ހަކަތައިގެ ކާރިސާއަކީ އަސްލެއް؛ އޭޝިޔާ ގައުމުތަކުން ކޮން ފިޔަވަޅެއް؟

އިރާނުގެ ހަނގުރާމައާ ގުޅިގެން މުޅި އޭޝިއާ ބައްރު މިވަނީ ހަކަތައިގެ ބޮޑު ކާރިސާއަކާ ކުރިމަތިލާން ޖެހިފަ އެވެ. ތެލާއި ގޭހުގެ ބޮޑު ބައެއް އޭޝިއާއަށް ފޯރުކޮށްދިނުމުގައި ބޭނުންކުރާ މައި ދޮރޯށި، 'ހޮރްމޫޒް ކަނޑުއޮޅި' ބަންދުވުމުގެ ބިރާއެކު، އޭޝިއާގެ ގައުމުތަކުގެ އިގްތިސާދަށް ވަނީ ބޮޑެތި ލޮޅުންތަކެއް އަރަން ފަށާފަ އެވެ.
މިއީ އެ ކާރިސާގެ އިގްތިސާދާ ނުރައްކާތަކާއި އެ ކަމުގެ ތުރާލާއި ވޭނުން ރައްޔިތުން ސަލާމަތްކުރަން އޭޝިއާގެ ގައުމުތަކުން މިހާރު އަޅަމުން އަންނަ ފިޔަވަޅުތަކެވެ. 
އޭގެ ބައެއް ފިޔަވަޅުތަކަކީ ސިޔާސީ، ރަމްޒީ ފިޔަވަޅުތަކެއް ކަމަށް ދިވެހި ސަރުކާރުން ބުނި ނަމަވެސް، އެއީ އެ ގައުމުތަކުން ހިސާބުތަކުގެ މައްޗަށް ބަލާ ނިންމާފައިވާ ދިގު މުއްދަތުގައި މަންފާ ކުރާނެ ފިޔަވަޅުތަކެކެވެ. އެގޮތުން އޭޝިޔާގެ ގައުމުތަކުގެ ސަރުކާރުތަކުން ސިޔާސަތު ބައްޓަންކޮށްފައި ވަނީ ދެ ކަމަކަށް ހައްލު ހޯދުމަށެވެ. އެއީ: 
ތެޔޮ އިގްތިސާދުކޮށް ހަރަދުކުޑަކުރުން: މީގެ ބޭނުމަކީ ތެޔޮ ބޭނުންކުރަން ޖެހޭ ވަރު މަދުކޮށްގެން ތެޔޮ ގަންނަން ޖެހޭވަރު މަދުކޮށް ބޮޑުވެފައިވާ ތެލުގެ އަގަށް ފައިސާ ރައްކާކުރުން ނުވަތަ ލުއި ގޮތްތަކެއް ހޯދަން ފަސޭހަކުރުން
ހަކަތައިގެ އަގުބޮޑުވުން ގައުމީ ލެވަލްއެއްގައި ކޮންޓްރޯލްކޮށް އިންފްލޭޝަން މައިތިރިކުރުން: އިންފްލޭޝަން ނުވަތަ ތަކެތީގެ އަގު ދަށްކުރުމަށް ތެލުގެ އަގު އެއްވަރެއްގައި ހިފެހެއްޓުމަށް މާލީ ސިޔާސަތަށް ބަދަލު ގެނައުން
ހަކަތައިގެ ސަލާމަތްތެރިކަން ކަށަވަރުކުރުމަކީ މިވަގުތު ސަރުކާރުތަކަށް އޮތް އެންމެ ބޮޑު ގޮންޖެހުމެވެ. އެހެންކަމުން ބައެއް ގައުމުތަކުން ވަނީ ގައުމީ ފެންވަރުގައި ހަރުކަށި ފިޔަވަޅުތަކެއް އަޅަން ފަށާފަ އެވެ. އެގޮތުން: 
ފިލިޕީންސް: އެ ގައުމަކީ ހަކަތައިގެ ކުއްލި ހާލަތު ނުވަތަ 'ނޭޝަނަލް އެނާޖީ އިމަޖެންސީ' އިއުލާންކުރި ފުރަތަމަ ގައުމެވެ. އޭގެ ބޭނުމަކީ ތެލުގެ އަގު ކޮންޓްރޯލްކުރުމާއި ރައްޔިތުންނަށް ހަމަހަމަކޮށް ތެޔޮ ފޯރުކޮށްދިނުމުގެ ބާރު ސަރުކާރަށް ދިނުމެވެ. 
"މުޅި ދުނިޔެއަށް ކުރިމަތިވެފައިވާ މި ހަކަތައިގެ ކާރިސާގެ ތެރެއިން، ފިލިޕީންސްގެ ރައްޔިތުންނަށް މެދުކެނޑުމެއްނެތި ހަކަތަ ފޯރުކޮށްދިނުން ކަށަވަރުކުރުމަކީ ސަރުކާރުގެ އެންމެ ބޮޑު އަމާޒު. މިކަމުގައި އަޅަންޖެހުނު ކޮންމެ ފިޔަވަޅެއް އަޅަން ސަރުކާރު އޮތީ ތައްޔާރަށް،" އެކަން އިއުލާން ކުރައްވަމުން ފިލިޕީންސްގެ ރައީސް ފާޑިނަންޑް މާކޯސް ޖޫނިއާ ވިދާޅުވެފައިވެ އެވެ. 
ދެކުނު ކޮރެއާ: ސިނާއީ ބޮޑު ބާރެއް ކަމަށްވާ ދެކުނު ކޮރެއާއިން ވަނީ ހަކަތައާ ބެހޭ ހާއްސަ ޓާސްކް ފޯހެއް އެކުލަވާލައި އެ ގައުމަށް ތެޔޮ އެތެރެކުރުން ހުއްޓިއްޖެ ހާލަތެއްގައި އަމަލުކުރާނެ ކުއްލި ޕްލޭންތައް އެކުލަވާލައި ތަންފީޒުކުރަން ފަށާފަ އެވެ.
"ތެލުގެ ސަޕްލައިއަށް އަތުވެދާނެ ކޮންމެ ހުއްޓުމަކަށް އަޅުގަނޑުމެން މިތިބީ ފުރިހަމައަށް ތައްޔާރުވެގެން. ކުއްލި ހާލަތުގެ ޕްލޭންތައް ތަންފީޒުކުރަން މިހާރު ވަނީ އަމަލީ ގޮތުން ފަށާފައި. އަދި ބަދަލުގައި ތެޔޮ ލިބޭނެ އެހެން މާކެޓުތައް ވެސް މިދަނީ ހޯދަމުން،" ދެކުނު ކޮރެއާގެ މިނިސްޓްރީ އޮފް ޓްރޭޑް، އިންޑަސްޓްރީ އެންޑް އެނާޖީގެ ތަރުޖަމާނު ވިދާޅުވެފައިވެ އެވެ.
ތެލާއި ކަރަންޓު އިގްތިސާދު ކުރުމުގެ ގޮތުން، އޭޝިޔާގެ ގިނަ ގައުމުތަކުގައި މިހާރު ވަނީ ސަރުކާރުތަކުން އާ ސިޔާސަތުތަކެއް ކަނޑައަޅައިފަ އެވެ. އެ ސިޔާސަތުތަކަ އެކު ގިނަ ގައުމުތަކެއްގެ ރައްޔިތުންގެ އާންމު ދިރިއުޅުމަށް މިވަނީ ބޮޑެތި ބަދަލުތަކެއް ގެންނަން މަޖުބޫރުވެފަ އެވެ.
މަސައްކަތްކުރާ ދުވަސްތައް މަދުކުރުން: ފިލިޕީންސް، ޕާކިސްތާން އަދި ލާއޯސް ފަދަ ގައުމުތަކުން ވަނީ ސަރުކާރުގެ އޮފީސްތަކުގެ މަސައްކަތު ދުވަސްތައް ހަފްތާއަކު 4 ދުވަހަށް ކުރުކޮށްފަ އެވެ.
ގޭގައި ތިބެގެން މަސައްކަތްކުރުން: ވިއެޓްނާމް، މިއަންމާ އަދި ސްރީލަންކާގައި ވަނީ މުވައްޒަފުން ގޭގައި ތިބެގެން މަސައްކަތްކުރުމަށް އަންގާފަ އެވެ.
ތެލުގެ އަގު އުފުލި، އޭޝިއާގެ ގައުމުތަކުގެ މާލީ ސިޔާސަތުތަކަށާއި ތެލުގެ ސަބްސިޑީއަށް ބޮޑެތި ބަދަލުތަކެއް ގެންނަން ވަނީ މަޖުބޫރުވެފަ އެވެ. ގިނަ އަދަދަކަށް ތެޔޮ އިމްޕޯޓްކުރާ އޭޝިއާގެ ގައުމުތަކުން ދަނީ ދައުލަތުގެ ބަޖެޓަށް ކުރާ ބާރު ކުޑަކުރުމަށާއި އިގްތިސާދީ ހަމަޖެހުން ހިފެހެއްޓުމަށް ތަފާތު ފިޔަވަޅުތައް އަޅަމުންނެވެ. 
ހާއްސަކޮށް، ތަކެތީގެ އަގު އުފުލުން ނުވަތަ އިންފްލޭޝަން ކޮންޓްރޯލް ކުރުމަށްޓަކައި މާކެޓަށް ސީދާ ބާރު ފޯރުވުމުގެ މަސައްކަތްތައް ވެސް ސަރުކާރުންތަކުން ދަނީ ކުރަމުންނެވެ. އެގޮތުން: 
ސަބްސިޑީ ކޯޓާ ކުޑަކުރުމާއި ޓާގެޓެޑް ސަބްސިޑީ
އެންމެންނަށް އާންމުކޮށްދޭ ސަބްސިޑީތައް ކުޑަކޮށް، ހަމައެކަނި ބޭނުންޖެހިފައިވާ ފަރާތްތަކަށް އެހީތެރިކަން ފޯރުކޮށްދިނުމުގެ ސިޔާސަތަކަށް ގައުމުތަކުން ދަނީ މިސްރާބު ޖަހަމުންނެވެ. މިގޮތުން: 
މެލޭޝިއާއިން ވަނީ އޭޕްރީލް 2026 އިން ފެށިގެން، އާންމުންނަށް ސަބްސިޑީ ދީފައިވާ 'އާރުއޯއެން 95' ޕެޓްރޯލް ދޫކުރާ މިންވަރު މަހަކު 300 ލީޓަރުން 200 ލީޓަރަށް ކުޑަކުރަން ނިންމާފައި. ނަމަވެސް، އިގްތިސާދަށް މުހިންމު ޓެކްސީ އަދި ޑެލިވަރީ ކުރާ ފަރާތްތަކަށް މަހަކު 800 ލީޓަރުގެ ހާއްސަ ކޯޓާއެއް ދޫކުރަން ވަނީ ހަމަޖައްސާފައި. 
ބޭނުމަކީ ތަކެތީގެ އަގު ބޮޑުވާން އެހީވެދޭ ދަތުރުފަތުރާއި މުދާ އުފުލުން ފަދަ ހިދުމަތްތަކުގެ އަގު ބޮޑުވުން ކޮންޓްރޯލް ކުރުން
"ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު އުފުލުމާއެކު، ސަބްސިޑީއަށް ދައުލަތުން ކުރަންޖެހޭ ހޭދަ އިންތިހާއަށް ބޮޑުވެއްޖެ. ނަމަވެސް އާންމު ރައްޔިތުންނާއި ކުދި ވިޔަފާރިތައް ހިމާޔަތްކުރުމަށްޓަކައި ސަރުކާރުން މި ބުރަ އުފުލާނަން،" މެލޭޝިއާގެ ބޮޑުވަޒީރު އަންވަރު އިބްރާހީމް ވިދާޅުވެފައިވެ އެވެ. 
ތައިލެންޑުން ވަނީ:
އާންމު ދަތުރުފަތުރާއި މުދާ އުފުލުމުގެ އަގު އުފުލުނަ ނުދިނުމަށް ޑީސަލްގެ އަގަށް ޕްރައިސް ކެޕެއް ކަނޑައަޅާފައި 
ވިއެޓްނާމުން ދަނީ:
ތެލުގެ އަގު ކުއްލިއަކަށް އުފުލުނަ ނުދިނުމަށްޓަކައި ދައުލަތުގެ 'ޕްރައިސް ސްޓެބިލައިޒޭޝަން ފަންޑު' ގެ ބޭނުން ހިފަމުން
ޖަޕާނުން ވެސް ވަނީ:
ޕެޓްރޯލްގެ އަގު ލީޓަރެއް 170 ޔެން ގައި ހިފެހެއްޓުމަށްޓަކައި ރިޒާވް ފަންޑުން 800 ބިލިއަން ޔެންގެ ބޮޑު ސަބްސިޑީއެއް ދޭން ނިންމާފައި 
ފިސްކަލް ޑެފިސިޓްގެ ނުރައްކަލާއި ބަޖެޓު ބޮޑުކުރުން
ބައެއް ގައުމުތަކުން އިންފްލޭޝަން ކޮންޓްރޯލް ކުރުމަށްޓަކައި ސަބްސިޑީ އަށް ކުރާ ހޭދަ ދަނީ ބޮޑުކުރަމުންނެވެ. އިންޑޮނޭޝިއާއިން ވަނީ ރައްޔިތުންގެ ދިރިއުޅުމުގެ ފެންވަރު ހިފެހެއްޓުމަށް ތެލުގެ އަގު ބޮޑުނުކޮށް، ސަބްސިޑީ ބަޖެޓު އިތުރުކުރަން ނިންމާފަ އެވެ. މިކަމުގެ ސަބަބުން:
އެ ގައުމުގެ ބަޖެޓް ޑެފިސިޓް ނުވަތަ ބަޖެޓް ދަރަނިވާވަރު ގާނޫނީ ލިމިޓް ކަމަށްވާ ގައުމީ އުފެއްދުންތެރިކަން ޖީޑިޕީގެ %3އަށް ވުރެ މައްޗަށް ދިޔުމުގެ ބިރު ވަނީ ހީވެފައި
މި ކާރިސާއަކީ އޭޝިއާގެ ގައުމުތަކަށް ހޭލަން ލިބުނު ވަރުގަދަ ރަނގަބީލެކެވެ. މިއާއެކު، ބޭރުގެ ތެލަށް ބަރާސާވާ މިންވަރު ކުޑަކުރުމަށް ގައުމުތަކުން ވަނީ ދިގު ރާސްތާގެ ޕްލޭންތަކަށް އަމަލުކުރަން ފަށާފަ އެވެ. އެގޮތުން:
އިއާދަކުރަނިވި ހަކަތަ: އިންޑޮނޭޝިއާ އަދި ވިއެޓްނާމުން އަންނަނީ އިރުގެ އަލިންނާއި ވައިން ކަރަންޓު އުފެއްދުމުގެ ބޮޑެތި މަޝްރޫއުތައް އަވަސްކުރަމުން
ނިއުކްލިއާ ހަކަތަ: ޖަޕާނާއި ޗައިނާއިން ވަނީ، މެދުއިރުމަތީގެ ހަލަބޮލިކަމުން ސަލާމަތްވުމަށްޓަކައި، އެ ގައުމުތަކުގެ ނިއުކްލިއާ ޕަވާ ޕްލާންޓްތައް އިތުރަށް ތަރައްގީކޮށް ބޭނުންކުރުން އިތުރުކުރަން ނިންމާފައި
"މިއީ އަޅުގަނޑުމެންގެ ހަކަތައިގެ ސިޔާސަތު މުރާޖާކޮށް، ފޮސިލް ފިއުލްއަށް ބަރާސާވާ މިންވަރު ކުޑަކުރަން ލިބުނު ފުރުސަތެއް. ޖަޕާނުގެ އަމާޒަކީ އަމިއްލައަށް އުފައްދާ ހަކަތައިން ގައުމު ހިންގޭނެ މަގު ތަނަވަސްކުރުން،" ޖަޕާނުގެ ކެބިނެޓް ސެކްރެޓަރީ ވިދާޅުވެފައިވެ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ