ރާއްޖޭގެ ފުޓްބޯޅަ ހުއްޓިފައި އޮތުމަށް ފަހު އަލުން ފަށައިގެން ވެސް މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަނުން މެޗަކުން ބަލިނުވެ، ޖެހިޖެހިގެން ދެ ފަަހަރު ދިވެހި ޕްރިމިއާ ލީގުގެ ޗެމްޕިއަންކަން ހޯދުމަކީ ފަސޭހަ ކަމެއް ނޫން ކަމަށާއި ނަމޫނާ މަސައްކަތެއް ކަމަށް ޓީމުގެ ކޯޗު، ސްޕެއިނުގެ ލުއިސްމާ ހެނާންޑޭޒް ބުނެފި އެވެ.
މާޒިޔާ އިން ޖެހިޖެހިގެން ފަސް ވަނަ ފަަހަރަށް ލީގު ޗެމްޕިއަންކަން ހޯދިއިރު، މިއީ އެ ޓީމުން ލީގު ކާމިޔާބުކުރި ހަ ވަނަ ފަހަރެވެ. ބާކީ ދެ މެޗު އޮއްވައި، މާޒިޔާ އިން މި ފަހަރު ލީގު ކާމިޔާބުކުރިއިރު، އެ ޓީމުން މި ވަނީ ކްލަބް ތާރީހުގައި ތިން ވަނަ ފަހަރަށް މެޗަކުން ބަލިނުވެ ލީގުގެ ޗެމްޕިއަންކަން ހޯދައިފަ އެވެ. މާޒިޔާ އިން އެންމެ ފުރަތަމަ ލީގު ކާމިޔާބުކުރީ 2016 ގަ އެވެ. އަދި، ބަލިނުވެ ލީގު ކާމިޔާބުކުރި އަހަރުތަކަކީ، 2020-21 ސީޒަނާއި 2023 ވަނަ އަހަރުގެ ލީގުގެ އިތުރުން މި ފަހަރެވެ.
މި ސީޒަނުގައި މާޒިޔާ ގޮވައިގެން ހެނާންޑޭޒް ވަނީ އެފްއޭއެމް ލީގު ކަޕް ޗެމްޕިއަންކަމާއި ޗެރިޓީ ޝީލްޑް ވެސް އުފުލާލައިފަ އެވެ. އަދި، ރޭ އޮޑި ސްޕޯޓްސް ކްލަބް އަތުން 1-0 އިން މޮޅުވެ، ލީގު ޗެމްޕިއަންކަން މާޒިޔާ އަށް ހޯދައިދިން ހެނާންޑޭޒް، "އަދަދު ސްޕޯޓްސް" އަށް ދިން ހާއްސަ އިންޓަވިއުއްގައި ބުނެފައިވަނީ، މެޗަކުން ބަލިނުވެ ޗެމްޕިއަންކަން ހޯދުން ހާއްސަ ކަމަށެވެ.
"ވަރަށް ދިގު އެކި ކަހަލަ ކަންކަން ދިމާވި (ލީގު) ސީޒަނެއް މިއީ. ގިނަ ހާލަތްތަކެއް ކުރިމަތިވި. އަހަރެމެން ބޭނުންވި ކަންކަން ހާސިލްވެއްޖެ. ވަރަށް ހިތްހަމަަޖެހޭ ކްލަބާ މެދު. ސަޕޯޓަރުންނާ މެދު، ކޯޗިން ސްޓާފުންނާ މެދު، އަދި ވަކިން ހާއްސަކޮށް ހުރިހާ ކަމެއް މި ހާސިލްކުރި ކުޅުންތެރިންނާ މެދު،" ހެނާންޑޭޒް ބުންޏެވެ.
ތަޖުރިބާކާރު ކޯޗު ހެނާންޑޭޒް މި ވަނީ މީގެ ކުރިން ދެކުނު ކޮރެއާ، ކުވެއިތު، ލިތުއޭނިއާ އަދި އުޒްބެކިސްތާނުގައި އެކި މަސައްކަތްތަކެއް ކޯޗިންގައި ކޮށްފަ އެެވެ. އޭނާ ބުނީ ކޯޗިން ކެރިއަރުގެ ކާމިޔާބީ އަށް ރާއްޖޭގެ ނަން ވެސް މިހާރު މި ހިމެނުނީ މާޒިޔާއާ އެކު ލީގު ކަޕް، ޝީލްޑް އަދި ލީގު ހޯދައިގެން ކަމަށެވެ.
ހެނާންޑޭޒް ވަނީ، މާޒިޔާ އިން ފުޓްބޯޅަ އަށް ޓަކައި މި ކުރާ މަސައްކަތުގެ މުހިންމުކަން ފާހަގަކޮށްފަ އެވެ. އަދި، އޭއެފްސީ ޗެެލެންޖު ލީގުގެ ކޮލިފައިން މެޗުން މިިދިޔަ އޮގަސްޓް މަހު ބަލިިވި ފަހުން ދިމާވި ހާލަތްތަކަށް ފަހު ވެސް ކްލަބްގެ ކަންކަން އިސްކޮށް ކުރި މަަސައްކަތް ހެނާންޑޭޒް ދެކެނީ މުހިންމު ކަމެއްގެ ގޮތުގަ އެވެ.
"ސްކޮޑު ކުޑަކުރަން ޖެހުމުން އެކަން ވެސް ކުރަންޖެހުނު. ދެން، ހުރިހާ ކަމެއްގެ ތެރެއިން އަހަރެމެން ބެލެންސެއް ހޯދިން، ދުވަސްވީ ކުޅުންތެރިންނާއި ޒުވާން ކުޅުންތެރިން އެކުލެވޭ ގޮތަކަށް ކުރިއަށްދާން. މި ކަންކަމަށްޓަކައި އަހަރެން ވަރަށް ފަހުރުވެރިވޭ،" ހެނާންޑޭޒް ބުންޏެވެ.
މިހާތަނަށް މި އަހަރުގައި ލިބުނު ކާމިޔާބީތަކާ އެކު، ސީޒަންގެ ބާކީބައިގައި އޮތް އެފްއޭ ކަޕާއި ޕްރެޒިޑެންޓްސް ކަޕަށް ވެސް މާޒިޔާ އިން ސަމާލުވެގެން ނުކުންނާނީ ކާމިޔާބީ ކުރިއަށްގެންދިއުމަށް ކަމަށް ހެނާންޑޭޒް ވަނީ ބުނެފަ އެވެ. ލީގު ކާމިޔާބު ކުރެވުނީ ކުޅުމަށް ބަލާއިރު ވެސް ރަނގަޅު މަސައްކަތްތަކެއް ކޮށްގެންކަން ފާހަގަކޮށް ހެނާންޑޭޒް ބުނީ، މާޒިޔާ އިން ކުރިއަށް ހުރި ހުރިހާ މެޗަކުން ވެސް މޮޅުވެ، ކުޅުންތެރިން ޑިވެލޮޕްކުރުމުގެ މަސައްކަތް ވެސް ހުއްޓައިނުލައި ކުރިއަށްގެންދާނެ ކަމަށެވެ.
"ހަނދާނުގައި ބަހައްޓަންޖެހޭ ކަމެއް. އަހަރެމެން މި މަސައްކަތް ކުރަނީ ގައުމީ ޓީމުތަކުން ދެން ކުޅެން ޖެހޭ މެޗުތަކަށް ރަނގަޅު އަދަދަކަށް މޮޅު ލެވަލަކަށް ކުޅުންތެރިން ގެންނަން،" ހެނާންޑޭޒް ބުންޏެވެ.
ހެނާންޑޭޒް ވަނީ މާޒިޔާގައި އޭނާ އަށް މި ލިބުނު ކާމިޔާބީ އާއިލާ އަށް ހާއްސަކޮށްފަ އެވެ. ޗެމްޕިއަންކަން ހޯދައި، ލީގުގެ އައްޑަނަ ހިފައިގެން ހުރިއިރު، ހެނާންޑޭޒްގެ އެއް އަތުގައި އޮތީ އާއިލާގެ މެމްބަރުން ހިމެނޭ ފޮޓޯގަނޑެކެވެ.
މާޒިޔާ އަށް ދެން އޮތީ ޕްރެޒިޑެންޓްސް ކަޕް އެވެ.
މާޒިޔާގެ ކާމިޔާބަކީ ފަސޭހަކަމެއް ނޫން، ނަމޫނާ މަސައްކަތެއް: ހެނާންޑޭޒް މާޒިޔާގެ ކާމިޔާބަކީ ފަސޭހަކަމެއް ނޫން، ނަމޫނާ މަސައްކަތެއް: ހެނާންޑޭޒް
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ