އިންސްޓަގްރާމެކޭ އެއްގޮތަށް ވަޓްސްއެޕްގައި ވެސް 'ކްލޯޒް ފްރެންޑްސް' ފީޗާ ތައާރަފުކުރަނީ

ދުނިޔޭގެ އެންމެ މަގުބޫލު މެސެޖިން އެޕްލިކޭޝަން ކަމަށްވާ ވަޓްސްއެޕްގެ ސްޓޭޓަސްގައި، އިންސްޓަގްރާމެކޭ އެއްގޮތަށް "ކްލޯޒް ފްރެންޑްސް" ނުވަތަ ގާތް ރަހުމަތްތެރިންނަށް އެކަނި ފެންނަ ގޮތަށް ސްޓޭޓަސް ލެވޭ ފީޗާއެއް ތައާރަފުކުރުމުގެ މަސައްކަތް ފަށައިފިއެވެ. މި ފީޗާގެ ސަބަބުން، ވަޓްސްއެޕް ބޭނުންކުރާ ފަރާތްތަކަށް އެ މީހުންގެ ސްޓޭޓަސް އަޕްޑޭޓްތައް ހިއްސާކުރާނެ މީހުން ކަނޑައެޅުމުގައި އިތުރު ފަސޭހަތަކެއް ލިބޭނެއެވެ. މިއީ ވަކި ޚާއްސަ ބަޔަކަށް ނުވަތަ ގާތް މިތުރުންނަށް އެކަނި ފެންނަ ގޮތަށް ޕްރައިވެޓްކޮށް ސްޓޭޓަސް ހިއްސާކުރުމަށް މަގުފަހިކޮށްދޭ ފީޗާއެކެވެ. ވަޓްސްއެޕްގެ ޚަބަރުތައް ގެނެސްދޭ ވެބްސައިޓެއް ކަމަށްވާ "ޑަބްލިޔުއޭބީޓާއިންފޯ" އިން ރިޕޯޓުކޮށްފައިވާ ގޮތުގައި، މި އާ ފީޗާ ފެނިފައިވަނީ އެންޑްރޮއިޑް ބީޓާ ވާޝަން (2.26.5.13) ގައެވެ. މި ފީޗާ ބޭނުންކޮށްގެން ކޮންމެ ފަހަރަކު ޕްރައިވެސީ ސެޓިންގްސް ބަދަލުކުރުމުގެ ބަދަލުގައި، "ކްލޯޒް ފްރެންޑްސް" ލިސްޓެއް ހަދާލެވޭނެއެވެ. މި ލިސްޓަށް މީހުން އިތުރުކޮށް އުނިކުރުން، ސްޓޭޓަސް ޕްރައިވެސީ ސެޓިންގްސް ނުވަތަ ސީދާ ސްޓޭޓަސް ސްކްރީން މެދުވެރިކޮށް ވެސް ކުރެވޭނެއެވެ. މި ލިސްޓަށް ގެންނަ ބަދަލުތައް އަސަރުކުރާނީ އެ ބަދަލު ގެނައުމަށްފަހު ލާ ސްޓޭޓަސްތަކަށެވެ. ރިޕޯޓުތައް ބުނާގޮތުން، ކްލޯޒް ފްރެންޑްސް ލިސްޓުގައި ހިމެނޭ މީހަކަށް އެފަދަ ސްޓޭޓަސްއެއް ފެންނައިރު، އެ މީހާގެ ޕްރޮފައިލް ފޮޓޯގެ ވަށައިގެން ތަފާތު ކުލައެއްގެ (އިންސްޓަގްރާމްގައި ފެހި ކުލަ) ރިންގެއް ލެވިފައި އިންނާނެއެވެ. މީގެ ބޭނުމަކީ އެއީ ހަމައެކަނި ގާތް މީހުންނަށް ހިއްސާކޮށްފައިވާ ސްޓޭޓަސްއެއްކަން އަންގައިދިނުމެވެ. މި ފީޗާ އާއްމުކޮށް ދޫކޮށްލާނެ ތާރީޚެއް އަދި ހާމަކޮށްފައެއްނުވޭ --- މި ފީޗާ އަދި އޮތީ ތަރައްގީކުރުމުގެ މަރުހަލާގައެވެ. އާންމުކޮށް ހުރިހާ ޔޫޒަރުންނަށް މި ފީޗާ ދޫކޮށްލާނެ ތާރީޚެއް އަދި ހާމަކޮށްފައި ނުވި ނަމަވެސް، ބީޓާ ޓެސްޓަރުންނަށް ވަރަށް އަވަހަށް މި ފީޗާ ލިބޭނެ ކަމަށް ބެލެވެއެވެ. މީގެ އިތުރުން، ވަޓްސްއެޕުން ޕްރީމިއަމް ސްޓިކާތަކާއި ތީމްތައް ހިމެނޭ ގޮތަށް، އިތުރު ފީޗާތައް ލިބޭނެ ޚާއްސަ ސަބްސްކްރިޕްޝަން ޕްލޭނެއް ތައާރަފުކުރުމަށް ވެސް ވިސްނަމުންދާ ކަމަށް ފަހުގެ ރިޕޯޓުތަކުން ދައްކައެވެ. ވަޓްސްއެޕާއި އިންސްޓަގްރާމަކީ އެމެރިކާގެ މެޓަ ކުންފުނީގެ ދަށުން ހިންގާ ސޯޝަލް މީޑިއާ ޕްލެޓްފޯމްތަކެކެވެ. ފަހަކަށް އައިސް މެޓައިން ގެންދަނީ މި އެޕްލިކޭޝަންތަކުގައި ހިމެނޭ ފީޗާތައް އެއްގޮތްކޮށް، ޔޫޒަރުންނަށް ވީހާވެސް ފަސޭހައިން ބޭނުންކުރެވޭނެ ގޮތަށް ބަދަލުތައް ގެންނަމުންނެވެ. އިންސްޓަގްރާމްގައި "ކްލޯޒް ފްރެންޑްސް" ފީޗާ ތައާރަފުކޮށްފައިވަނީ 2018 ވަނަ އަހަރުއެވެ. އެއީ ވަރަށް މަގުބޫލު ފީޗާއަކަށް ވެފައިވާއިރު، މިހާރު ވަޓްސްއެޕްގައި ސްޓޭޓަސް ސިއްރުކުރުމަށް ނުވަތަ ވަކި ބަޔަކަށް ދެއްކުމަށްޓަކައި ކޮންމެ ފަހަރަކު 'ޕްރައިވެސީ ސެޓިންގްސް'އަށް ވަދެ ބަދަލުކުރަން ޖެހުމަކީ ގިނަ ބަޔަކު ފާހަގަކުރާ ދަތިކަމެކެވެ. މި އާ ފީޗާއާއެކު އެކަމަށް ހައްލެއް ލިބޭނެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ