ސަރުކާރުން ކުރާ މަސައްކަތުން ކައުންސިލްތަކުގެ ފެންވަރު އިތުރަށް ރަނގަޅުވާނެ

ސަރުކާރުން ކުރާ މަސައްކަތްތަކާއެކު ކައުންސިލްތަކުގެ ފެންވަރު އިތުރަށް ރަނގަޅުވާނެ ކަމަށް ސިޓީތަކާއި އިދާރީ ދާއިރާތައް ހިންގުމާއި އާންމު މަސައްކަތްތަކާބެހޭ ވަޒީރު އާދަމް ޝަރީފް ޢުމަރު ވިދާޅުވެއްޖެއެވެ.
ސޯޝަލް މީޑިއާގައި ޙިއްސާކުރެއްވި ޕޯސްޓެއްގައި ސިޓީތަކާއި އިދާރީ ދާއިރާތައް ހިންގުމާއި އާންމު މަސައްކަތްތަކާބެހޭ ވަޒީރު އާދަމް ޝަރީފް ޢުމަރު ވިދާޅުވީ، ލާމަރުކަޒީ ނިޒާމު ހަރުދަނާކޮށް ކައުންސިލްތައް ބާރުވެރި ކުރުވުމަކީ ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒުގެ ޚާއްސަ ސިޔާސަތެއް ކަމަށެވެ.
މި މަސައްކަތްތަކުގެ ދަށުން ބާވެ ވީރާނާވެފައިވާ ކައުންސިލް އިމާރާތްތައް އައު ކުރުމުގެ މަސައްކަތްތަކާއި، ކައުންސިލްތަކުގެ ހިންގުން ހަރުދަނާ ކުރުމަށްވެސް މުހިންމު މަސައްކަތްތަކެއް ކޮށްފައިވާކަން ފާހަގަކުރެއްވިއެވެ.
މީގެއިތުރުން ވަޒީރުގެ ޕޯސްޓުގައި، ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒު ރާއްޖޭގެ ހުރިހާ ރަށަކަށް ވަޑައިގެން ރަށްރަށުގެ ކައުންސިލްތަކާއި، ރައްޔިތުންނާ ސީދާ ބައްދަލުކުރައްވާ، ކަންބޮޑުވުންތަކާ ގުޅޭގޮތުން މަޝްވަރާކޮށްފައިވާކަން ފާހަގަކުރެއްވިއެވެ.
ވަޒީރު ވިދާޅުވީ، މިފަދަ މަސައްކަތްތަކުގެ ސަބަބުން، ލޯކަލް ކައުންސިލްތަކުގެ ފެންވަރު އިތުރަށް ހަރުދަނާ ވެގެންދާނެ ކަމަށެވެ. މިސިޔާސަތާއެކު ކައުންސިލްތައް ހަރުދަނާވެ، ލާމަރުކަޒީ ނިޒާމަކީ އުއްމީދީ އަދި އުފާވެރި މުސްތަޤްބަލެއް ގެނުވާނެ ކަމެއް ކަމަށް ވިދާޅުވިއެވެ.
ރާއްޖޭގެ ލާމަރުކަޒީ ނިޒާމު ހަރުދަނާކޮށް، ކައުންސިލްތައް ބާރުވެރި ކުރުވުމަށް މި ސަރުކާރުން އަންނަނީ ގިނަ މަސައްކަތްތަކެއް ކުރައްވަމުންނެވެ. ކައުންސިލްތަކަށް ބޭނުންވާ އިދާރީ މުވައްޒަފުން ހޯދުމުގެ މަސައްކަތްތައް މިހާރު ކުރަމުން ދާއިރު، ކައުންސިލްތަކަށް ދިމާވެފައިވާ ޖާގައިގެ ދަތިކަން ޙައްލު ކޮށްދެއްވުމަށްވެސް ސަރުކާރުން އަންނަނީ ގިނަ މަސައްކަތްތަކެއް ކުރައްވަމުންނެވެ.
އެގޮތުން، ބާވެ ވީރާނާވެފައިވާ ކައުންސިލް އިމާރާތްތައް ތަރައްޤީކޮށް، ލާމަރުކަޒީ ނިޒާމު ހަރުދަނާކޮށް، ކައުންސިލްތަކުން ރައްޔިތުންނަށް ފޯރުކޮށްދޭ ޚިދުމަތްތައް ފުރިހަމައަށް ފޯރުކޮށްދިނުމަށް ސަރުކާރުން އަންނަނީ މަސައްކަތް ކުރައްވަމުންނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ