ސާފް 20 އަހަރުން ދަށުގެ މުބާރާތް: ނޭޕާލާ އެއްވަަރުވެ ރާއްޖެ އަށް މުބާރާތް ނިމިއްޖެ ސާފް 20 އަހަރުން ދަށުގެ މުބާރާތް: ނޭޕާލާ އެއްވަަރުވެ ރާއްޖެ އަށް މުބާރާތް ނިމިއްޖެ

ސާފް 20 އަހަރުން ދަށުގެ މުބާރާތުގައި މިއަދު ހަވީރު ކުޅުނު މެޗުގައި 1-1 އިން ނޭޕާލާ އެއްވަރުވެ، ރާއްޖެ އަށް ގްރޫޕް ސްޓޭޖުން މުބާރާތް ނިމިއްޖެ އެެވެ.
ރާއްޖެއާ ދެކޮޅަށް ކުޅުނު މިއަދުގެ މެޗަށް ނުކުތްއިރު، ނޭޕާލަށް އޮތީ ފުރަތަމަ ދެ މެޗުން މޮޅުވެ، ސެމީ ފައިނަލުގެ ޖާގައެއް ޔަގީންވެފަ އެެވެ. ފަހު މެޗުން ލިބުނު ޕޮއިންޓާ އެކު، ނޭޕާލް ވަނީ ގްރޫޕް އެއް ވަނަ ކަށަވަރުކޮށްފަ އެވެ. ދެ ވަނައިގައި އޮތް ސްރީ ލަންކާ އިން ދެ މެޗުން ތިން ޕޮއިންޓް ހޯދާފައިވާއިރު، ތިން ވަނައިގައި ރާއްޖެ އޮތީ ތިން މެޗުން ދެ ޕޮއިންޓާ އެކު އެވެ. އަދި، ފުލުގައި އޮތް ބޫޓާނަށް ދެ މެޗުން ޕޮއިންޓެއް ލިބިފައިވެ އެވެ.
ރާއްޖެ އަށް ސެމީގެ ކުޑަ ވެސް އުންމީދެއް އޮތީ ނޭޕާލް ބަލިކޮށްގެންނެވެ. ރާއްޖޭން ފުރަަތަމަ މެޗުގައި، ލަންކާ އަތުން 3-2 އިން ބަލިވިއިރު، ދެ ވަނަ މެޗުން ބޫޓާނާ އެއްވަރުވީ 0-0 އިންނެވެ. އަދި، މިއަދުގެ މެޗުން ވެސް މި ވަނީ އެއްވަރުވެފަ އެވެ. މި ގްރޫޕުން ސެމީގެ އަނެއް ޖާގަ ކަނޑައެޅޭނީ މިރޭ ލަންކާ އާއި ބޫޓާން ކުޅޭ މެޗުންނެވެ. ބޫޓާނަށް ފުރުސަތެއް އޮތީ ލަންކާ ބަލިކޮށްގެންނެވެ. އެއްވަރުކޮށްލައިގެން ވެސް ލަންކާ އަށް ސެމީ އަށް ދެވޭނެ އެވެ.
ރާއްޖެއާ ދެކޮޅަށް ނޭޕާލުން ނުކުތީ ފުރަތަމަ އެގާރަ އަށް ތިން ބަދަލެއް ގެނެސްގެންނެވެ. އެންމެ ބޮޑު ބަދަލަކީ ފުރަތަމަ ދެ މެޗުގައި ކުުޅުނު ކީޕަރު، ޕެމްބާ ނުރްބޫގެ ބަދަލުގައި ދެ ވަަނަ ކީޕަރު ބަކްތާ ބަހާދުރު ކުޅެން އެރުމެވެ.
ގަލޮޅު ދަނޑުގައި މިއަދު ހަވީރު ކުޅުނު މެޗު ފަށައިގެން ތިން ވަނަ މިނިޓްގައި ރާއްޖޭން ލީޑުނެގުމާ ގާތަށް ޖެހިލި އެވެ. އެ ގޮތުން، ތިން ވަނަ މިނިޓްގައި، އަހުޒަމް ރަޝީދު (އަހު) ނެގި ކޯނަރަކަށް އަރައި، ނާޝިއު އަހުމަދު ޝިހާމް ބޮލުން ފޮނުވާލި ބޯޅަ އަމާޒުވީ ގޯލުގެ ދަނޑިއަށެވެ.
ރާއްޖެ އަށް ލިބޭ ބޯޅަތައް އަވަހަށް އެޓޭކަށް ކުޅެމުންދިއުމުގެ ނަތީޖާ އަކަށްވީ 15 ވަނަ މިނިޓްގައި ލީޑުނެގުމެވެ. އެ ގޮތުން، އީތަން އިބްރާހިމް ޒަކީ، ހާފުގެ މެދު ރޮނގުކައިރިން މަތިން ފޮނުވާލި ބޯޅައެއް ހިފައިގެން ވަދެ، ރާއްޖޭގެ ކެޕްޓަން، މުހައްމަދު އިލާން އިމްރާން ވަނީ ގޯލުގެ މަތީ ދާގަނޑަށް ބޯޅަ ފޮނުވާލައިފަ އެވެ. އިލާނަށް އޭގެ ފަހުން ވެސް ގޯލު ކުރިމަތިން ރަނގަޅު ފުރުސަތެއް ލިބި ރަނގަޅަށް ފޮނުވާނުލެވުނެވެ. އިލާން ފޮނުވާލި ބޯޅަ ނޭޕާލްގެ ޑިފެންޑަރު، ސިއްދާންތު ކަޑްކާ ވަނީ ބްލޮކްކޮށްފަ އެެވެ.
ނޭޕާލަށް ފުރަތަމަ ދެ މެޗުގައި ތަފާތު ދެއްކި، ސުބާޝް ބަމް އާއި ކެޕްޓަން، ދަރުބެންދަރު ކުންވާރު އަށް ލިބޭ ބޯޅަތަކުގައި ރާއްޖޭގެ ޑިފެންޑަރުން، މުހައްމަަދު ޝަމްހާން އާއި ނާޝިއު ދިޔައީ ޑިފެންސިވް ރަނގަޅު މަސައްކަތްތަކެއް ކުރަމުންނެވެ. ދެ ވަނަ ހާފުގައި ސުބާޝް އަށް ކުޅޭ ބޯޅަތައް ގިނަކޮށް، ނޭޕާލުން އޭރިއާތެރެއަށް ގިނަ ހުރަސްތަކެއް ޖެހި އެވެ. އެކަމަކު، ރާއްޖޭގެ ކީޕަރު، ޒަހުރާން ހަސަން ޒިޔާދު (ޒަހު) ވަނީ އެ ބޯޅަތަކުގައި ރަނގަޅު ތަަނަށް އަރައި، ނުރައްކާ އިން ސަލާމަތްކޮށްދީފަ އެވެ.
ދެ ވަަނަ ހާފުގައި ރާއްޖޭން އިލާން އަށް ބޯޅަދިނުމަށް ފަހު، އެޓޭކް ކުރެވޭތޯ ބަލަމުންދިޔައިރު، އޭރިއާރޮނގުކައިިރިން ވޮލީ އަކުން ފޮނުވާލި ބޯޅަ ދިޔައީ ގޯލާ ސީދާނުވެ އެވެ. ރާއްޖޭން މެޗުގެ 74 ވަނަ މިނިޓްގައި ދެ ވަނަ ލަނޑެއް ޖެހުމާ ގާތަށް ޖެހިލިއެވެ. ކޯނަރެއްގައި ލިބުނު ފުރުސަތުގައި، އަހުމަދު އަފްނާން ފޮނުވާލި ބޯޅަ ގޯލު ރޮނގުމަތިން ސަލާމަތްކުރީ ނޭޕާލްގެ އަލީކް ޝްރެސްތާ އެވެ.
އޭގެ ފަހުން މެޗުގެ 80 ވަނަ މިނިޓްގައި، ރާއްޖޭގެ ޔޫސުފް އަޔާން އާމިރު ނެގި ހުރަހަކުން އޭރިއާތެރެއިން އިލާން ބޮލުން ފޮނުވާލި ބޯޅަ ކީޕަރު، ބަކްތާ ބަހާދުރު ވަނީ މަތަކޮށްފަ އެެވެ.
ނޭޕާލުން އެއްވަރުކުރީ މެޗުގެ 88 ވަނަ މިނިޓްގަ އެވެ. މިއީ، ހިލޭޖެހުމަކުން ސުބާޝް ނަގައިދިން ބޯޅައަކަށް އަރައި އެ ޓީމުގެ ނިޝާން ރާޖު ލާވަތު ޖެހި ލަނޑެކެވެ. އޭނާ ވަނީ ރާއްޖޭގެ ޑިފެންޑަރުންގެ ކުރިމައްޗަށް އަރައި، ބޮލުން ގޯލަށް ބޯޅަ ވައްދާލައިފަ އެވެ.
އިތުރު ވަގުތުގެ ތެރޭގައި ރާއްޖޭގެ އަހު އެރިއާބޭރުން ޖެހި ބޯޅަ ކީޕަރު ބަކްތާ ބަހާދުރު ވަނީ ހުއްޓުވައިފަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ