ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް މިދިޔަ މަހު މާލީ އެހީގެ ގޮތުގައި 53 މިލިއަނަށް ވުރެ ގިނަ ރުފިޔާ

ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް، ފާއިތުވެދިޔަ ޑިސެންބަރު މަހު އެކަނިވެސް 53 މިލިއަނަށް ވުރެ ގިނަ ރުފިޔާ މާލީ އެހީގެ ގޮތުގައި ދީފައިވާކަމަށް ނެޝަނަލް ސޯޝަލް ޕްރޮޓެކްޝަން އޭޖެންސީއިން އާއްމުކުރި ތަފާސްހިސާބުތަކުން ހާމަވެއްޖެއެވެ. 
މި ތަފާސްހިސާބުތަކުގައި ވާގޮތުން، މިދިޔަ އަހަރުގެ ޑިސެންބަރު މަހު، ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް މާލީ އެހީގެ ގޮތުގައި 53،789،000 ރުފިޔާ ދީފައިވެއެވެ. 
މިދިޔަ އަހަރުގެ ނިޔަލަށް ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކުގެ ދަފްތަރުގައި 15059 ފަރާތެއް ރަޖިސްޓްރީ ކުރެވިފައިވެއެވެ. މީގެ ތެރެއިން މާލީ އެހީތެރިކަން ފޯރުކޮށްދީފައިވަނީ 14816 ފަރާތަކަށް ކަމަށް އެންސްޕާއިން ބުނެއެވެ. 
ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ދަފްތަރުގައި މިދިޔަ އަހަރުގެ ނޮވެންބަރާއި ހަމައަށް ރަޖިސްޓްރީވެފައިވަނީ  14،938 ފަރާތެކެވެ. އެހެންކަމުން ޑިސެންބަރު މަހު އިތުރު 140 ފަރާތެއް ވަނީ ނުކުޅެދުންތެރިކަން ހުންނަ މިހުންގެ ގޮތުގައި އަލަށް ރަޖިސްޓްރީވެފައެވެ. 
ސަރުކާރުން ދަނީ ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް މުހިންމު އެތައް އެހީތަކެއް ފޯރުކޮށްދެމުންނެވެ، އެގޮތުން އެފަރާތްތަކަށް ހާއްސަ ޓްރެއިނިންގ ތަކާއި ވަޒީފާގެ ފުރުސަތުތައްވެސް ވަނީ ހުޅުވާލާފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ