ހަނގުރާމައާ ހެދި ރާއްޖޭގެ އިގްތިސޯދީ ކުރިއެރުން %1 ދަށްވާނެ: އޭޑީބީ

މެދުއިރުމަތީގެ ހަނގުރާމައިގެ ސަބަބުން ރާއްޖޭގެ އިގްތިސޯދީ ކުރިއެރުން މިއަހަރު %1 ދަށަށް ދާނެ ކަމަށް އޭޝިއަން ޑިވެލޮޕްމެންޓު ބޭންކު (އޭޑީބީ) އިން ލަފާކޮށްފި އެވެ.
ވީ ކިހިނެއް؟ - އެ އިދާރާ އިން އާންމުކޮށްފައިވާ އޭޝިއަން ޑިވެލޮޕްމަންޓް އައުޓްލުކްގައި ބުނީ، މިދިޔަ އަހަރު ރާއްޖޭގެ ފަތުރުވެރިކަމާއި މަސްވެރިކަމުގެ ސިނާއަތަށް ލިބުނު ކުރިއެރުމާ އެކު އިގްތިސޯދު ކުރިއެރި ކަމަށާއި ނަމަވެސް މެދުއިރުމަތީގެ ހަނގުރާމައިގެ ސަބަބުން ޓޫރިޒަމަށް އަސަރުކޮށް އަދި ތެލުގެ އަގު އުފުލުމާ އެކު އަންނަ ބަދަލުތަކާ އެކު އަދި މަސްވެރިކަން މިއަހަރު ދަށަށް ދާނެތީ، އިގްތިސޯދީ ދުވެލި މަޑުޖެހޭނެ ކަމަށެވެ.
ތަފްސީލް - ތެލުގެ އަގު އުފުލުމުގެ ސަބަބުން އަދި ބޭރު ފައިސާގެ އަގު މައްޗަށް ދިއުމުގެ ސަބަބުން ރާއްޖޭގެ އިންފްލޭޝަން %5 އިތުރުވާނެ ކަމަށް އޭޑީބީގެ ރިޕޯޓުގައި ފާހަގަކޮށްފައިވެ އެވެ.
މެދުއިރުމަތީގެ ހާލަތު ހަމައަކަށް އެޅި، ތެލުގެ އަގުތައް ދަށަށް ގޮސްފި ނަމަ އަންނަ އަހަރު ރާއްޖޭގެ އިގްތިސޯދު %3 ކުރިއަރާނެ ކަމަށް އޭޑީބީން ލަފާކޮށްފައިވެ އެވެ. އެއާ އެކު، އިންފްލޭޝަން ހުންނާނެ ކަމަށް ލަފާކޮށްފައިވަނީ %4ގަ އެވެ.
އެ ރިޕޯޓުގައި ފާހަގަކޮށްފައިވާ ގޮތުން، މެދުއިރުމަތީގެ ހަނގުރާމައިގެ ސަބަބުން، ދައުލަތުގެ މާލީ ދެމެހެއްޓެނިވިކަމަށް ކުރިމަތިވެފައިވާ ގޮންޖެހުންތައް އިތުރަށް ގޯސްވެ، އިގްތިސާދީ ކުރިމަގަށް އޭގެ ނޭދެވޭ އަސަރު ކުރާނެ އެވެ. އެގޮތުން:
ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު އުފުލުމުގެ ސަބަބުން ތެލުގެ ސަބްސިޑީއަށް ކުރާ ހަރަދު 110 މިލިއަން ޑޮލަރަށް އިތުރުވެދާނެ
ފަތުރުވެރިކަމުގެ ދާއިރާއިން ލިބޭ ޓެކްސް އާމްދަނީން 65 މިލިއަން ޑޮލަރު މަދުވާނެ ކަމަށް ލަފާކުރެވޭ
ދައުލަތަށް ލިބޭނެ ކަމަށް ބަޖެޓުގައި އަންދާޒާކުރި އާމްދަނީގެ %6.7  ދަށްވާނެ ކަމަށް ބެލެވޭ
އޭޑީބީން ބުނީ މިހާރު ކުރިމަތިވަމުންދާ ލޮޅުންތަކުން އަރައިގަތުމަށް އިތުރު ލޯނު ނަގައި ބަޖެޓް ޑެފިސިޓް އިތުރަށް ބޮޑުކުރުމަކީ ގޮންޖެހުމަކަށް ވާނެ ކަމަށެވެ. އަދި ބަޖެޓް ޑެފިސިޓް ކުޑަކުރުމަށް ދައުލަތުގެ ހަރަދުތައް ކުޑަކުރުމުގެ ސިޔާސަތުތަކެއް ތަންފީޒުކުރަން ސަރުކާރަށް މަޖުބޫރުވެދާނެ ކަމަށް އޭޑީބީގެ ރިޕޯޓުގައި ވަނީ ފާހަގަކޮށްފަ އެވެ.
މެދުއިރުމަތީގެ ހަމަނުޖެހުންތައް ދިގުލައިގެންދާ ދަނޑިވަޅެއްގައި، ބަޖެޓް ޑެފިސިޓް ކޮންޓްރޯލް ނުކުރެވުމާއި ބޭރު ފައިސާގެ ރިޒާވް ވަރުގަދަ ނުކުރެވިއްޖެ ނަމަ، އިގްތިސޯދީ ބޮޑު ނުރައްކަލަކަށް ވެއްޓިދާނެކަން ވެސް އެ ރިޕޯޓުގައި ވަނީ ފާހަގަކޮށްފަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ