ބިދޭސީއަކު ރަހީނުކުރި މައްސަލައެއްގައި ހިމެނޭ ފަސް މީހެއްގެ ވަނަވަރު އާއްމުކޮށްފި

ހުޅުމާލޭގައި އިމާރާތްކުރަމުންދާ ތަނެއްގެ ތެރޭގައި ބަންގްލަދޭޝް މީހަކު ރަހީނުކޮށް، އަނިޔާކުރިކަމަށް ބުނާ 5 މީހެއްގެ ވަނަވަރު ދިވެހި ފުލުހުންގެ ޚިދުމަތުގެ ފަރާތުން އާއްމުކޮށްފިއެވެ.
ފުލުހުން ބުނެފައިވާ ގޮތުން، މި މައްސަލަ ފުލުހުންނަށް ހުށަހަޅާފައިވަނީ، މިހިނގާ މާރިޗް މަހުގެ 25 ވަނަދުވަހު ހުށަހެޅިފައިވާ ކަމަށާއި، މި މައްސަލަ ހުށަހެޅުމާއެކު، ރަހީނުކުރި މީހާ ސަލާމަތްކުރުމަށް ފުލުހުން އެ މީހާ ހޯދުމުގެ މަސައްކަތް ކުރަމުންދަނިކޮށް, ވިލިމާލެއިން ލޮކޭޓް ކުރެވިފައިވާ ކަމަށެވެ. އަދި އެމީހާ ސަލާމަތްކޮށް، ހޮސްޕިޓަލަށް ގެންގޮސް ފަރުވާދެވި، މިހާރު ދޫކޮށްލައިފައިވާ ކަމަށްވެސް ފުލުހުން ބުނެފައިވެއެވެ.
މި މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައިވަނީ، ބަންގްލަދޭޝްއަށް ނިސްބަތްވާ 5 މީހަކު ކަމަށާއި، އެއީ، އެމް.ޑީ ހޮސައިން (30އ) އާއި އެމް.ޑީ މެހެދި ހަސަން (34އ) އާއި އެމް.ޑީ ޝާ އަލަމް (39އ) އާއި ސަރފިފް ހަސަން (38އ) އާއި ރަސަލް (20އ) ކަމަށްވެސް ފުލުހުންގެ ބަޔާނުގައި ބުނެފައިވެއެވެ.
މި މައްސަލައާ ގުޅިގެން ހައްޔަރުކުރި މީހުންގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން ފަސްމީހުން ވެސް 15 ދުވަހަށް ބަންދުކުރުމަށް ވަނީ އަމުރުކޮށްފައެވެ. މީގެ އިތުރުން މިމައްސަލަ އިތުރަށް ތަހުގީގުކުރަމުންދާކަމށްވެސް ފުލުހުންގެ ބަޔާނުގައި ބުނެފައިވެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ