އެންސީއައިޓީ އުވާލައި، މޯލްޑިވްސް ޑިޖިޓަލް ސާވިސް އުފައްދައިފި

ރައީސް މުހައްމަދު މުއިއްޒު 'މޯލްޑިވްސް ޑިޖިޓަލް ސާވިސް'ގެ ނަމުގައި އިދާރާއެއް އުފައްދަވައި، ނެޝަނަލް ސެންޓާ ފޮ އިންފޮމޭޝަން ޓެކްނޮލޮޖީ (އެންސީއައިޓީ) އުވާލައްވައިފި އެވެ.
ވީ ކިހިނެއް؟ - ރައީސް މުއިއްޒު މޯލްޑިވްސް ޑިޖިޓަލް ސާވިސް އުފައްދައި، އެންސީއައިޓީ އުވާލެއްވީ ގާނޫނުއަސާސީގެ 116 ވަނަ މާއްދާގެ (ހ)އިން ރައީސުލްޖުމްހޫރިއްޔާއަށް ލިބިވަޑައިގަންނަވާ އިހުތިޔާރުގެ ދަށުންނެވެ.
އެންސީއައިޓީގެ ބަދަލުގައި މިއަދު އަލަށް އުފެއްދެވި މޯލްޑިވްސް ޑިޖިޓަލް ސާވިސް ހިންގާނީ ހޯމްލޭންޑް މިނިސްޓްރީގެ ދަށުންނެވެ.
ތަފްސީލު - ރައީސް އޮފީހުން ބުނި ގޮތުގައި މޯލްޑިވްސް ޑިޖިޓަލް ސާވިސް އުފެއްދީ ސަރުކާރުގެ 'ޑިޖިޓަލް-ފަސްޓް ނޭޝަން' ތަސައްވުރާ ގުޅޭގޮތުން 25 ސެޕްޓެމްބަރު 2025ގައި ބޭއްވި ވަޒީރުންގެ މަޖިލީހުގެ ޖަލްސާއަށް ހުށަހަޅައި މަޝްވަރާކޮށްފައިވާ 'މޯލްޑިވްސް 2.0 ރޯޑްމެޕް' މަގުޗާޓު ތަންފީޒުކުރުމުގެ ގޮތުންނެވެ.
އެ މަގުޗާޓުގައިވާ ކަންކަން ތަންފީޒު ކުރުމުގެ ޒިންމާ ހަވާލުކުރާ އެންމެ އިސް އިދާރާއަކީ އަލަށް މި އުފެއްދި މޯލްޑިވްސް ޑިޖިޓަލް ސާވިސް ކަމުގައި އެ ޖަލްސާގައި ވަނީ ކަނޑައަޅާފަ އެވެ.
މޯލްޑިވްސް 2.0 މަގުޗާޓުގައިވާ ކަންކަން ތަންފީޒު ކުރުމުގެ އިތުރުން އެންސީއައިޓީއިން މިހާތަނަށް ކުރަމުން ގެންދިޔަ މަސައްކަތްތައް ވެސް ދެން ކުރާނީ މޯލްޑިވްސް ޑިޖިޓަލް ސާވިސްއިންނެވެ.
މޯލްޑިވްސް ޑީޖިޓަލް ސާވިސްއަށް ދައުލަތުގެ އިދާރާތަކުން ލިޔާ ސިޓީގައި ޖަހާނެ ނަންބަރަކީ 1137 އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ