އާޒިމެއް ބަލިކުރަން އާޒިމެއް ނެރެގެން އުޅެނީ އެމްޑީޕީއަށް ހެވެއް އެދިގެން ކަމަށް ގަބޫލު ކުރެވޭކަށް ނެތެވެ. ނިމިދިޔަ އެމްޑިޕީގެ ވެރިކަމުގައި އެމްޑީޕީ ފަހުރުވެރިވާ ވަރުގެ ކާމިޔާބު މަސައްކަތްތަކެއްކޮށް ނަތީޖާ ދައްކާފައިވާ އާދަމް އާޒިމާ ގުޅުވައިގެން ފިތުނަވެރި ވާހަކަ ދައްކަނީ ކޮންބަޔަކު ކީއްވެކަން ގިނަ މެންބަރުންނަށް އެނގެއެވެ.
އެމްޑިޕީގެ.ޓިކެޓްގައި މާލެސިޓީއަށް ހޮވުނު މީހުންގެ ތެރެއިން އާދަމް އާޒިމް ނޫން އެންމެން ތިބީ ޕީއެންސީއަށް ސޮއި ކޮށްގެންނެވެ. އާދަމް އާޒިމް ބޭނުން ނަމަ އާދަމް އާޒިމަށް ވެސް އެކަން ކުރެވުނީހެވެ.
ފަސޭހަ ލުއިގޮތް އޮއްވާ އާދަމް އާޒިމް އިހުތިޔާރުކުރީ އެމްޑީޕީގައި ދެމި ހުރުމެވެ. އެމްޑިޕީގެ އެންމެ މެންބަރަކުވެސް ނެތި މޭޔަރުކަންކޮށް ނަތިޖާ ނެރެދޭން އާދަމް އާޒިމް ހުރީ ޕާޓީ ބަދަލު ނުކުރާނެތީއެވެ. އަމިއްލަ މަސްލަހަތުގައި ޕާޓީ ބަދަލު ކުރާނެ ނަމަ އާދަމް އާޒިމު މިހާރު ހުރިހީ ޕާޓީ ބަދަލު ކޮށްގެންނެވެ. އޭރު ނުކުރި ބަދަލެއް ދެންވެސް ނުކުރާނެއެވެ.
އާދަމް އާޒިމް މޭޔަރުކަން ލިބުމުން ޕާޓީ ބަދަލު ކުރާނެކަމަށް ފަތުރާ ވާހަކަ ތަކަކީ ބަލައިގަނެވޭ ވަރަށްވުރެ ދެރަވަރު ވާހަކަ ތަކެކެވެ. އަނެއް ކޮޅުން އަމިއްލަ މަސްލަހަތާހުރެ އާދަމް އާޒިމަށް ރައީސް މުއިއްޒު ޖަވާބުދާރީ ނުކުރެވޭ ކަމަށް އެމްޑިޕީގެ ކުރީގެ ޗެއަރޕާސަނުންގެ ބަޔަކު ދައްކާ ވާހަކައަކީ ވެސް ބޮޑު އޮޅުވާލުމެކެވެ.
އެމްޑީޕީ އިދިކޮޅު ޕާޓީއެއްގެ ގޮތުގައި ލީޑަރޝިޕްގައި އެހުރިހާ ބޭފުޅުން ތިއްބަވައިގެން ނުކުރެއްވުނު ޖަވާބު ދާރީއެއް މޭޔަރުގެ ބޮލަށް ކަޑާލައިގެން އާދަމް އާޒިމު ގެ އޮފުކަނޑުވާލަން އުޅުން އެހާމެ ދެރަވަރެވެ. ހުތުރެވެ. ސަރުކާރުން ކުރާކަންކަމަށް އާދަމް އާޒިމު ހައްގު ބަސްބުނެ އަޅަންޖެހޭ ފިޔަވަޅެއް އަޅާފައިވެއެވެ. ރެކޯޑްތަކުން އެކަން އެހުރީ ފެންނާށެވެ.
އެހެންކަމުން މޭޔަރ ޓިކެޓްގެ ޕްރައިމަރީއަށް އިތުރު އާޒިމެއް ނެރެގެން އުޅޭ އުޅުމަކީ މެންބަރުންނަށް އޮޅުވާލަން ބަޔަކު ރާވައިގެން ހިންގާ ކަމެއްކަމުގައި ބުނެވިދާނެއެވެ. އެމްޑީޕީ ނޫން ގޮތެއް ހޯދަން އެމްޑީޕީން ނިކުތް މީހުން އިސްވެތިބެ އެމްޑީޕީއަށް މާލޭ މޭޔަރކަން ގެއްލުވާލަން ކުރާކަމެއް ކަމަށް ބުނުމުގެ ޖާގަ އެބައޮތެވެ.
ދެ އާޒިމުގެ ކުރިމަތިލުމަކަށް އެމްޑީޕީ ވައްޓާލީ އެމްޑީޕީ ޕްރައިމަރީ ފިތުނައިގައި ޖައްސާ ބައިބައިކޮށްލުމުން ދަ ޑިމޮކްރެޓްސްގެ ޓިކެޓްގައި ގަލޮޅު ދެކުނުގައި ރައްޔިތުންގެ މަޖިލީހަށް ވާދަކުރި ޒަރިޔަންދަށް މޭޔަރުކަން ފަހިކުރާށޭ ނުބުނެވޭ ވަރެއް ނޫނެވެ. ހަމަ ހިލާ އެހެނެއް ނުވާނެއެވެ.
އެމްޑީޕީ ނިކުމެ އެއްވާނަކަށް ސިޓިންގ މޭޔަރ އާދަމް އާޒިމަށް ފުރިހަމަ ދައުރެއް ހޯދާ ދިނުމަށްވުރެ މޮޅުގޮތެއް އެމްޑީޕީއަކަށް ނެތެވެ. މިއްޔަކީ ރިޔާސީ ޓިކެޓަށް ބާރުގަދައީ ކޮންފެކްޝަނެއްތޯ ބަލަންވީ ވަގުތެއް ނޫނެވެ. މިވަގުތަކީ ސިޓީ ކައުންސިލްގެ މޭޔަރުކަން ދިފާއުކޮށް ކައުންސިލްގެ މެޖޯރިޓީ އެމްޑީޕީއަށް ހޯދަން އާދަމް އާޒިމާ އަތުގުޅާލަންވީ ވަގުތެވެ.
އެމްޑީޕީއަށް މޭޔަރުކަން ދިފާއުކުރެވޭނީ އާދަމް އާޒިމު ހޮވައިގެން
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ