އިންޑިއާގައި ގަވާއިދާ ހިލާފަށް ހަދާފައިވާ މައިނެއް ގޮވައި 18 މީހުން މަރުވެއްޖެ

އިންޑިއާގެ އިރުއުތުރުގެ ސްޓޭޓެއް ކަމަށްވާ މެގަލާޔާގައި ހުއްދަ ނެތި ހަދާފައިވާ މައިނެއް ގޮވައި 18 މީހުން މަރުވެއްޖެއެވެ. މައިނު ތެރޭގައި އިތުރު ބަޔަކު ތާށިވެފައިވާ ކަމުގެ ބިރު އޮތް ކަމަށްވެސް އޮފިޝަލަކު ވިދާޅުވިއެވެ. މި ގޮވުން ގޮވާފައި ވަނީ އިންޑިއާ ގަޑިން އިއްޔެ ހެނދުނު 10 ޖަހާ އެހާކަންހާއިރު މެގަލާޔާގެ ފަރުބަދަމަތީ ސަރަހައްދެއްގައި ހުންނަ "ރެޓް ހޯމް" މައިންގައި ކަމަށް އެ ސަރަހައްދުގެ ޑެޕިއުޓީ ކޮމިޝަނަރު މަނީޝް ކުމާރާ ހަވާލާދީ ރޮއިޓާސް އިން ރިޕޯޓުކޮށްފައިވެއެވެ. އެ މައިނަށް "ރެޓް ހޯމް" ގެ ނަން ދީފައި ވަނީ މައިންގެ ޓަނަލް ތަކަކީ އެތަނުގެ މަސައްކަތްތެރިންނަށް ކިރިޔާ ވަދެވޭ ގޮތަށް ހުންނަ ޓަނަލްތަކަކަށް ވާތީ ކަމަށްވެސް މަނީޝް ވިދާޅުވިއެވެ. ފުލުހުން ހާދިސާ ހިނގި ސަރަހައްދުގައި ތިބެ ސަލާމަތީ އޮޕަރޭޝަންތައް ހިންގަމުން އައި ނަމަވެސް ސާމާނު ނެތުމުން މައިން ކުރާ މީހުންނާ ގުޅުމަށް ކުރާ މަސައްކަތް މެދުކަނޑާލާފައިވާ ކަމަށް މަނީޝް ވިދާޅުވިއެވެ. އަދި އެ ހާދިސާގައި އަށް މީހަކަށް އަނިޔާވެފައިވާ ކަމަށްވެސް އޭނާ އިތުރަށް ވިދާޅުވިއެވެ. އެއް އިރެއްގައި އިންޑިއާގެ އިރުއުތުރުގެ ސްޓޭޓްތަކުގައި ރެޓް ހޯލް މައިން ގިނައިން ބޭނުންކުރި ނަމަވެސް ގިނަ އަދަދެއްގެ މީހުން މަރުވުމާއި ތިމާވެއްޓަށް ލިބޭ ގެއްލުންތަކުގެ ސަބަބުން 2014 ވަނަ އަހަރު އެ މައިން މަނާކުރިއެވެ. މީގެ ކުރިން 2018 ވަނަ އަހަރުވެސް މެގަލަޔާ ސްޓޭޓްގެ އެފަދަ މައިނެއް ގޮވައި 15 މީހުން ވަނީ މަރުވެފައެވެ. އިންޑިއާގެ އިރުމަތީ އަދި އިރުއުތުރު ސަރަހައްދުތަކުގައި ގަވާއިދާ ހިލާފު މައިން ހެދުން އާންމުވެފައިވާއިރު، އެ ތަންތަނުގައި މަސައްްކަތް ކުރުމުން މަސައްކަތްތެރިންނަށް ދުވާލަކަށް ލިބެނީ 18 ޑޮލަރާއި 24 ޑޮލަރާ ދެމެދުގެ އާމްދަނީއެކެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ