ދިރާގުގެ ފުރަތަމަ ސްޕީޑު ބޯޓުގެ ނަސީބުވެރިޔާ ހޮވާ ހަރަކާތުގައި ރޮބޯމޭން ފެންނާނެ
ދިރާގުން ކުރިއަށްގެންދާ 'އެންރޯލް އެންޑް ވިން ޓޫ ސްޕީޑްބޯޓް' ޕްރޮމޯޝަނުގެ ފުރަތަމަ ސްޕީޑްބޯޓްގެ ނަސީބުވެރިޔާ ހޮވުމަށް ބާއްވާ ހަރަކާތުގައި ރޮބޯމޭންގެ ޚާއްސަ ހުށަހެޅުންތަކެއް ފެންނާނެ ކަމަށް އެ ކުންފުނިން މިއަދު ބުނެފިއެވެ. މާދަމާ 16:00ގައި އެ ހަރަކާތް ބާއްވަން ހަމަޖެހިފައިވަނީ، ހުޅުމާލެ ދެވަނަ ފިޔަވަހީގެ ދިރާގު ބީޗުގައެވެ. މުނިފޫހިފިލުވުމުގެ ތަފާތު ހަރަކާތްތައް ހިމަނޭ މި ހަރަކާތުގެ އެންމެ ފޯރިގަދަ ވަގުތަކަށް ވާނީ، ދިރާގުން ހުށަހަޅާފައިވާ ފުރަތަމަ ސްޕީޑްބޯޓުގެ ނަސީބުވެރިޔާ އިއުލާންކުރާ ވަގުތެވެ. ދިރާގުން ބުނީ، މި ހަރަކާތުގައި ރާއްޖޭގެ މަގުބޫލު 'ރޮބޯމޭން'ގެ ހިތްގައިމު ހަރަކާތްތަކާއި ޖޯޝުން ފުރިގެންވާ ހުށަހެޅުންތަކެއް ފެންނާނެ ކަމަށެވެ. ރޮބޯމޭންއަކީ ހުރިހާ އުމުރުފުރައެއްގެ ބެލުންތެރިންގެ މެދުގައި މަގުބޫލުކަން ހޯދާފައިވާ ފަންނާނެކެވެ. އެގޮތުން، ސްޓޭޖުމަތީގައި ދައްކުވައިދޭ ފޯރިގަދަ ނެށުންތަކާއި ބެލުންތެރިންނާ ބާއްވާ ގާތް ގުޅުމުގެ ސަބަބުން، ރޮބޯމޭންއަކީ ރާއްޖޭގެ ބޮޑެތި އިވެންޓްތަކާއި ފެސްޓިވަލްތަކުގައި ގިނަ ބައެއްގެ ލޯބި ލިބިފައިވާ ތަރިއެކެވެ. މި ޕްރޮމޯޝަނުގެ ދަށުން ހުށަހަޅާފައިވާ ފުރަތަމަ ސްޕީޑްބޯޓް ހޯދުމުގެ ފުރުސަތު ނިމުނު ކަމުގައި ވިޔަސް، ދެވަނަ ލޯންޗު ކާމިޔާބު ކުރުމުގެ ފުރުސަތު އަންނަ މާރިޗު 31ގެ ނިޔަލަށް އޮތްކަން ދިރާގުން ފާހަގަކުރިއެވެ. ދިރާގުން އަންނަނީ، ހުނަރުވެރި ފަންނާނުންގެ ކުރިއެރުމަށާއި އެ ފަރާތްތަކުގެ ފަންނުވެރިކަން ދައްކާލުމަށްޓަކައި އެކިއެކި ފުރުސަތުތައް މަގުފަހި ކޮށްދެމުންނެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ