުރަކީ ޒަމާނީ ޑިމޮކްރެޓިކް ފިކުރަކަށް ވާތީ ކަމަށް އޭނާ ވިދާޅުވި އެވެ. އެމްޑީޕީގެ ސަރުކާރުތަކުގައި ވެސް އައްޑޫއަށް އެންމެ ފުދޭ ވަރަށް ތަރައްގީ ނައި ނަމަވެސް އެ ބަދަލުގެ ވާހަކަ ދެއްކޭނީ އެމްޑީޕީއަށް ކަމަށް ވިދާޅުވި އެވެ.
އެއީ އެމްޑީޕީއާ ވާދަވެރި ޕީއެންސީން މުޅިން ފެންނަނީ ހުދުމުހުތާރު ވެރިކަމުގެ ސިފަތަކާއި މާލެއަށް މުޅި އިގުތިސޯދު ޖަމާކުރުމަށް ކުރަމުންދާ މަސައްކަތް ކަމަށް ނިޒާރު ވިދާޅުވި އެވެ.
"ރާއްޖޭގެ އިގުތިސޯދުގެ %70 މާލެއަށް ޖަމާކުރަމުން އެ ދަނީ. މާލެ ސަރަހައްދުގެ ފަޅުތަކަށް އަގުބޮޑު ވެލިތައް އަޅަމުން އެ ދަނީ. ޕީއެންސީން ގަބޫލުކުރާ ޖާހިލު، ދުވަސްވީ ސިޔާސަތުތަކުން މި ރާއްޖެއަށް ބަދަލެއް ގެެނެވޭ ތަނެއް ނުފެނޭ،" ނިޒާރު ވިދާޅުވި އެވެ.
ރައްޔިތުންގެ މަޖިލީހުގެ މެންބަރުކަން ވެސް ކުރައްވާފައިވާ ނިޒާރު ވިދާޅުވީ ރައީސްގެ ރިޔާސީ ބަޔާނުގައި އައްޑުއަށް އިޝާރާތްކުރެއްވި ކަންކަމަކީ ވެސް ހަގީގަތުގައި ނުރައްކަލެއް ކަމަށެވެ. އަދި އެއީ އެ ބަޔާނުގައި ހިމެނޭ ނުރައްކާތެރި ވާހަކަ ކަމަށް ވެސް ވިދާޅުވި އެވެ.
"ރައީސްގެ ރިޔާސީ ބަޔާނުގައި އެންމެ ނުރައްކާތެރި ކަމެއް ގޮތުގައި އޮތީ، އައްޑޫ ސިޓީއަކީ ޓެކްސް ފްރީ ޒޯނަކަށް ހަދައި ވިޔަފާރިތަކަށް ދޭ ބިންތަކުން ކުލި މައާފްކުރުން،" ނިޒާރު ވިދާޅުވި އެވެ.
ޓެކްސް އާއި ކުލި މާފުކުރަން ސަރުކާރުން ނިންމި އިރު، އެއީ އައްޑޫ ސިޓީ ކައުންސިލަށް ލިބޭ އާމްދަނީގެ %80 ކަމަށް ނިޒާރު ވިދާޅުވި އެވެ. ސަރުކާރުން ދޭ ގްރާންޓުން އިދާރީ ކަންކަމަށް ހަރަދުކުރުމަށް ފަހު ސިޓީ ކައުންސިލަށް ތަރައްގީގެ ކަންކަން ކުރެވެނީ ބިމުގެ ކުލިން ލިބޭ އާމްދަނީން ކަމަށް އޭނާ ވިދާޅުވި އެވެ.
"އެ ލާރިކޮޅު ވެސް ނުދީ މި އައްޑޫ ސިޓީ އެއްކޮށް މަރުވާން އެ ދޫކޮށްލަނީ،" ނިޒާރު ވިދާޅުވި އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ