މި އަހަރުގެ ފުރަތަމަ ދިހަ ހަފުތާގެ ތެރޭގައި ދައުލަތަށް އާމްދަނީގެ ގޮތުގައި 9.3 ބިލިއަން ރުފިޔާ ލިބުނުއިރު، ހަރަދު ކުރީ 7.2 ބިލިއަން ރުފިޔާ ކަމަށް ފިނޭންސް މިނިސްޓްރީން އާންމުކޮށްފައިވާ މާލީ ތަފާސްހިސާބުތަކުން ދައްކައިފި އެވެ.
ފިނޭންސުން އާންމުކޮށްފައިވާ އެންމެ ފަހުގެ ވީކްލީ ފިސްކަލް ޑިވެލޮޕްމަންޓް ރިޕޯޓުގައިވާ ގޮތުގައި، އާމްދަނީ އާއި ހަރަދުގެ ފަރަގާ އެކީ ބަޖެޓުގެ އޯވަރޯލް ސާޕްލަސް ހުރީ 2.1 ބިލިއަން ރުފިޔާގަ އެވެ. އަދި، ފައިނޭންސިން އާއި އިންޓްރެސްޓު ހަރަދުތައް ނުލައި ޕްރައިމަރީ ބެލެންސް ހުރި 2.6 ބިލިއަން ރުފިޔާގަ އެވެ.
ސަރުކާރަށް މިހާތަނަށް ލިބުނު އާމްދަނީގެ ތެރޭގައި ހިމެނެނީ ޓެކްސްތަކުން ލިބުނު 7.7 ބިލިއަން ރުފިޔާ އާއި ޓެކްސް ނޫން އާމްދަނީގެ ގޮތުގައި ލިބުނު 1.5 ބިލިއަން ރުފިޔާ އެވެ.
ސަރުކާރުން ކުރި ހަރަދުގެ ތެރެއިން އެންމެ ގިނަ ފައިސާ މިހާތަނަށް ހަރަދުކޮށްފައި ވަނީ ސަރުކާރުގެ އިދާރީ އަދި ހިންގުމުގެ ހަރަދުތަކަށެވެ. މިހެން ނަމަވެސް އަހަރުންއަހަރަށް އަޅައިބަލާއިރު މި ހަރަދުތައް ވަނީ 4.7 ބިލިއަން ރުފިޔާއިން 3.8 ބިލިއަން ރުފިޔާއަށް ތިރިވެފަ އެވެ.
މި ފަރަގުގެ މައިގަނޑު ސަބަބަކީ ފައިނޭންސިން އަދި އިންޓްރެސްޓް ހަރަދުތައް ވަރަށް ބޮޑަށް ތިރިވެފައިވާތީ އެވެ. މިދިޔަ އަހަރުގެ ފުރަތަމަ 10 ހަފުތާގެ ތެރޭގައި މިކަމަށް 1.4 ބިލިއަން ރުފިޔާ ހަރަދުކުރިއިރު މި އަހަރު ހަރަދުކުރީ 577 މިލިއަން ރުފިޔާ އެވެ.
ހިންގުމުގެ ހަރަދުތައް ތިރިކުރެވުނު ނަމަވެސް، މުސާރަ ދިނުމުގެ ހަރަދު ކުރީ އަހަރަށް ވުރެ އިތުރެވެ. މި އަހަރުގެ މިހާތަނަށް މުސާރަ ދޭން 2.7 ބިލިއަން ރުފިޔާ ހަރަދު ކުރި އިރު ފިނޭންސުން ބުނީ މި ހަރަދު ކުރީ އަހަރަށް ވުރެ އިތުރުވީ މުސާރަތައް ހަމަހަމަކުރުމުގެ (ޕޭ ހާމަނައިޒޭޝަންގެ) ސިޔާސަތު ތަންފީޒުކުރަމުން ދާތީ ކަމަށެވެ.
ފުރަތަމަ ދިހަ ހަފުތާ ބޮޑު ސާޕްލަސްއެއްގައި ނިންމާލި ނަމަވެސް، މެދުއިރުމަތީގައި ހިނގަމުންދާ ހަނގުރާމައާ ގުޅިގެން ދައުލަތަށް މާލީ ގޮތުން ގިނަ ގޮންޖެހުންތަކަކާ ވަނީ ކުރިމަތިލާން ޖެހިފަ އެވެ. އެ ގޮތުން ހަރަދު ކުޑަކޮށް، ބަޖެޓު ފައިނޭންސް ކުރެވޭނެ އެހެން ގޮތްތަކެއް ހޯދަން ވަނީ މަޖުބޫރުވެފަ އެވެ.
ސަރުކާރުން ބުނާ ގޮތުގައި ކުރިއަށް އޮތް ދުވަސްތަކުގެ ތެރޭގައި ހަރަދު ކުޑަކުރުމުގެ ޕްލޭނެއް ރައީސް މުހައްމަދު މުއިއްޒަށް ހުށަހަޅައިގެން، އެ މަސައްކަތް ކުރާނެ ކަމަށެވެ.
މި އަހަރަށް ފާސްކޮށްފައި ވަނީ 64 ބިލިއަން ރުފިޔާގެ ބަޖެޓެކެވެ. އަދި، ސަރުކާރަށް އާމްދަނީގެ ގޮތުގައި ލިބޭނެ ކަމަށް އަންދާޒާ ކުރަނީ 40 ބިލިއަން ރުފިޔާ އެވެ.
އާމްދަނީއަށް ނުވަ ބިލިއަން ލިބުނުއިރު ބަޖެޓު ސާޕްލަސްގައި ދެ ބިލިއަން ރުފިޔާ އާމްދަނީއަށް ނުވަ ބިލިއަން ލިބުނުއިރު ބަޖެޓު ސާޕްލަސްގައި ދެ ބިލިއަން ރުފިޔާ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ