ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުއިއްޒު، މިއަދު "ނޭޝަނަލް ސެންޓަރ ފޮރ އިންފޮމޭޝަން ޓެކްނޯލޮޖީ" އުވައިލައްވައި "މޯލްޑިވްސް ޑިޖިޓަލް ސަރވިސް" އުފައްދަވައިފިއެވެ.
ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ބުނީ "މޯލްޑިވްސް ޑިޖިޓަލް ސަރވިސް"ގެ ނަމުގައި އިދާރާއެއް މިއަދު އުފައްދައި، އެ އިދާރާއަކީ މިނިސްޓްރީ އޮފް ހޯމްލޭންޑް ސެކިއުރިޓީ އެންޑް ޓެކްނޯލޮޖީގެ ދަށުން ހިނގަމުންދާ ތަނެއްގެ ގޮތުގައި ހަމަޖައްސަވާފައިވާކަމަށެވެ. އެގޮތުން އެ މިނިސްޓްރީގެ ދަށުން ހިނގަމުންދިޔަ "ނޭޝަނަލް ސެންޓަރ ފޮރ އިންފޮމޭޝަން ޓެކްނޯލޮޖީ" މިއަދުން ފެށިގެން އުވާލާފައިވަނީ ރައީސުލްޖުމްހޫރިއްޔާއަށް ލިބިވަޑައިގަންނަވާ އިޚުތިޔާރުގެ ދަށުންނެވެ.
ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ނެރެފައިވާ ދެންނެވުމުގައި ބުނެފައިވަނީ "މޯލްޑިވްސް ޑިޖިޓަލް ސަރވިސް" އުފެއްދެވީ، ޑިޖިޓަލް-ފަސްޓް ނޭޝަން ތަސައްވުރާ ގުޅޭގޮތުން 2025 ސެޕްޓެންބަރު 25ވަނަ ދުވަހު ބޭއްވެވި ވަޒީރުންގެ މަޖިލީހުގެ ޖަލްސާއަށް ހުށަހަޅުއްވައި މަޝްވަރާކުރައްވައިފައިވާ "މޯލްޑިވްސް 2.0 ރޯޑްމެޕް 2025-2028 - ޖަރނީ ޓު ޑިޖިޓަލް ޓްރާންސްފޮމޭޝަން" މަގުޗާޓު ތަންފީޒުކުރުމާ ގުޅޭގޮތުން އެ މަޖިލީހުން ނިންމަވައިފައިވާ ނިންމެވުންތަކުގެ ތެރޭގައި، "މޯލްޑިވްސް 2.0 ރޯޑްމެޕް 2025-2028 - ޖަރނީ ޓު ޑިޖިޓަލް ޓްރާންސްފޮމޭޝަން" މަގުޗާޓުގައިވާ ކަންކަން ތަންފީޒުކުރުމުގެ ޒިންމާ ހަވާލުކުރާ އެންމެ އިސް އިދާރާއަކީ، މޯލްޑިވްސް ޑިޖިޓަލް ސަރވިސް ކަމުގައި ހަމަޖެއްސެވުމަށް ނިންމަވައިފައިވާތީ ކަމަށެވެ.
މޯލްޑިވްސް ޑިޖިޓަލް ސަރވިސް އުފެއްދެވުމާ ގުޅިގެން، "މޯލްޑިވްސް 2.0 ރޯޑްމެޕް 2025-2028 - ޖަރނީ ޓު ޑިޖިޓަލް ޓްރާންސްފޮމޭޝަން" މަގުޗާޓުގައިވާ ކަންކަން ތަންފީޒުކުރުމުގެ ޒިންމާ އަދާކުރާ އެންމެ އިސް އިދާރާގެ ހައިސިއްޔަތުން ކުރައްވަންޖެހޭ މަސައްކަތްތަކުގެ އިތުރުން، އެން.ސީ.އައި.ޓީ.އިން މިހާތަނަށް ކުރައްވަމުން ގެންދެވި މަސައްކަތްތައް ކުރައްވަމުން ގެންދަވާނީވެސް، މޯލްޑިވްސް ޑިޖިޓަލް ސަރވިސްއިންނެވެ.
މޯލްޑިވްސް ޑިޖިޓަލް ސަރވިސްއަށް ދައުލަތުގެ އިދާރާތަކުން ލިޔުއްވާ ސިޓީގައި ބޭނުންކުރާނެ ނަމްބަރެއްގެ ގޮތުގައި ކަނޑައަޅާފައިވަނީ 1137 އެވެ.
އެންސީއައިޓީ އުވާލައި، މޯލްޑިވްސް ޑިޖިޓަލް ސަރވިސް އުފައްދަވައިފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ