ރައީސް މުހައްމަދު ނަޝީދުގެ ވެރިކަން ފުރޮޅުނު ހިސާބުން ދިވެހިންނަށް ލިބުނު ޑިމޮކްރަސީ މިއަދު ވެފައިވަނީ ވަގުތީ އެއްޗަކަށް ކަމަށް އެމްޑީޕީގެ ކުރީގެ ޗެއާޕާސަން ފައްޔާޒް ފައިސަލް ވިދާޅުވެއްޖެއެވެ.
ކުރީގެ ރައީސް ނަޝީދުގެ އިސްތިއުފާއަށްފަހު ފެބުރުއަރީމަހުގެ 7 ވަނަ ދުވަހު ހިނގާދިޔަ ހާދިސާގެ ހަނދާންތައް އާ ކުރައްވައި ފައްޔާޒް އެކްސްގައި ވަނީ ޕޯސްޓެއް ކުރައްވާފައެވެ. އެ ޕޯސްޓްގައި ފައްޔާޒް ވަނީ، އޭގެ ކުރިން ދުވަހާއި އެދުވަހުގެ އިތުރުން ފަހުން ރައްޖޭގެ ވެރިކަމުގެ ނިޒާމާ ގުޅޭގޮތުން ވާހަކަދައްކަވާފައެވެ.
ފައްޔާޒުގެ ޕޯސްޓްގައި ވިދާޅުވީ ދިވެހިންގެ ކިބައިން ޑިމޮކްރަސީ ފޭރިގަތްތާ މިއަދަށް 14 އަހަރުވެގެންދިޔައިރު، އޭރުގެ ރައީސް ނަޝީދުގެ ވެރިކަން ބަދަލުކުރުވީ މަޖުބޫރުންކަމަށް ވިދާޅުވެފައެވެ. މި ޕޯސްޓްގައި ފައްޔާޒު ވަނީ، ރައީސުލްޖުމްހޫރުރިއްޔާގެ ނައިބުގެ މަގާމުގައި ހުންނެވި ޑރ. މުހައްމަދު ވަހީދަށް އަމާޒުކުރައްވައި ވަރަށްބޮޑަށް ފާޑުވިދާޅުވެފައެވެ. އެގޮތުން މިފަހުން ހާމަވި އެޕްސްޓެއިންގެ ފައިލްތަކުންވެސް އެނގިގެންދިޔައީ އެ ހާދިސާ ހިނގި ގޮތުގެ ހަގީގަތްކަމަށް ފައްޔާޒް ފާހަގަކުރެއްވިއެވެ.
ފައްޔާޒްގެ ޕޯސްޓްގައި ވިދާޅުވީ ރައީސް ނަޝީދުގެ ވެރިކަން ބަދަލުކުރި ފަރާތްތައް މަޤްސަދަކަށްވީ އެމީހުންގެ އަމިއްލަ ނަފްސާއި ބާރުވެރިކަން ދެމެހެއްޓުން ކަމަށާއި މިއަދުވެސް އެމީހުންގެ ކިބައިން ފެނިގެންދަނީ އެކަންކަން ކަމަށެވެ.
ފައްޔާޒް ވިދާޅުވީ ރައީސް ނަޝީދު އިސްތިއުފާ ދެއްވުމަށްފަހު ޖެހިގެން އައި ފެބުރުއަރީމަހުގެ 7 ވަނަ ދުވަހު ފެނިގެންދިޔައީ، މީގެ ކުރިން މި ޤައުމުގެ އެތެރެއިން ފެނިފައިނުވާފަދަ އަނިޔާވެރި ލާއިންސާނީ އަމަލުތަކެއްކަމަށެވެ. އިސްލާހީ މަސައްކަތްތަކުގައި އުޅުނު މީހުންނަށް އެދުވަހު އެސްއޯ ފުލުހުންގެ ފަރާތުން ކުރިމަތިވި އަނިޔާތައް ފާހަގަކުރައްވައި ފައްޔާޒް ވިދާޅުވީ، އިސްލާހީ މަސައްކަތްތެރިންނަށް އެދުވަހު ކުރިމަތިލާންޖެހުނު ލާއީންސާނީ ކަންކަން އަދި އެމީހުންގެ ގުރުބާނީ ދުވަހަކުވެސް ހަނދާނުން ފޮހެވިގެން ނުދާނޭކަމަށެވެ.
ފައްޔާޒް ވިދާޅުވީ، ފުލުހުންނާއި، ކޯޓުތަކާއި، ރައްޔިތުންގެ ހިމާޔަތުގައި ހުންނަންޖެހޭ ދައުލަތުގެ މުއައްސަސާތަކަށް އޮތް އިތުބާރު އެ ދުވަހުން ފެށިގެން މިއަދާ ހަމައަށްވެސް އޮތީ ގެއްލިފައި ކަމަށެވެ. ގައުމުގެ އިސްލާހީ ދަތުރު އޮޅުންބޮޅުންވެ މިއަދާހަމަޔަށް އާއިރު އުޅެން ޖެހިފައިމިވަނީ އެތައް ގުރުބާނީއަކުން ހޯދި އަސާސީ ހައްގުތައް ދިފާއުކުރުމަށްޓަކައި ކުރަންޖެހޭ ބޮޑު ހަނގުރާމައެއްގެ ތެރޭގައިކަން ފައްޔާޒް ފާހަގަކުރެއްވިއެވެ.
މި ޕޯސްޓްގައި ފައްޔާޒް ވިދާޅުވީ އެމްޑީޕީ ފިޔަވައި އޭގެފަހުން ރާއްޖޭގެ ވެރިކަމަށް އައި ފަރާތްތަކުން މަސައްކަތް ކުރަމުންދިޔައީ އަމިއްލަ ބާރުވެރިކަން ވަރުގަދަކުރުމަށްކަމަށެވެ. ނަމަވެސް މި ދުވަސްތައްވެސް ހިގައިދާނޭކަމަށާއި، މިއަށްވުރެ އުޖާލާ ފާގަތި ދުވަސްތަކެއް އަދި ފެންނާނޭކަމަށް ފައްޔާޒް ވަނީ ވިދާޅުވެފައެވެ.
ރައީސް މައުމޫންގެ ވެރިކަމަށްފަހު 2008 ވަނަ އަހަރު ވެރިކަމަށް އައި, ރައީސް ނަޝީދުގެ ވެރިކަން ނިމުމަކަށް އައިސްފައިވަނީ 2012 ވަނަ އަހަރުގެ ފެބުރުއަރީމަހުގެ 7 ވަނަ ދުވަހުއެވެ.
ރައީސް ނަޝީދުގެ ވެރިކަން ފުރޮޅާލި ހިސާބުން ޑިމޮކްރަސީ ވެފައިވަނީ ވަގުތީ އެއްޗަކަށް: ފައްޔާޒް
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ