ލޭ ހަދިޔާކުރާ މިންވަރު އަދިވެސް މަދު، އިތުރުވާނެ ކަމަށް ބެލެވެނީ އަންނަ މަހު: ލޭ އެޕް

ލޭ ހަދިޔާކުރާ މިންވަރު އަދިވެސް މަދު ކަމަށާއި، އާންމުކޮށް ލޭ ލިބޭ މިންވަރަށް ލިބެން ފަށާނީ އަންނަ މަސް ތެރޭގައި ކަމަށް, ލެޔާ ގުޅޭ ޚާއްޞަ އެޕްލިކޭޝަން ''ލޭ އެޕް''އިން މިއަދު ބުނެފިއެވެ. މިދިޔަ މަހުގެ ތެރޭގައި މޯލްޑިވްސް ބްލަޑް ސާވިސަސް (އެމްބީއެސް)އިން ވަނީ ބްލަޑް ބޭންކުގައި ހުރި ލޭ މަދުވެ، ލޭ ލިބުން ދަތިވެފައިވާކަން ފާހަގަކޮށް، ލޭ ހަދިޔާކޮށްދިނުމަށް އެދިފައެވެ. އޭގެ ފަހުން، ލޭ އެޕްއިން ވެސް ވަނީ ބްލަޑް ބޭންކުގައި ހުރި ލޭ އިންތިހާއަށް މަދުވެ، އޭރު ހުރި ވަރުން ބަލިމީހުންނަށް ލޭ ނުދެވޭނެ ކަމުގެ ބިރު ބޮޑުވެފައިވާ ކަމަށް ބުނެފައެވެ. https://sun.mv/217320 ލޭ ހަދިޔާ ކުރުމަށް ހިތްވަރު ދިނުމުގެ ގޮތުން އިއްޔެގެ ހުކުރު ޚުތުބާ ވެސް ޚާއްސަ ކޮށްފައިވަނީ "ލޭ ހަދިޔާކުރުމަކީ ޞަދަޤާތެއް!" އެ މައުޟޫއުގެ މައްޗަށެވެ. އެ މަސައްކަތްތަކާއެކި ލޭ ހަދިޔާ ކުރުން އިތުރުވެފައިވޭތޯ ސުވާލުކުރުމުން، ލޭ އެޕުން މިއަދު "ސަން"އާ ހިއްސާކުރި މައުލޫމާތުގައި ވަނީ، މި ދުވަސްވަރު ލޭ ލިބުން ދަތިވަނީ، މިހާރު ފެތުރެމުންދާ ބަލިތަކުގެ ސަބަބުން ކަމަށެވެ. އެގޮތުން، މިއީ އުމްރާވެރީން އަޅުކަން ނިންމުމަށްފަހު އެނބުރި އަންނަ ދުވަސްވަރެއް ކަމަށް ވުމުން ހުމާއި ރޯގާގެ އިތުރުން ބޭރަށް ހިންގުން މި ދުވަސްވަރު އާންމުވެފައި ވާކަން ފާހަގަކޮށްފައިވެއެވެ. https://sun.mv/217634 ފާހަގަކޮށްލެވޭ ގޮތުގައި، ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ)އިން ވެސް އިއްޔެ ވަނީ ރާއްޖޭގައި މި ދުވަސްވަރު, ބޭރަށް ހިންގުމާއި ހޮޑުލުމުގެ ރޯގާ އަދިވެސް އިތުރުވަމުން ކަމަށް ބުނެފައެވެ. މީގެ އިތުރުން ލޭ އެޕުން ވަނީ، މި ދުވަސްވަރަކީ ރިސޯޓުތަކަށް އަންނަ ފަތުރުވެރިންގެ އަދަދު އިތުރުވެފައިވާ 'ޕީކް ސީޒަން' ކަމަށް ވުމުން، ރިސޯޓުތަކުން އާންމުކޮށް ލޭ ހަދިޔާކުރާ މީހުންނަށް މި ދުވަސްވަރު ލޭ ދޭން ދަތިވާކަން ފާހަގަކޮށްފައެވެ. ތެލެސީމިއާ ސެންޓަރުގައި ސިފައިން ލޭ ހަދިޔާކުރުން: ލޭ ހަދިޔާކުރާ މިންވަރު އަދިވެސް މަދު ކަމަށް ލޭ އެޕުން ބުނޭ -- ފޮޓޯ/ އެމްއެންޑީއެފް އެހެންކަމުން، ޕީކް ސީޒަން ނިމި އަންނަ މަހުގެ މެދުތެރޭ ހިސާބުގައި އާންމުކޮށް ލޭ ލިބޭ މިންވަރަށް ލިބެން ފަށާނެ ކަމަށް، ލޭ އެޕުން ލަފާކޮށްފައިވެއެވެ. އެ އެޕްގެ މައުލޫމާތުގައިވާ ގޮތުން ގަވާއިދުން ލޭ ދޭ މީހުންގެ ތެރޭގައި އެންމެ ގިނައީ އުމުރުން 27 އަހަރުން މަތީގެ ޒުވާނުންނެވެ. ނަމަވެސް އުމުރުން 18އަހަރުން މަތިވެ، ބަރުދަން 45 ކިލޯއަށް ވުރެ މަތިވާ ކޮންމެ މީހަކަށް ލޭ ހަދިޔާ ކުރެވޭނެއެވެ. https://x.com/leyapp_mv/status/2016826531931361738 ލޭ ހަދިޔާކުރާ މީހުންގެ ހަށިގަނޑުން ލޭ ނަގަނީ ލޭގެ ގްރޫޕު ދެނެގަނެ، ލޭ ހަދިޔާކުރާ މީހާގެ ސިއްހީ ހާލަތު ފަދަ ކަންކަން ބެލުމަށްފަހު ކަމާއި، އެކަން ކުރަނީ ރައްކާތެރި ފިޔަވަޅު އެޅުމަށްފަހުކަން، ލޭ އެޕުން ވަނީ ފާހަގަކޮށްފައެވެ. އެހެންކަމުން ލޭ ހަދިޔާކުރަން ބޭނުންވާ ފަރާތްތައް ހުޅުމާލޭގައި ނަމަ އޮރެންޖު ހިޔާ ނުވަތަ ހުޅުމާލެ ހޮސްޕިޓަލް، އަދި މާލޭގައި ނަމަ އައިޖީއެމްއެޗަށް ގޮސް ލޭ ހަދިޔާކުރެވޭނެ ކަމަށް، ލޭ އެޕުން ވަނީ ބުނެފައެވެ. ހުޅުމާލޭގެ އޮރެންޖު ހިޔާގައި ހުންނަ މޯލްޑިވްސް ބްލަޑް ސާވިސަސްގެ ބްލަޑް ބޭންކު ހުޅުވާފައި ހުންނާނީ ހުކުރު ދުވަސް ފިޔަވައި ކޮންމެ ދުވަހަކު ހެނދުނު 08:00 އިން ރޭގަނޑު 08:00 އަށެވެ. އެ އެޕުން ވަނީ ލޭ ހަދިޔާކުރުމަކީ ފަރުދީ ޒިންމާއެއް ކަމުގައި ދެކިގެން ލޭ ހަދިޔާކުރެވޭ މީހުން އެއްވެސް ލަސްކުރުމެއް ނެތި ލޭ ހަދިޔާކުރުމަށް ގޮވާލައިފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ