ނިމުނު ހަފުތާ: އިންތިޚާބުތައް ނިމި، އިޤްޞާދީ އިސްްލާޙީ ފިޔަވަޅުތަކެއް

ނިމުނު ހަފުތާ ފާހަގަކުރެވެނީ ރާއްޖޭގައި މިހާތަނަށް ބޭއްވި އެންމެ ބޮޑު އެއް އިންތިޚާބީ ހަރަކާތް ބޭއްވުނު ހަފުތަގެ ގޮތުގައެވެ. އޭގެ އިތުރުން މެދުއިރުމަތީގެ ހަނގުރާމައާ ގުޅިގެން ކުންފުނިތަކުން އަޅާނެ ޚަރަދުކުޑަކުރުމުގެ ފިޔަވަޅުތައް ވަނީ ހާމަކުރައްވާފައެވެ. ހަމައެއާއެކު ސަރުކާރުގެ ބައެއް ކުންފުނިތަކުގެ އިސްވެރިން މަގާމުން ވަކި ކުރުމާއި ބައެއް ހާދިސާތައް ނިމުނު ހަފްތާގައި ހިންގާފައިވާކަން ފާހަގަކުރެވެއެވެ.
(05 އޭޕްރީލް) ނިމުނު ހަފްތާގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވަނީ ކޮމިޝަނަރ އޮފް ޕޮލިސްގެ މަޤާމަށް މ.ގުލްބަހާރުގެ، އަޙްމަދު މުޙައްމަދު، މިއަދު ޢައްޔަންކުރައްވައިފިއެވެ. ކޮމިޝަނަރ އޮފް ޕޮލިސްގެ މަޤާމަށް އަޙްމަދު މުޙައްމަދު ޢައްޔަންކުރެއްވި އިރު ހުންނެވީ އެސިސްޓެންޓް ކޮމިޝަނަރ އޮފް ޕޮލިސްގެ މަޤާމުގައެވެ.
(06 އޭޕްރީލް) ރައީސުލްޖުމްހޫރިއްޔާ އާއި އެމަނިކުފާނުގެ އަނބިކަނބަލުން ޢުމްރާގެ އަޅުކަން އަދާކުރެއްވުމަށް ސަޢޫދީ ޢަރަބިއްޔާއަށް ވަޑައިގެންނެވީ ނިމުނު ހަފުތާގައެވެ. ޢުމްރާގެ މަތިވެރި އަޅުކަން އަދާކުރެއްވުމަށް ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ސަޢޫދީޢަރަބިއްޔާއަށް ކުރައްވާ މި ދަތުރުފުޅުގެ މެހުމާންދާރީއާއި ހުރިހާ ޚަރަދެއް ހަމަޖައްސަވައިދެއްވަނީ ސަޢޫދީޢަރަބިއްޔާގެ ސަރުކާރުންނެވެ.
ނިމިދިޔަ ހަފުތާގައި ރައީސުލްޖުމްހޫރިއްޔާ ވަނީ ކުޅިވަރަކީ ހަމައެކަނި ޙަރަކާތެއްކަމުގައި ނުދެކި، ކުޅިވަރުގެ ޒަރީޢާއިން ދިރިއުޅުމަށް ކުރިއެރުމާ ސުލްޙަ މަސަލަސްކަން ހޯދުމަށް އެންމެހާ ދިވެހިންނަށް އިލްތިމާސް ކުރައްވާފައެވެ. "އިންޓަރނޭޝަނަލް ޑޭ އޮފް ސްޕޯރޓްސް ފޯރ ޑިވެލޮޕްމަންޓް އެންޑް ޕީސް" ގެ މުނާސަބަތުގައި ރައީސް ވިދާޅުވީ ކުޅިވަރަކީ މަސްތުވާތަކެތި ބޭނުންކުރުމާ، ކަރަޕްޝަން އަދި މާރާމާރީފަދަ އިޖުތިމާޢީ ބޮޑެތި މައްސަލަތަކަށް އޮތް ވަރުގަދަ ހައްލެއް ކަމުގައެވެ.
މީގެ އިތުރުން ދުނިޔޭގެ ޞިއްޙަތު ދުވަހުގެ މުނާސަބަތުގައި ފޮނުއްވި މެސެޖުގައި ރައީސުލްޖުމްހޫރިއްޔާ ވަނީ ދިވެހިރާއްޖޭގެ ޞިއްޙީ ސިޔާސަތުތަކާއި ފިޔަވަޅުތައް އެޅުމުގައި، ސައިންސާއި ހެއްކަށް ބިނާކޮށް ގޮތް ނިންމުމުގެ އާދަ އަށަގެންނެވުމަށް ގޮވާލައްވާފައެވެ.
(04 އެޕްރީލް) ސިޓީތަކުގެ މޭޔަރުންނާއި، ކައުންސިލަށް މެމްބަރުން އިންތިޚާބު ކުރުމުގެ އިތުރުން ރިޔާސީ އިންތިޚާބާއި ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބު އެއްދުވަހެއްގައި ބޭއްވުމާއިމެދު ފެންނަ ގޮތެއް ނިންމުމަށް ވޯޓުލުން ހޮނިހިރު ދުވަހު ވަނީ ކުރިއަށްގެންގޮސްފައެވެ. މި އިންތިޚާބުގައި ރަށު ކައުންސިލްތަކަށް 626 އަދި ސިޓީ ކައުންސިލްތަކަށް 52 ކައުންސިލަރުން އިންތިޚާބު ކުރުމަށް ވޯޓްލާފައިވެއެވެ. އަދި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީތަކަށްވެސް އެ އަދަދަށް މެންބަރުން އިންތިޚާބު ކުރުމަށް ވަނީ ވޯޓުލާފައެވެ. އެކި ދާއިރާތަކަށް އިންތިޚާބުވި ކައުންސިލަރުން ހުވާކުރުން އޮންނާނީ އަންނަ މަހުގެ 17 ވަނަ ދުވަހުގައެވެ.
(05 އޭޕްރީލް) އިންތިޚާބުތަކާއި ގުޅިގެން ސޯޝަލް ރައީސުލްޖުމްހޫރިއްޔާ ވަނީ ސަރުކާރުން ރަނގަޅުކުރަންޖެހޭ ކަންކަން، ރައްޔިތުންގެ ވިންދާ އެއްގޮތަށް ރަނގަޅުކުރެއްވުމަށް ކުރަންޖެހޭ މަސައްކަތްތައް ކުރައްވާނެކަމަށް ވިދާޅުވެފައެވެ. އަދި އިންތިޚާބުތަކުގެ ނަތީޖާ އިޙްތިރާމާއެކު ބަލައިގަންނަަކަން ހާމަކުރައްވައި އިންތިހާބު ކާމިޔާބު ކުރެެއްވި ހުރިހާ ފަރާތްތަކަށް އެމަނިކުފާނު ވަނީ ތަޙްނިޔާ ދަންނަވާފައެވެ.
(06 އޭޕްރީލް) މި އިންތިޚާބުތަކުގެ ހުރިހާކަމެއްވެސް ކުރިއަށްދިޔައީ އަމާންކަމާއެކުގައި ކަމަށް ވިދާޅުވެ އިންތިޚާބުގެ ކަންކަން ބެލުމަށް ރާއްޖެ އައި ބައިނަލްއަގުވާމީ އޮބްޒާވަރުން ވަނީ އިލްކްޝަންސް ކޮމިޝަނަށް ތައުރީފު ކުރައްވާފައެވެ.
މެދުއިރުމަތީގެ ހަނގުރާމައާ ގުޅިގެން ރާއްޖެއިން ވެސް ޚަރަދު ކުޑަކުރުމަށް ޚާއްސަ ޕްލޭނެއް އެކުލަވާލުމުގެ މަސައްކަތްކުރަމުންނެވެ. އެގޮތުން އެޕްލޭން ރައީސުލްޖުމްހޫރިއްޔާ ހުށަހަޅުއްވަން މަސައްކަތްކުރައްވަމުން ގެންދަވާކަން މާލީ ވަޒީރު ވަނީ ހާމަކުރައްވާފައެވެ.
(09 އޭޕްރީލް) ހަނގުރާމައާއި ގުޅިގެން ރާއްޖޭގެ އިޤްތިޞާދަށް ކުރާ އަސަރުތައް ކުޑަކުރުމަށް ސަރުކާރު ހިއްސާވާ ކުންފުނިތަކަށް ޚަރަދު ކުޑަކުރުމުގެ އިތުރު ފިޔަވަޅުތަކެއް އެޅުމަށް ޕްރައިވެޓައިޒޭޝަން އެންޑު ކޯޕްރަޓައިޒޭޝަން ބޯޑު، ޕީސީބީން ވަނީ އަންގަވާފައެވެ.
ޕީސީބީން ކުންފުނިތަކަށް ފޮނުވާފައިވާ ސާކިއުލާގައިވާ ގޮތުން ސަރުކާރު ހިއްސާވާ ކުންފުނިތަކާއި އެ ކުންފުނިތަކުގެ ސަބްސިޑައަރީ ކުންފުނިތަކުން ޚަރަދުކުޑަކުރުމަށް ފިޔަވަޅުތަކެއް އެޅުމަށް ވަނީ އަންގާފައިވެއެވެ.
މިއާއެކު ބައެއް ކުންފުނިތަކުން މިހާރު ވަނީ ޚަރަދުކުޑަކުރުމުގެ ފިޔަވަޅުތައް ތަންންފީޒުކުރުމުގެ ކަންކަން ވަނީ ފަށާފައެވެ.
(04 އޭޕްރީލް) ވެލާނާ އިންޓަރނޭޝަނަލް އެއާޕޯޓުގެ ޓެކްސީވޭގެ ގޮތުގައި މިހާރު ބޭނުންކުރާ ޓެކްސީވޭ-ޗާލީ އަލުން ތަރައްޤީ ކުރުމުގެ މަޝްރޫޢުގެ ތިންވަނަ ފިޔަވަހި ވަނީ ހޮނިހިރު ދުވަހު ފަށާއިފިއެވެ. ޗައިނާގެ ބެއިޖިން އާބަން ކޮންސްޓްރަކްޝަން ގުރޫޕް، ބީޔޫސީޖީއާ ހަވާލުކޯށްގެން ކުރިއަށްގެންދާ މި މަޝްރޫޢު ނިންމުމަށް ހަމަޖެހިފައިވަނީ، ހަތަރު ފިޔަވައްސަކަށް ބަހާލައިގެންނެވެ.
(07 އޭޕްރީލް) އެމެރިކާގެ މަސްވިއްކާ ކުންފުނިތަކުން އަދި އެހެނިހެން ފަރާތްތަކުން މަސް ގަތުމުގައި ރިޢާޔަތްކުރާ މޮންޓަރޭ ބޭ އެކުއޭރިއަމްގެ "ސީފުޑް ވޮޗް" ޕްރޮގްރާމުން އެންމެ ފަހުން އާންމުކުރި މިންގަނޑުގައި ދިވެހިރާއްޖޭގެ ކަނޑުމަހުގެ މަސްވެރިކަމަށް ޚާއްޞަ ރޭޓިންގްއެއް ކަނޑައަޅައިފިއެވެ. މިއީ "ސީފުޑް ވޮޗް" ގެ ތާރީޚުގައި ވެސް ވަކި ޤައުމަކަށް ޚާއްޞަކޮށްގެން ކަނޑުމަހުގެ މަސްވެރިކަމަށް ރޭޓިންގްއެއް ކަނޑައެޅި ފުރަތަމަ ފަހަރެވެ.
(08 އޭޕްރީލް) މިއަހަރުގެ އުފެއްދުންތެރިކަމުގެ މައުރަޒުގައި ތަކެތި ބައިވެރިކުރުމުގެ ފުރުޞަތު ބިޒްނަސް ސެންޓަރ ކޯޕަރޭޝަން، ބީސީސީން ވަނީ ހުޅުވާލާފައެވެ. ބީސީސީން ވިދާޅުވީ، މިއަހަރުގެ މައުރަޒުގައި 16 ދާއިރާއަކުން 73 ގިންތިއަކުން ތަކެތި ބައިވެރިކުރެވޭނެ ކަމަށެވެ.
އަވަށްޓެރި ސްރީލަންކާގެ ކޮލަމްބޯގައި ތާށިވެފައި ހުރި ކޮންޓެއިނަރުތަކުގެ ތެރެއިން ރާއްޖޭގެ މާކެޓަށް ދިމާވެދާނެ ގޮންޖެހުންތަކަށް ހައްލު ހޯދައިދިނުމުގެ ގޮތުން 80 ކޮންޓެއިނަރު އަވަސްކޮށްދޭން ރާއްޖެއިން ވަނީ އެދިފައެވެ. އިޤްތިޞާދީ ތަރައްޤީއާއި ވިޔަފާރިއާ ބެހޭ ވަޒީރު މުޙައްމަދު ސަޢީދު މިހެން ވިދާޅުވީ ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައެވެ. ޒަރޫރީ ބޭނުންތަކަށް ބޭނުންވާ ސާމާނު މެދުކެނޑުމެއްނެތި ފޯރުކޮށްދެއްވުމަށް ކުރައްވަމުންގެންދަވާ މަސައްކަތްތަކުގައި ކުރިއެރުންތަކެއް ލިބިފައިވާކަން ވަޒީރުންގެ ޚާއްޞަ ކޮމިޓީން ވަނީ މި ނޫސްވެރިންގެ ބައްދަލުވުމުގައި ހާމަކުރައްވާފައެވެ.
ރާއްޖެއަށް ބޭނުންވާ ކައްކާ ގޭހުގެ އައު ޝިޕްމަންޓެއް ގެނެސް ވިއްކަން ފަށާފައިވާ ކަމަށް ސްޓޭޓް ޓްރޭޑިންގ އޯގަނައިޒޭޝަން، އެސްޓީއޯއިން ވިދާޅުވެއްޖެއެވެ. އެކުންފުނިން ވިދާޅުވީ، މި ޝިޕްމަންޓާއެކު މޯލްޑިވް ގޭސް މެދުވެރިކޮށް މިހާރު 10 ކިލޯގެ ގޭސް ފުޅި އާންމުންނަށް ލިބޭނެ ކަމަށެވެ.
ކުދި އަދި މެދު ފަންތީގެ ފިޔަފާރިތަކުން ބިދޭސީން ގެނައުމުގެ ކޯޓާއަށް ދިން ލުޔާއެކު، 30،000އަށްވުރެ ގިނަ ވިޔަފާރިއަށް ކޯޓާ ފީގެ ލުއި ލިބޭނެކަމަށް، ދާޚިލީ ސަލާމަތާ ފަންނިއްޔާތާ ބެހޭ ވުޒާރާއިން ވަނީ ނިމުނު ހަފްތާގައި ވިދާޅުވެފައެވެ. އެންމެ ކުދި، ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކުން ގެންނަ ބިދޭސީންގެ ކޯޓާފީ، 20 ކޯޓާ އާ ހަމައަށް ދައްކަން ނުޖެހޭ ގޮތަށް ދިވެހިރާއްޖޭގައި ބިދޭސީން ވަޒީފާ އަދާކުރުމާ ބެހޭ ގަވާއިދަށް އިސްލާހު ގެނައީ މިމަހުގެ 1ވަނަ ދުވަހުއެވެ. މި ބަދަލަކީ ރައީސުލްޖުމްހޫރިއްޔާ، ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކާއިއެކު ބޭއްވެވި ބައްދަލުވުމުގައި ވިޔަފާރިވެރިން ފާޅުކޮށްފައިވާ ކަންބޮޑުވުންތަކަށް ހައްލު ގެނައުމަށް ނިންމެވި ނިންމެވުންތައް ތަންފީޒުކުރުމަށް ގެނެވިފައިވާ ބަދަލެކެވެ.
(8 އޭޕްރީލް) ބޭންކް އޮފް މޯލްޑިވްސްއިން ދޫކުރާ ހޯމް ކޮންސްޓްރަކްޝަން ފައިނޭންސިންގެ ދަށުން، 3 މިލިއަން ރުފިޔާއާ ހަމައަށް ހިންގާ މަޝްރޫޢުތަކަށް އަމިއްލައަށް ކުރަންޖެހޭ ޚަރަދު ނިމުނު ހަފުތާގައި 5 އިންސައްތައަށް ވަނީ ކުޑަކޮށްފައެވެ.
ބީއެމްއެލްއިން ވިދާޅުވީ، މީގެ ކުރިން ބީއެމްއެލް ހޯމް ކޮންސްޓްރަކްޝަން ފައިނޭންސިން ނުވަތަ ގެދޮރު އެޅުމަށް ނަގާ ލޯނަށް އަމިއްލައަށް ކުރަންޖެހޭ ޚަރަދަކީ، ލޯނުގެ ޖުމްލަ އަދަދުގެ 20 އިންސައްތަ ކަމަށެވެ. ނަމަވެސް މިއަދަދު 15 އިންސައްތައިން ކުޑަކޮށް 5 އިންސައްތައަށް ބަދަލު ކުރުމުން، ކަސްޓަމަރުންނަށް މިކަމުގެ ސަބަބުން ވަރަށް ބޮޑު ލުޔެއް ލިބިގެންދާ ކަމަށެވެ.
(09 އޭޕްރީލް) ސަރުކާރުގެ ބޯހިޔާވަހިކަން ޕްރޮގުރާމްގެ ދަށުން ފްލެޓަށް ހުށަހަޅާއިރު ނުކުޅެދުންތެރިކަން ހުންނަ ފަރާތްތެއްކަން ސާބިތުކުރުމަށް އެންސްޕާއިން ދޫކޮށްފައިވާ ކާޑުގެ ކޮޕީ ހުށައެޅޭގޮތަށް ނިންމައި އެކަން އިމާރާތްކުރުމާއި ގެދޮރުވެރިކަމާއި ބިނާރާބެހޭ ވުޒާރާއިން ވަނީ ހާމަކުރައްވާފައެވެ. އެ ވުޒާރާއިން ވިދާޅުވީ، ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކުގެ ޚާއްސަ ކެޓަގަރީން ފްލެޓަށް އެދި ހުށައަޅާ ފަރާތްތަކުން ނުކުޅެދުންތެރިކަން ހުންނަ ފަރާތްތެއްގެ ގޮތުގައި ރަޖިސްޓްރީވެފައިވާ ފަރާތެއްކަން ސާބިތުކުރުމަށް އެންސްޕާއިން ދޫކޮށްފައިވާ ކާޑުގެ ކޮޕީ ހުށައެޅޭނެކަމަށެވެ.
ނިމުނު ހަފުތާގައި ސަރުކާރުގެ ކުންފުނިތަކުގެ އިސްވެރިންގެ ގޮތުގައި ތިއްބެވި ބައެއް ފަރާތްތައް ވަނީ މަޤާމުން ވަކިކޮށްފައެވެ.
(06 އޭޕްރީލް) ފެނަކަ ކޯޕަރޭޝަނުގެ މެނޭޖިންގ ޑިރެކްޓަރުގެ މަޤާމުގައި ހުންނެވި މުޙައްމަދު ނަޖާޙް އެ މަޤާމުން ވަކިކުރީ ހޯމަ ދުވަހުކަން ޕްރައިވަޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން، ޕީސީބީން ވަނީ ވިދޅުވެފައެވެ. ފެނަކައިގެ މެނޭޖިންގ ޑިރެކްޓަރުގެ މަޤާމަށް ނަޖާޙު އައްޔަނުކުރީ 2024 ވަނަ އަހަރުގެ ޑިސެމްބަރު މަހުގެ 23ވަނަ ދުވަހުއެވެ.
އެގްރޯނެޓްގެ މެނޭޖިންގ ޑިރެކްޓަރުގެ މަޤާމުގައި ހުންނެވި ހުސެއިން ދީދީ އެ މަގާމުން ވަކިކޮށްފައިވަނީ ވެސް ހޯމަ ދުވަހުގައެވެ.
އެގްރޯނެޓްގެ މެނޭޖިންގ ޑިރެކްޓަރުގެ މަޤާމަށް ހުސެއިން ދީދީ ޢައްޔަނުކޮށްފައިވަނީ 2024ވަނަ އަހަރުގެ ޖަނަވަރީ މަހުގެ ތެރޭގައެވެ.
މީގެ އިތުރުން މޯލްޑިވްސް ޕޯޓްސް ލިމިޓެޑް، އެމް.ޕީ.އެލްގެ މެނޭޖިންގ ޑިރެކްޓަރުގެ މަޤާމުން މުޙައްމަދު ރިޝްވާން ވަނީ އިސްތިއުފާދެއްވާފައެވެ. ޕީސީބީން ވިދާޅުވީ، އެމް.ޕީ.އެލްގެ މެނޭޖިންގ ޑިރެކްޓަރުގެ މަޤާމުންނާއި ބޯޑު މެންބަރުކަމުގެ މަޤާމުން ހ. ހަބަރުގެ، ޑީ.ސީ.ޕީ (ރިޓަޔާރޑް) މުޙައްމަދު ރިޝްވާން، 6 އެޕްރީލް 2026 ގައި އިސްތިއުފާ ދެއްވުމަށް ހުށަހަޅުއްވާފައިވާތީ، އިސްތިއުފާ ޤަބޫލުކޮށް މިއަދުން ފެށިގެން އެމަޤާމުން ވަކިކޮށްފައިވާކަމަށެވެ.
(07 އޭޕްރީލް) އެމްޑަބްލިޔުއެސްސީގެ ޑެޕިއުޓީ މެނޭޖިންގ ޑިރެކްޓަރުގެ މަޤާމުގައި ހުރި އިބްރާހީމް ޝާހިދުވެސް ވަނީ ނިމުނު ހަފުތާގައި މަޤާމުން ވަކިކޮށްފައެވެ. ޝާހިދު މި މަޤާމުން ވަކިކޮށްފައިވަނީ އެކުންފުނީގެ ބޯޑުން ބޭއްވި ބައްދަލުވުމުގައެވެ. ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ ޑެޕިއުޓީ މެނޭޖިންގ ޑިރެކްޓަރުން އައްޔަނުކޮށް، ވަކިކުރަނީ އެ ކުންފުންޏެއްގެ ބޯޑުން ފާސްކޮށްގެންނެވެ.
ނިމުނު ހަފްތާގައި ވަނީ ތާފާތު ބައެއް ހާދިސާތަކެއް ވެސް ހިނގާފައެވެ.
(09 އެޕްރީލް) ފ. ފީއަލީގެ ބަނދަރުގައި އޮތް ތެޔޮ ބޯޓެއްގައި އަލިފާނުގެ ހާދިސާއެއް ހިނގައި ބޮޑެތި ގެއްލޔުންތަކެއް ވަނީ ލިބިފައެވެ. އެގޮތުން މިހާދިސާއާ ގުޅިގެން އެރަށުގެ އައިސް ޕްލާންޓް ބޭނުން ނުކުރެވޭ ވަރަށް އަނދާފައިވާއިރު، އިތުރު ދޯނުތަކެއްވެސް އަނދައި ބޮޑެތި ގެއްލުންތަކެއް ވަނީ ލިބިފައެވެ.
މީގެ އިތުރުން މާލެއިން ފުރައިގެން ގއ. ވިލިނގިއްޔަށް ދަތުރުކުރި "އުދަރެސް" ބޯޓު، ފަރަކަށް އެރި ހާދިސާގައި ދިވެއްސަކު ގެއްލުނެވެ. މިހާދިސާގައި ގެއްލުނު 87 އަހަރުގެ ގއ. ކޮލަމާފުށީ، އިސްމާއިލް އަފީފު ވަނީ ސަލާމަތުން ފެނިފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ