ބިންވެރިޔާ ސްކީމުގެ ގޯތި ދޫކޮށްލުމުން ފްލެޓަށް ކުރިމަތިލެވޭ ގޮތް ހަދައިދޭނަން: ރައީސް
މިދިޔަ ސަރުކާރުގެ 'ބިންވެރިޔާ' ސްކީމުގެ ދަށުން މާލެ ސަރަހައްދުން ގޯތި ލިބިފައިވާ ފަރާތްތަކުގެ ތެރެއިން، ގޯތި ދޫކޮށްލުމަށްފަހު ސަރުކާރުން އަޅާ ފްލެޓަށް ކުރިމަތިލާން ބޭނުންވާ މީހުންނަށް އެ ފުރުސަތު ފަހިކޮށްދޭން ނިންމާފައިވާ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު މިއަދު ވިދާޅުވެއްޖެއެވެ. ރައީސް އޮފީހުގައި އޮތް ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަފުޅުދައްކަވަމުން ރައީސް ވިދާޅުވީ، ބިންވެރިޔާ ސްކީމުން ގޯތި ލިބުނު ގިނަ ރައްޔިތުންތަކެއް، އެ ގޯތިތައް ދޫކޮށްލުމަށްފަހު މި ސަރުކާރުން އަޅަން މަސައްކަތްކުރާ ފްލެޓުތަކަށް ކުރިމަތިލެވިދާނެތޯ އެދެމުން އަންނަ ކަމަށެވެ. ރައީސް ފާހަގަކުރެއްވި ގޮތުގައި ގޯއްޗަކީ އަމިއްލައަށް އިމާރާތްކުރަން ޖެހޭ ތަނަކަށްވާއިރު، ފްލެޓަކީ އަޅާ ނިމުމުން ވަރަށް ފަސޭހައިން ދިރިއުޅެން ފެށޭނެ ތަނެކެވެ. އަދި ގުޅިފަޅާއި ގިރާވަރުފަޅުން ގޯތި ދީފައިވީ ނަމަވެސް، އެ ތަންތަނުގައި ކަރަންޓާއި، ފެނާއި، ނަރުދަމާއާއި މަގުތައް ފަދަ އިންފްރާސްޓްރަކްޗާ ގާއިމްކުރުމަށާއި އެ ނޫނަސް ކުރަން ހުރި މަސައްކަތްތައް ކުރަން ވަގުތު ނަގާނެކަމަށެވެ. އެހެންވެ ވަރަށް ގިނަ ރައްޔިތުން ކަންބޮޑުވުން ފާޅުކުރަމުންދާ ކަމަށް ރައީސް ވިދާޅުވިއެވެ. 30 މާރިޗު 2026: ރައީސް މުއިިއްޒު ބޭއްވެވި ނޫސްވެރިންގެ ބައްދަލުވުމުގައި -- ފޮޓޯ: ރައީސް އޮފީސް ނަމަވެސް، ރައީސް ވިދާޅުވީ ގޯތި ލިބިފައިތިބި މީހުންނަކީ ކުރިން އެއްވެސް ތަނަކުން ބޯހިޔާވަހިކަމެއް ލިބިފައި ނެތް މީހުންނަށް ވުރެ ރަނގަޅު ހާލަތެއްގައި ތިބި ބަޔަކަށް ވުމުން، ފްލެޓަށް ކުރިމަތިލުމުގެ ފުރުސަތު ދިން ނަމަވެސް އެ ހާލަތަށް ރިއާޔަތް ކުރާނެ ކަމަށެވެ. މި ފުރުސަތު ހުޅުވާލުމަށް ޓަކައި ޕޯޓަލްގެ ތެރެއިން ޖާގަ ހަދަން ވަގުތުކޮޅެއް ނަގާނެކަން ރައީސް ފާހަގަކުރެއްވިއެވެ. "ކުރިއަށް އޮތް ދެ ހަފްތާގެ ތެރޭގައި އެންމެ ލަސްވެގެން ނިންމާފައި، ބިންވެރިޔާ ސްކީމްގެ ތެރެއިން [މިދިޔަ ވެރިކަމުގައި] ގޯތި ލިބިފައި ތިބި ފަރާތްތަކަށް އެ ގޯތިތައް ދޫކޮށްލާފައި ފްލެޓު ހޯދުމުގެ ފުރުސަތު ހުޅުވާލާނަން،" އެ މަނިކުފާނު ވިދާޅުވި އެވެ. މި ސަރުކާރުން ވެސް އަންނަނީ ގިނަ އަދަދެއްގެ ފްލެޓް އެޅުމަށް ޓަކައި މަސައްކަތް ކުރަމުންނެެވެ. ސަރުކާރަށް އެއް އަހަރު ފުރުން ފާހަގަކުރުމަށް ސޯޝަލް ސެންޓަރުގައި ބޭއްވި ރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުއިއްޒު ވަނީ މިދިޔަ އަަހަރު މާލެއާއި އަތޮޅުތެރޭގެ ރަށްތައް ހިމެނޭހެން 27،000 އަށްވުރެ ގިނަ ހައުސިން ޔުނިޓު އަޅަން ފަށާނެކަން އިއުލާނުކުރައްވާފައެވެ. އެގޮތުން، މާލެ ސަރަހައްދުގައި 15،000 ހައުސިން ޔުނިޓު އެޅުމަށާއި ރަށްތަކުގައި 12،940 ހައުސިން ޔުނިޓު އަޅަން ރައީސް ވަނީ ނިންމަވާފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ