އެމެރިކާގެ މަގުސަދަކީ އީރާނުގެ ވެރިކަން ބަދަލުކުރުން، ހަަމަލާދީގެން މިކަން ހާސިލް ނުވާނެ: ރިޕޯޓް
ވޮޝިންޓަން (15 ޖަނަވަރީ 2026) : އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕްގެ ބޭނުމާއި އަމާޒަކީ އީރާނަށް ހަމަލާދީގެން އެ ގައުމުގެ ވެރިކަމުގެ ނިޒާމު ބަދަލުކުރުންކަން އޭނާގެ ވާހަކަތަކާއި ބަޔާންތަކުން ވަރަށް ރަނގަޅަށް ހާމަވެއްޖެއެވެ. އީރާން އާ ބެހޭގޮތުން އެންމެ ފަހުން ދެއްވި ބަޔާނުގައި ޓްރަމްޕް ވިދާޅުވީ އީރާނުގެ ވެރިކަމުގެ ނިޒާމު ބަދަލުކުރަން ޖެހޭކަމުގައެވެ. އީރާނުގައި ކުރިޔަށްދާ މުޒާހަރާތަކުން ނޫނީ އީރާނަށް ހަމަލާދީގެން ނޫނީ ދަތިކުރުމާއި ޕްރެޝަރުތައް އިތުރުކޮށްގެން އީރާނުގެ ވެރިކަމުގެ ނިޒާމު ވެއްޓުމަކީ އެކަށީގެންވާ ކަމެކެވެ. ނުވަތަ އެއީ ވެދާނެކަމެކެވެ. ޓްރަމްޕް ވިދާޅުވިގޮތުގައި އީރާނުގެ ކުރީގެ ރަސްގެފާނު ޝާހު މުހައްމަދު ރިޒާ ޕަހެލަވީގެ ދަރިކަލުން ރިޒާ ޕަހެލެވީ އަކީ އީރާނުގެ ވެރިކަމާ ހަވާލުވުމަށް ވަރަށް ރަނގަޅު ޗޮއިސް އެކެވެ. ނަމަވެސް އީރާނުގެ ރައްޔިތުންގެ މެދުގައި އޭނާއަށް ތާއީދު ނެތްކަމުގެ މައުލޫމާތު ލިބިފައިވާކަމަށް ޓްރަމްޕް ވިދާޅުވިއެވެ. އީރާންގެ ރޫޚާނީ ލީޑަރު: -- ފޮޓޯ/ އޭޕީ އީރާނަށް ހަމަލާދިނުމާބެހޭ ގޮތުން އެމެރިކާ އިންޒާރުތައް ދެމުންގެންދިޔަ ނަމަވެސް ޓްރަމްޕްގެ އިނާސާކަލްގައި ހިމެނޭ ފަރާތަކާ ހަވާލާދީ ވޯލްސްޓްރީޓް ޖާނަލް ބުނާގޮތުން އީރާނަށް ހަމަލާދީން ހާސިލް ކުރެވޭނެ މާބޮޑު ކަމެއް ނެތްކަމަށް ބެލެވެއެވެ. އީރާނަށް ހަމަލާދިނުމުން ރައްދުގައި އީރާނުން އިސްރާއީލާއި މެދުއިރުމަތީގައިވާ އެމެރިކާގެ ބޭސްތަކަށް ހަމަލާދޭނެކަން އެމެރިކާއަށް ޔަގީންވާތީ ޓްރަމްޕްގެ ވިސްނުން މިހާރު ހުރީ އީރާނަށް ލިމިޑެޓް ހަމަލާއެއް ދިނުމަށްފަހު އަނެއްކާވެސް އެމެރިކާ އެދޭގޮތަށް ނިއުކްލިޔާ ޓެކްނޮލޮޖީ އާއި މިސައިލް ޓެކްނޮލޮޖީ އީރާން ދޫކޮށްލުމާބެހޭގޮތުން އެމެރިކާއާއެކު މަޝްވަރާގެ މޭޒަށް ދިޔުމަށް އީރާނަށް ދައުވަތު ދިނުމަށެވެ. ވޯލްސްޓްރީޓް ޖާނަލް ބުނާގޮތުން އީރާނަށް ހަމަލާދީން ހާސިލް ކުރެވޭނެ މާބޮޑު ކަމެއް ނެތްކަން އެމެރިކާއަށް އެނގެނީ ޖާސޫސީ މައުލޫމާތުގެ އަލީގައެވެ. މާނައަކީ ވެރިކަން ބަދަލުކޮށްލެވޭނެ ކަމުގެ ޔަގީންކަން ނެތުމެވެ. އެމެރިކާގެ މަގްސަދަކީ އީރާނުގެ ވެރިކަން ފޮރޮޅާލުމެވެ. ވެރިކަން ފޮރޮޅާލެވޭނީ އީރާނުގެ ސިފައިންގެ ލަޝްކަރާއި ރިވޮލިއުޝަނަރީ ގާޑުންގެ ލަޝްކަރާއި ބަސީޖް ލަޝްކަރާއި ގުދްސު ފޯސް ލަޝްކަރު މިހަތަރު ލަޝްކަރުގެ އެއްވެސް ހިސާބެއްގައި ރެދެއްލައިގެންނެވެ. ނަމަވެސް މިފަދަ އެއްވެސް ރެނދެއް މިއިން އެއްވެސް ލަޝްކަރެއްގައި ނެތްކަން އެމެރިކާގެ ޖާސޫސީ ރިޕޯޓްތައް ކަށަވަރުކޮށްދޭކަމަށް ޓްރަމްޕްގެ އިނާސާކަލްގެ މަސްދަރާ ހަވާލާދީ ވޯލްސްޓްރީޓް ޖާނަލް ބުނެއެވެ. އީރާނާ ދެކޮޅަށް އަސްކަރީ ބާރުބޭނުންކޮށްގެން އެ ގައުމުގެ ވެރިކަން ވައްޓާލުމުގެ މަގްސަދު ހާސިލްނުވާނެކަން އެނގެނީ މިހިސާބުންނެވެ. އީރާނަށް ގަދަފަދަ އަސްކަރީ ހަމަލާތަކެއް ދިނުމުގެ ބޭނުމާމެދު ވަނީ ސުވާލު އުފެދޭކަމަށްވެސް ވަނީ މި ހިސާބުންނެވެ. އީރާނުގައި ކުރަމުން އަންނަ މުޒާހަރާތައް: އެ ގައުމުން ބުނީ މިއީ އެމެރިކާއާއި އިސްރާއީލުން ކުރާ ޓެރަރިޒަމްގެ ހަނގުރާމައެއް ކަމަށް -- ފޮޓޯ/ އޭޕީ ވޯލްސްޓްރީޓް ބުނާގޮތުން މި ހަގީގަތްތަކުގެ އަލީގައި ޓްރަމްޕް މިހާރު ބުރަވަނީ މައިގަނޑު ގޮތެއްގައި އީރާނުގެ އެތެރެއިން އީރާން މީހުން ރެކްރޫޓްކޮށް އެމީހުންނަށް ހަތިޔާރު ސްމަގްލްކޮށްދީގެން އީރާނުގެ އެތެރެއިން (އެތެރޭގެ ޓެރަރިސްޓުން) ބޭނުންކޮށްގެން އެ ގައުމުގެ އިސްވެރިން އަވަހާރަކޮށްލުމުގެ ޙަރަކާތްތަކެއް (ޓެރަރިޒަމްގެ އަމަލުތައް) ހިންގުމަށެވެ. މީގެއިތުރުން އީރާނާ ދެކޮޅަށް ސައިބާ ހަމަލާތައް ދިނުމާއި ދަތިކުރުމުގެ އިތުރުފިޔަވަޅު އެޅުމާއި އީރާނުގެ ތެލުގެ ސަޕްލައިއަށް ހުރަސްއެޅުންފަދަ ކަންކަން އިތުރުކުރުން މިވަގުތަށް މާ މުހިއްމުކަމަށް ޓްރަމްޕްގެ އިނާސާކަލްގައި ހިމެނޭ ޓީމުން އޭނާއަށް ލަފަދޭކަމަށް އެ ނޫސް ބުނެއެވެ. އެމެރިކާ އީރާނަށް ހަމަލާދީނަމަ އެކަމުގެ ރައްދު އެންމެ ވަރުގަދަކޮށް ދޭނީ އިސްރާއީލަށް ކަމަށް އީރާނުގެ މަސްއޫލުވެރިން ވަނީ ވިދާޅުވެފައެވެ. މިއާއެކު އިސްރާއީލު ގެންދަނީ އެމެރިކާއާއި އީރާނާ ދެމެދު މިހާރު އުފެދިފައިވާ މައްސަލައަކީ އިސްރާއީލާ ސީދާ ގުޅުމެއްނެތް މައްސަލައެއްކަމަށް ބުނެ މިކަމުން ރެކިގަތުމަށް މަސައްކަތް ކުރަމުންނެވެ. އީރާނުން އިސްރާއީލަށް ރައްދު ހަމަލާދީފިނަމަ އިސްރާއީލުގެ ވެރިރަށް ޓެލްއަވީވުގެ ބޮޑުބައެއް ފުނޑާލާނެކަން އިސްރާއީލަށް އެނގެއެވެ. އިސްރާއީލުގެ ރޭވުމަކީ އީރާނުގެ ހަމަލާއެއް އިސްރާއީލަށް ނާރާގޮތަށް އެމެރިކާ ލައްވައި އީރާން އާ ތެޅުވުމަށެވެ. އިރާގު ފުނޑާލަން އެމެރިކާ ލައްވައި (އިސްރާއީލު ދުރުގައި އޮގެން) ކަންކުރި ގޮތަށް ކަން ކުރާށެވެ. އީރާނުގެ އެންމެ ބާރުގަދަ ހައިޕާސޮނިކް މިސައިލްތައް ވައްޓާނުލެވޭނެކަމާއި އެއިން އިސްރާއީލަށް ބޮޑެތި ގެއްލުންތަކެއް ދެވޭނެކަން އިސްރާއީލަށް ވަރަށް ރަނގަޅަށް އެނގެއެވެ. އިސްރާއީލުގެ ދިފާއީ ވަޒީރު ވަނީ އީރާނަށް އިސްވެ ހަމަލާދިނުމުގެ ވިސްނުމެއް އިސްރާއީލުގައި މިވަގުތުނެތް ކަމަށާއި އެމެރިކާގެ ހަމަލާއަކާ ގުޅިގެން އީރާން އިސްރާއީލަށް ހަމަލާދީނަމަ އިސްރާއީލުގެ ރައްދު ވަރަށް ވަރުގަދަވާނެކަމަށް ބުނެ އީރާނަށް އިންޒާރު ދީފައެވެ. ނަމަވެސް އީރާން ދެކޭގޮތުގައި އިސްރާއީލާއި އެމެރިކާވެސް މައިތިރިވާނީ އެމެރިކާ އިސްވެ ހަމަލާދީފިނަމަ އޭގެ ރައްދުގައި އީރާނުން އިސްރާއީލަށް ގަދަފަދަ ހަމަލާތަކެއް ދީގެންނެވެ. އިސްރާއީލަށް ބޮޑު ގެއްލުމެއް ލިބޭނަމަ އިރާނަށް ހަމަލާދޭކަށް އެމެރިކާއަށްވެސް އަދި އިސްރާއީލަށް މުސްތަގްބަލްގައި ނުކެރޭނެއެވެ. މިހަގީގަތް އީރާން ވަރަށް ރަނގަޅަށް ދަނެއެވެ. . ކުރިޔަށް އޮތް ތަނުގައި އީރާނުގެ ވެރިން އަވަހާރަކޮށްލުމަކީ އެމެރިކާ ހިންގާ ޓެރަރިޒަމްގެ ހަރަކާތްތަކުން ވެދާނެކަމެކެވެ. ނަމަވެސް ވެރިން އަވަހާރަކޮށްލި ނަމަވެސް ބަދަލުގައި އައުވެރިން އަންނާނެއެވެ. އީރާނަކީ މުއައްސަސާތަކުގެ ނިޒާމެކެވެ. އެެހެންކަމުން މުއައްސަސާތަކުގެ ނިޒާމެއް ބަދަލުކޮށްލުމަކީ ވަރަށް އުނދަނގޫ ކަމެކެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ