އިންތިޚާބުތަކުގެ ދާއިމީ ނަތީޖާ މާދަމާ އިޢުލާން ކުރަނީ

މިމަހުގެ 4 ވަނަ ދުވަހު ބޭއްވި އިންތިޚާބުތަކުގެ ދާއިމީ ނަތީޖާ މާދަމާ އިޢުލާން ކުރާނެ ކަމަށް އިލެކްޝަންސް ކޮމިޝަނުން ވިދާޅުވެއްޖެއެވެ.
ރާއްޖޭގައި މިހާތަނަށް ބޭއްވި އެންމެ ބޮޑު އެއް އިންތިޚާބުގެ ވޯޓުލުން މިމަހުގެ 4 ވަނަ ދުވަހު ވަނީ ކުރިއަށް ގެންގޮސްފައެވެ. އެދުވަހު 3 ވޯޓެއް ކުރިއަށް ގެންދިޔައެވެ. އެއީ ލޯކަލް ކައުންސިލް އިންތިޚާބާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތް ކުރާ ކޮމެޓީތަކުގެ އިންތިޚާބުގެ އިތުރުން ރިޔާސީ އިންތިޚާބާއި މަޖިލިސް އިންތިޚާބު އެއް ދުވަހެއްގައި ބޭއްވުމާއި ގުޅޭގޮތުން ނެގި ޚިޔާލު ހޯދުމުގެ އާންމު ވޯޓެވެ.
މި ވޯޓުގެ ވަގުތީ ނަތީޖާތައް އިލެކްޝަންސް ކޮމިޝަންގެ ވެބްސައިޓުގައި މިހާރު ވަނީ އާންމުކޮށްފައެވެ. އިލެކްޝަންސް ކޮމިޝަނުން ވިދާޅުވީ މިހާތަނަށް އާންމު ނުކުރެވިވަނީ ޝަކުވާ ހުށަހެޅިފައިވާ ފޮށިތަކުގެ ނަތީޖާ ކަމަށެވެ. އެ ފޮށިތައްވެސް އަލުން ގުނައި އޭގެ ދާއިމީ ނަތީޖާ ދާދި އަވަހަށް އާންމު ކުރެވޭނެ ކަމަށް އެކޮމިޝަނުން ވިދާޅުވިއެވެ.
ވަގުތީ ނަތީޖާއަށް ފަހު ދާއިމީ ނަތީޖާ މާދަމާ ބާއްވާ ނޫސްވެރިންގެ ބައްދަލުވުމުގައި އިއުލާން ކުރާނެ ކަމަށް އިލެކްޝަން ކޮމިޝަނުން ވިދާޅުވިއެވެ.
މިފަހަރު އިންތިޚާބަކީ ކައުންސިލް އިންތިޚާބެއްގައި އެންމެ ގިނަ މީހުން ވޯޓުލި އިންތިޚާބު ކަމަށް އިލެކްޝަން ކޮމިޝަނުން ވިދާޅުވެއެވެ. އެގޮތުން މި ފަހަރުގެ އިންތިޚާބުގައި ވޯޓުލުމުގެ ހައްޤު 294،876 މީހުންނަށް ލިބިގެންދިޔައެވެ. އޭގެ ތެރެއިން %73 މީހުން ވޯޓުލާފައިވާ ކަމަށް އިލެކްޝަން ކޮމިޝަނުން ވިދާޅުވެއެވެ.
މިފަހަރު ލޯކަލް ކައުންސިލް އިންތިޚާބުގައި އިންތިޚާބުވި ކައުންސިލަރުން ހުވާކުރުމުގެ ރަސްމިއްޔާތުތައް ބޭއްވުމަށް ހަމަޖެހިފައިވަނީ އަންނަ މަހުގެ 17 ވަނަ ދުވަހުއެވެ. މިކަމުގެ އިންތިޒާމުތައް ހަމަޖެއްސުމުގެ މަސައްކަތް ލޯކަލް ގަވަމެންޓް އޮތޯރިޓީން ވަނީ ފަށާފައެވެ. އެގޮތުން ކައުންސިލަރުން ހުވާކުރުމާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތް ކުރާ ކޮމެޓީތަކުގެ މެންބަރުން އިޤްރާރުގައި ސޮއިކުރުން ކުރިއަށް ގެންދާނީ، އެއް ރަސްމިއްޔާތެއްގެ ތެރެއިންނެވެ.
މިދިޔަ ހޮނިހިރު ދުވަހު ބޭއްވި އިންތިޚާބުގައި ރަށު ކައުންސިލްތަކަށް 626 އަދި ސިޓީ ކައުންސިލްތަކަށް 52 ކައުންސިލަރުން އިންތިޚާބު ކުރުމަށް ވޯޓްލާފައިވެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ