ޚާއްޞަ މައްސަރުތަކުގައި ފާފަތަކަށް އަރައިގަތުމުގެ ނުބައިކަން މާ ބޮޑު: ޚުޠުބާ

ޚާއްޞަ މައްސަރުތަކުގައި ފާފަތަކަށް އަރައިގަތުމުގެ ނުބައިކަން މާ ބޮޑުވެގެންވާކަން މިއަދުގެ ހުކުރު ޚުތުބާގައި ހަނދާން ކޮށްދީފިއެވެ. މިއަދު ރާއްޖޭގެ އެކި ކަންކޮޅުތަކުގައި އިއްވި ހުކުރު ޚުޠުބާ ޚާއްޞަކޮށްފައިވަނީ "ޙުރުމަތްތެރިވެގެންވާ މައްސަރުތައް" މި މައުޟޫޢަށެވެ. އިސްލާމީ އުންމަތުގެ ދީނީ ޝިޢާރުތައް ދިރުވައި އާލާކުރުމުގެ ގޮތުން އިއްވި މި ޚުޠުބާގައި، މާތް ﷲގެ ޙިކުމަތްވަންތަކަމާއި ރަޙުމަތްވަންތަކަމުން، އަހަރުގެ ބައެއް ވަގުތުތަކާއި މައްސަރުތައް ޚާއްޞަކުރައްވައި މާތްކުރައްވާފައިވާކަން ފާހަގަކުރިއެވެ. މީގެ މައިގަނޑު ބޭނުމަކީ އަޅުތަކުން އެކަލާނގެ ޙަޟުރަތަށް ކުއްތަންވުމަށް މަގުފަހިކޮށްދިނުމާއި، މާތް ﷲ ގެ ޝިޢާރުތައް މަތިވެރިކޮށް އެކަލާނގެއަށް ކިޔަމަންތެރިކަން އަދާކުރުމަށް ބާރުއެޅުންކަމުގައި ބަޔާންކޮށްފައިވެއެވެ. މިއީ ކޮންމެ މުސްލިމަކުވެސް އެމީހެއްގެ އީމާންތެރިކަން އާކޮށް، ޢަމަލުތައް އިޞްލާޙުކުރުމަށް ލިބޭ ރަނުގެ ފުރުޞަތެއްކަން ޚުޠުބާގައި ހަނދާންކޮށްދިނެވެ. ޚުޠުބާގައި ބަޔާންކޮށްފައިވާ ގޮތުގައި، މާތް ﷲ އުޑުތަކާއި ބިން ހެއްދެވި ދުވަހުއްސުރެން ކަނޑައަޅުއްވާފައިވާ ގޮތުގައި އަހަރެއްގެ މައްސަރުތަކުގެ ޢަދަދަކީ ބާރަ މަހެވެ. އޭގެ ތެރެއިން ހަތަރު މަހަކީ ޙުރުމަތްތެރިވެގެންވާ މައްސަރުތަކެއްކަން ކީރިތި ޤުރުއާނުގެ ސޫރަތުއްތައުބާގެ 36 ވަނަ އާޔަތުން ސާބިތުވެއެވެ. މި އާޔަތުގެ ތަފްސީރުގައި އިބްނު ޢައްބާސް ރަޟިޔަﷲ ޢަންހު ވިދާޅުވެފައިވާ ބަސްފުޅެއް ޚުޠުބާގައި ގެނެސްދީފައިވެއެވެ. އެކަލޭގެފާނު ވިދާޅުވެފައިވަނީ، “ފާފަތަކަށް އަރައިގަތުމުން ތިބައިމީހުންގެ އަމިއްލަ ނަފުސުތަކަށް އަނިޔާވެރިނުވުމަށް، މާތް ﷲ އަންގަވައިފައިވަނީ އަހަރުގެ ބާރަ މަސްދުވަހުގައެވެ. ފަހެ މީގެ ތެރެއިން ހަތަރު މަސް ޚާއްޞަކުރައްވައި ހުރުމަތްތެރިކުރައްވައި މަތިވެރިކުރެއްވިއެވެ. އަދި އެ މައްސަރުތަކުގައި ކުރާ ފާފައިގެ ފާފަވެރިކަން ބޮޑުކުރެއްވިއެވެ. އަދި ހެޔޮ ޢަމަލުތަކުގެ ދަރުމައާއި ޘަވާބު އިތުރުކުރެއްވިއެވެ.” މިފަދައިންނެވެ. މީގެ އިތުރުން، ޙައްޖަތުލްވަދާޢުގައި ކީރިތި ރަސޫލާ މުޙައްމަދު ﷺ ޙަދީޘްކުރައްވާފައިވާ ބަސްފުޅެއްގެ އަލީގައި، އެ ހަތަރު މަހަކީ ކޮބައިކަން ޚުޠުބާގައި ތަފްޞީލުކޮށްދީފައިވެއެވެ. އެކަލޭގެފާނު ޙަދީޘްކުރައްވާފައިވެއެވެ. “ހަމަކަށަވަރުން، މާތް ﷲ، އުޑުތަކާއި ބިން ހެއްދެވި ދުވަހެކޭ އެއްގޮތަށް އަހަރުގެ މަސްތައް ވަނީ އިޢާދަވެފައެވެ. އަހަރަކީ، ބާރަ މަސްދުވަހެވެ. އޭގެ ތެރެއިން ޙުރުމަތްތެރިވެގެންވާ ހަތަރު މަސް ވެއެވެ. އެއީ ވިދިވިދިގެން އަންނަ ތިން މަސްކަމުގައިވާ، ޛުލްޤަޢިދާ މަހާއި ޛުލްޙިއްޖާ މަހާއި މުޙައްރަމް މަހެވެ. އަދި ޖުމާދަލްއާޚިރާއާއި ޝަޢުބާން މަހާ ދެމެދުގައި އަންނަ، މުޟަރުވަންހައިގެ މީހުން ކަމޭހިތި ރަޖަބު މަހެވެ.” ޖާހިލިއްޔަ ޒަމާނުގެ ޢަރަބީން އެ މީހުން ހިތުހުރި ގޮތަކަށް މި މައްސަރުތައް ބަދަލުކުރަމުން ދިޔަ ނަމަވެސް، އިސްލާމްދީން އައިސް އެކަންކަން ރަނގަޅު މަގަށް އަޅުވައި، އެ މައްސަރުތަކުގެ ހަގީގީ މާތްކަން އުންމަތަށް ސާފުކޮށްދެއްވިކަން މިއަދުގެ ޚުޠުބާގައި ހަނދާންކޮށްދީފައިވެއެވެ. ޙުރުމަތްތެރިވެގެންވާ މައްސަރުތަކުގައި އަމިއްލަ ނަފުސަށް އަނިޔާވެރިވުމަކީ، މާތް ﷲ ޙަރާމްކުރައްވާފައިވާ ކަންކަމަށް އަރައިގަނެ ފާފަވެރި ޢަމަލުތައް ކުރުންކަމުގައި ޚުޠުބާގައި ބަޔާންކޮށްފައިވެއެވެ. ކޮންމެ ވަގުތެއްގައިވެސް ފާފަކުރުމަކީ ކޯފާ ޙައްޤުވާ ކަމަކަށްވީ ނަމަވެސް، މި ޚާއްޞަ މައްސަރުތަކުގައި ފާފަތަކަށް އަރައިގަތުމުގެ ނުބައިކަން މާ ބޮޑުވެގެންވެއެވެ. ސަބަބަކީ، އެއީ މާތް ﷲ އަށް އުރެދުމުގެ އިތުރުން، އެކަލާނގެ މަތިވެރިކުރައްވާފައިވާ ކަންކަމުގެ ޙުރުމަތްކަނޑައި އިހާނެތިކޮށް ހިތުން ކަމުގައި ވާތީއެވެ. މިކަމުގެ ސީރިއަސްކަން ހާމަކޮށްދިނުމުގެ ގޮތުން، އިމާމުއްޝާފިޢީ ފަދަ ބޮޑެތި ޢިލްމުވެރިންގެ އަރިހުގައި މި މައްސަރުތަކުގައި މީހަކު މެރުމުން ދޭންޖެހޭ މަރުގެ ދިޔަ ބޮޑުކަން ޚުޠުބާގައި ފާހަގަކޮށްފައިވެއެވެ. މިފަދަ މަތިވެރި މައްސަރަކާ ބައްދަލުވުމުން މުއުމިނު އަޅާގެ މައްޗަށް އޮތީ އަޅުކަމުގައި ހީވާގިވުންކަމަށް ޚުޠުބާގައި ނަސޭހަތްތެރިވެފައިވެއެވެ. އޭގެ ތެރޭގައި ގިނަގިނައިން ޛިކުރުކުރުމާއި، ދުޢާކުރުމާއި، ކީރިތި ޤުރުއާން ކިޔެވުމާއި، ތަސްބީޙައާއި ތަޙުމީދާއި ތަކުބީރު ކިޔުން ފަދަ ދުލުން ކުރެވޭ އަޅުކަންތައް ގިނަކުރުން ހިމެނެއެވެ. މީގެ އިތުރުން، ރޯދަހިފުމާއި، ޞަދަޤާތްކުރުމާއި، އަނިޔާ ލިބިފައިވާ މީހުންނަށް ނަޞްރުދިނުމާއި، ނިކަމެތިންނަށް އެހީތެރިވުން ފަދަ ޢަމަލީ ހެޔޮކަންތައްތައް ކުރުމަށް ބާރުއަޅާފައިވެއެވެ. ހަމައެހެންމެ، ހިތުގެ އަޅުކަންތައްތަކަށްވެސް ޚާއްޞަ ސަމާލުކަމެއް ދިނުމަށް ގޮވާލިއެވެ. އޭގެ ތެރޭގައި މާތް ﷲ އަށް އިޚުލާޞްތެރިވުމާއި، އެކަލާނގެ އެއްކައުވަންތަކުރުމާއި، ފުރިހަމައަށް އީމާންވުން ހިމެނެއެވެ. ހަމައެއާއެކު، ޣީބަބުނުމާއި، ދޭތެރެޖެއްސުމާއި، ދޮގުހެދުމާއި، މީހުންނަށް އެއްޗެހި ގޮވުމާއި، ލަޢުނަތްދިނުން ފަދަ ނުބައި ފާފަތަކުން ރައްކާތެރިވެ ދުރުހެލިވުމަށް ވަރަށް ބޮޑަށް އިންޒާރުދީފައިވެއެވެ. ޚުޠުބާ ނިންމާލަމުން، މުސްލިމުންނަށް ގޮވާލާފައިވަނީ ފާއިތުވެދިޔަ ތަނުގައި އުނިވެފައިވާ ކަންކަން ރަނގަޅުކޮށް، ކުރިއަށް އޮތް ބަރަކާތްތެރި ވަގުތުތަކުގެ ބޭނުން ހެޔޮ ގޮތުގައި ހިފައި މާތް ﷲ އަށް ތަޤުވާވެރިވުމަށެވެ. ޙުރުމަތްތެރިވެގެންވާ މައްސަރުތަކުގައްޔާއި އަހަރުގެ އެހެނިހެން މަސްތަކުގައިވެސް ކިޔަމަންތެރިކަމުގެ ޢަމަލުތައްކޮށް، ތެދުމަގުގައި ސާބިތުވެ ތިބުމަށް ނަސޭހަތްތެރިވެފައިވެއެވެ. އަދި ކީރިތި ރަސޫލާ ﷺ ގެ ކިބައިން ޞައްޙަކޮށް ސާބިތުވެފައިވާ ސުންނަތުގައި ހިފެހެއްޓުމަށާއި، ދީނަށް އަލަށް ގެނެސްފައިވާ ކޮންމެ ބިދުޢައަކުން ދުރުހެލިވުމަށް އަންގާފައިވެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ