"ޓީމުގެ ކުޅުން ރަނގަޅު ވަމުން އެބަދޭ، ދަނޑަށް ހޭނެން ވަގުތުނަގާ" "ޓީމުގެ ކުޅުން ރަނގަޅު ވަމުން އެބަދޭ، ދަނޑަށް ހޭނެން ވަގުތުނަގާ"

ސާފް ފުޓްސަލް ޗެމްޕިއަންޝިޕްގައި ވާދަކުރަމުން އަންނަ ރާއްޖޭގެ ގައުމީ އަންހެން ފުޓްސަލް ޓީމުގެ ކުޅުން ރަނގަޅުވަމުން އަންނަ ކަމަށާއި އިންޑޯ ޕިޗް އަށް ހޭނެން ވަގުތު ނަގާ ކަމަށް ޓީމުގެ ކެޕްޓަން، ފާތިމަތު ޝާލިޔާ (ޝާ) ބުނެފި އެވެ.
މިއީ، ރާއްޖޭގެ އަންހެން ފުޓްސަލް ޓީމެއް ބައިނަލްއަގުވާމީ މުބާރާތެއްގައި ކުޅޭ ފުރަތަމަ ފަހަރެވެ. މީގެ ކުރިން، ޓްރެއިނިން މެޗެއް ވެސް ކުޅެފައިނުވާއިރު، މުބާރާތް ކުޅުމަށް ތައިލެންޑަށް އައުމުގެ ކުރިން އިންޑޯއެއްގައި ޕްރެކްޓިސްކޮށްފައެއް ވެސް ނުވެ އެވެ.
ތައިލެންޑަށް އައުމަށް ފަހު، އިންޑޯގައި ޓްރެއިނިން ކުރިއަށްގެންދިއުމުގެ ފުރުސަތު ލިބިގެންދިޔަ އެވެ. އަދި، ފުރަތަމަ މެޗުގައި، އިންޑިއާ އަތުން 11-1 އިން ބަލިވި އެވެ.
އެ އަށް ފަހު، މިއަދު ކުޅުނު ދެ ވަނަ މެޗުގައި، ރާއްޖޭން ނޭޕާލް އަތުން 5-0 އިން ބަލިވިއިރު، މި މެޗުގައި ނޭޕާލް ކައިރީގައި ރާއްޖޭން ރަނގަޅު ކުުޅުމެއް ދެއްކި އެވެ.
"ފުރަތަމަ މެޗުގައި ތަންކޮޅެއް ފަރަގު ބޮޑުކޮށް ކަންނޭނގެ މިދިޔައީ، އެންމެ އުންމީދުކުރި ނަތީޖާއެއް ނޫން. ދެން، އަޅުގަނޑުމެން ދެ ވަނަ މެޗުގައި ފުރަތަމަ މެޗަށް ވުރެން ރަނގަޅަށް އިމްޕްރޫވްވަމުން މިދަނީ، ފަހަރަކަށް ވުރެން ފަހަރެއް، މެޗަކަށް ފަހު މެޗެއް ރަނގަޅުކުރަމުން މިދަނީ،" މިއަދުގެ މެޗަށް ފަހު، "އަދަދު ސްޕޯޓްސް" އަށް ދިން އިންޓަވިއުއެއްގައި، ޝާލިޔާ ބުންޏެވެ.
"އަސްލު އަޅުގަނޑުމެންނަށް ޕްލޭޔަރުންނަށް ދަނޑަށް ހޭނެން ފުދޭވަރަކަށް ޓައިމް އެބަބޭނުންވޭ، އެހެން ނަމަވެސް ހަމަ، މި އުންމީދުކުރަނީ އެއް މެޗަށް ވުރެން އަނެއް މެޗު ރަނގަޅުވާނެ ކަމަށް. މިއަދު، ވެސް ފުރަތަމަ ހާފަށް ވުރެން ދެ ވަަނަ ހާފު ރަނގަޅުވި، އެހެންވީމަ، ކުރިއަށް ހުރި މެޗުތަކުގައި މިއަަށް ވުރެން ރަނގަޅު ނަތީޖާއެއް ނެރޭނަން އިރާދަކުރެއްވިއްޔާ،"
ލީގު އުސޫލުން ކުރިއަށްދާ މި މުބާރާތުގައި ގައުމީ އަންހެން ފުޓްސަލް ޓީމުން ކުޅޭ ތިން ވަނަ މެޗުގައި، އަންނަ ހޮނިހިރު ދުވަހު ޕާކިސްތާނާ ކުޅޭނެ އެވެ. އަދި، ހަތަރު ވަނަ މެޗުގައި މި މަހު 21 ވަނަ ދުވަހު ބޫޓާނާ ބައްދަލުކުރާނެ އެވެ. އޭގެ ފަހުން، ފަސް ވަނަ މެޗުގައި، މި މަހު 23 ވަނަ ދުވަހު ސްރީ ލަންކާއާ ކުޅުމަށް ފަހު، ފަހު މެޗުގައި މި މަހު 25 ވަަނަ ދުވަހު ނުކުންނާނީ ބަންގްލަދޭޝްއާ ދެކޮޅަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ