ސައިބާ އެޓޭކެއްގައި ކުޅުދުއްފުށީ ހޮސްޕިޓަލްގެ ބައެއް ޑޭޓާތައް ގެއްލުނު މައްސަލައެއް

ސައިބާ އެޓޭކެއްގައި ކުޅުދުއްފުށީ ހޮސްޕިޓަލްގެ ބައެއް ޑޭޓާތައް ގެއްލިފައިވާކަމަށް ދައުލަތުގެ އޮޑިޓް އޮފީހުން ބުނެފިއެވެ.
އޮޑިޓަރ ޖެނެރަލްގެ އޮފީހުން މިގޮތަށް ބުނެފައިވަނީ، އެ އޮފީހުން ކުރި ހދ.ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލްގެ 2021 އަދި 2022 ވަނަ އަހަރުގެ އޮޑިޓް ރިޕޯޓްގައެވެ. މި ރިޕޯޓްގައި ބުނެފައިވަނީ، ކުޅުދުއްފުށި ހޮސްޕިޓަލުން 2022 ވަނަ އަހަރުން ފެށިގެން ލިބެންޖެހޭ ފައިސާގެ ހިސާބު ބަލަހައްޓަން ފަށާފައިވީނަމަވެސް، 2021 ވަނަ އަހަރު ހޮސްޕިޓަލްގެ ސަރވަރ އަށް ސިސްޓަމަށް ކުރިމަތިވި ސައިބާ އެޓޭކެއްގައި ބައެއް ޑޭޓާ ގެއްލިފައިވާކަމަށެވެ. 
އެހެންވުމުގެ ސަބަބުން 2022 ވަނަ އަހަރުގެ ކުރިން ތައްޔާރުކޮށްފައިވާ ކްރެޑިޓް ބިލްތަކުގެ ތެރެއިން ފައިސާ ނުލިބި ހުރި ބިލްތަކުގެ ތަފްސީލް އެނގެން ނެތްކަމަށެވެ. އަދި ނުލިބިހުރި ފައިސާ ހޯދުމަށް ކުރި މަސައްކަތްވެސް އެހެންވުމުގެ ސަބަބުން އެނގެން ނެތްކަމަށް ވަނީ ރިޕޯޓްގައި ބުނެފައެވެ. 
އޮޑިޓް ރިޕޯޓުގައިވާގޮތުން ހޮސްޕިޓަލްގެ ސަރވަރއަށް ދިން ހަމަލާގައި ހަމައެކަނި ގެއްލިފައިވާކަމަށް އެނގެން އޮންނަނީ، ބިލްތަކާބެހޭ ރިކޯޑްތައް އެކަންޏެވެ. އެގޮތުން ހޮސްޕިޓަލުން ފަރުވާ ހޯދާފައިވާ ބަލިމީހުންނާ ގުޅޭ އެއްވެސް ޑޭޓާއެއް ގެއްލިފައިވާކަމަށް އެނގޭކަށެއް ނެތެވެ.
ކުޅުދުއްފުށީ ހޮސްޕިޓަލްގެ އޮޑިޓް ރިޕޯޓްގައި އޮޑިޓަރ ޖެނެރަލް ފާހަގަކޮށްފައިވާ އިތުރު މައްސަލަތަކުގެ ތެރޭގައި އޮފީހަށް ހާޒިރުނުވާ އަދި ގަޑިޖެހިފައިވާ ދުވަސްތަކަށް ނުކަނޑައި މުސާރަ ދީފައިވުމުގެ އިތުރުން އޮންކޯލް ޑިއުޓީ އެލަވަންސްގެ ގޮތުގައި ސްޕެޝަލިސްޓް ޑޮކްޓަރުންނަށް ދީފައިވާ އަދަދުގެ ސައްހަކަން ކަށަވަރުނުވުން ފާހަގަކޮށްލެވެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ