ގިނަ އަދަދެއްގެ ޓޫރިސްޓުންނާއެކު ފަރަށް އެރި ފެރީއަކުން މީހުން ސަލާމަތްކޮށްފި

ގިނަ އަދަދެއްގެ ޓޫރިސްޓުން ގޮވައިގެން ކ. މާފުއްޓަށް ދަތުރު ކުރަމުން ދަނިކޮށް, ފަރަށް އެރި ފެރީއެއްގައި ތިބި މީހުން ފުލުހުން ސަލާމަތް ކޮށްފިއެވެ. ފުލުހުން ބުނީ މިއަދު 11:24 ކަންހާއިރު މާލެއިން ފުރައިގެން މާފުއްޓަށް 72 މީހުންނާއެކު ދަތުރު ކުރަމުން ދިޔަ ފެރީއެއްގެ އިންޖީނު ހުއްޓި, އެނބޫދޫ ފަރަށް އަރާފައިވާ ކަމަށެވެ. އެ ފެރޫގައި ތިބި 72 މީހުންގެ ތެރެއިން 67 މީހުންނަކީ ޓޫރިސްޓުންނެވެ. އޭގެ ތެރޭގައި ކުޑަކުދިން ވެސް ހިމެނެއެވެ. ދެން ތިބީ ދިވެހި ތިން ފަޅުވެރިންނާއި ބިދޭސީ ދެ ފަޅުވެރިންނެވެ. ފަރަށް އެރި ފެރީއިން މީހުން ސަލާމަތް ކުރުން: ފޮޓޯ: ފުލުހުން ފުލުހުން ބުނީ އެ އެންމެން ސަލާމަތް ކޮށްފައިވާއިރު އެއްވެސް މީހަކަށް އަނިޔާއެއް ލިބިފައިނުވާ ކަމަށެވެ. ފުލުހުން ސޯޝަލް މީޑިއާގައި އާއްމުކޮށްފައިވާ ފޮޓޯތަކުން ފެންނަ ގޮތުގައި ފެރީ ވަނީ ވަރަށް ބޮޑަށް ފަރަށް އަރައި އަރިއަޅާލައިފައެވެ. އެ ފެރީގައި ތިބި މީހުން ފުލުހުންގެ ލޯންޗްތަކަށް އަރުވާފައިވަނީ ލައިފްޖެކެޓް އަޅުވައި މޫދަށް ބާލުވައިގެން ގެނެހެވެ. އެ ފެރީ ފުންކުރުމުގެ މަސައްކަތް އޭގެ ވެރިފަރާތުން މިހާރު އަންނަނީ ކުރަމުން ކަމަށް ވެސް ފުލުހުން ބުންޏެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ