މަޖިލިސް ސުޕަމެޖޯރިޓީ ލިބެނީ ސުޕަމެޖޯރިޓީ ވޯޓަކުންނެއް ނޫން: އައިމަން

ވެރިކަންކުރާ މައި ޕާޓީން މިދިޔަ ދެ ފަހަރު ރައްޔިތުންގެ މަޖިލީހުގެ ސުޕަމެޖޯރިޓީ ހޯދަނީ ރައްޔިތުންގެ ސުޕަމެޖޯރިޓީ ވޯޓަކުން ނޫން ކަމަށް، އިންސާނީ ހައްގުތަކަށް ވަކާލާތުކުރައްވާ އަދި އިންތިހާބީ ނިޒާމުތައް ދިރާސާކުރައްވާ އައިމަން ރަޝީދު ރޭ ވިދާޅުވެއްޖެ އެވެ.
ވީކިހިނެއް؟ - އައިމަން މިހެން ވިދާޅުވީ، ރިޔާސީ އިންތިހާބާއި ރައްޔިތުންގެ މަޖިލީހުގެ އިންތިހާބު އެކުގައިި ބޭއްވުމާ ގުޅޭ ގޮތުން ނަގާ ހިޔާލު ހޯދުމުގެ ވޯޓާ ގުޅޭ ފޯރަމެއްގައި ރޭ ވާހަަކަ ދައްކަވަމުންނެވެ. އެއީ ރޭ މީރުމާ ހޯލުގައި '1+1 ކީއްކުރަން؟' ނަމުގައި ބޭއްވި ފޯރަމެކެވެ.
ތަފްސީލް - އައިމަން ފާހަަގަކުރެއްވި ގޮތުގައި، މިދިޔަ މަޖިލިސް އިންތިހާބުގައި ވޯޓު ދީފައިވާ ގޮތަކީ:
އެމްޑީޕީއަށް 2019 ވަނަ އަހަރުގެ މަޖިލިސް އިންތިހާބުގައި ވޯޓު ދެނީ %46.8 މީހުން
 ޕީއެންސީއަށް 2024 ވަނަ އަހަރު މަޖިލިސް އިންތިހާބުގައި ވޯޓު ދެނީ %47.5 މީހުން
ބުނީ ކީކޭ؟ - "ވަރަށް ބޮޑު ކުށް ހީއެއް އެއީ ރައްޔިތުންގެ ވަރަށް ބޮޑު ތާއީދަކާ އެކީގައޭ ސަރުކާރަށް ރައްޔިތުންގެ މަޖިލީހުގެ ސުޕަމެޖޯރިޓީ ލިބެނީ. ރަައްޔިތުން ލާ ވޯޓާއި ރައްޔިތުންގެ މަޖިލީސް އުފެދިގެން މި އަންނަ ގޮތަކާ އެއްގޮތަކަށް ވެސް ދިމައެއް ނުވޭ،" އައިމަން ވިދާޅުވި އެވެ.
ރައްޔިތުންގެ މަޖިލީހަށް އިންތިހާބު ކުރަނީ ކުރިމަތިލާ ކެންޑިޑޭޓުންގެ ތެރެއިން އެންމެ ގިނައިން ވޯޓު ލިބޭ ކެންޑިޑޭޓަކަށް ގޮނޑި ލިބޭ ގޮތަށެވެ. އެހެން ވެއްޖެ ނަމަ، ތިން މީހުން ކުރިމަތިލައިގެން ހަމަހަމަކޮށް ވޯޓު ލިބިގެން، %34 ވޯޓުން ދާއިރާއެއް ކާމިޔާބުކުރެވިދާނެ އެވެ.
އިންތިހާބީ ނިޒާމު މި ހިނގާ ގޮތުން ސިޔާސީ ޕާޓީއަކަށް ރައްޔިތުންގެ %34 ވޯޓުން ވެސް މަޖިލީހުގެ ސުޕަމެޖޯރިޓީ ހޯދުމުގެ ފުރުސަތު އެބަ އޮތް ކަމަށް އައިމަން ވިދާޅުވި އެވެ. އޭނާ ވިދާޅުވީ އިންތިހާބު އޮންނަ ތާރީހު ބަދަލުކޮށްގެން އެކަނި އެ ކަމަށް ހައްލެއް ނުލިބޭނެ ކަމަށެވެ.
"ފަސްޓް ޕާސް ދަ ޕޯސްޓް [ކުޑަ ޕަސެންޓަކުން ވެސް އެންމެ ގިނަ ވޯޓު ލިބޭ މީހާއަށް ގޮނޑި ކާމިޔާބުވާ ނިޒާމު] އޮންނަހާ ހިނދަކު، ތިއަރެޓަކީ ޕޮސިބަލް [ފުރުސަތު އޮތް ކަމެއް]، އެއް ސިޔާސީ ޕާޓީއަކަށް މަޖިލީހުގެ %100 ގޮނޑި ލިބެން ރައްޔިތުންގެ %25 ވޯޓާ އެކީ ވެސް. %30 ވޯޓާ އެކީ ވެސް،" އައިމަން ވިދާޅުވި އެވެ.
މަޖިލީހުގެ ސުޕަމެޖޯރިޓީ ލިބުމުން ރައްޔިތުންގެ ތާއީދު ވަރަށް ބޮޑަށް ރައީސަށް އޮންނަ ކަމަށް ހީވި ނަމަވެސް އޭގެ ހަގީގަތަކީ އެ ހީކުރާ ވަރުގެ ތާއީދެއް އެއްވެސް އިރެއްގައި ރައީސަށް ނޯންނަކަން ކަމަށް އައިމަން ވިދާޅުވި އެވެ.
ދުނިޔޭގެ ވަރަށް ގިނަ ޑިމޮކްރެޓިކް ގައުމުތަކުގައި ދާއިރާ ތަމްސީލްކުރާ މެންބަރުގެ ވޯޓުގެ އިތުރުން ތާއީދުކުރާ ސިޔާސީ ފިކުރުގެ ޕާޓީއަށް ވެސް ވޯޓު ލެވޭ ނިޒާމު ނުވަތަ މިކްސްޑް މެންބަރު ޕްރޮޕޯޝަނަލް ރެޕްރެޒެންޓޭޝަން (އެމްއެމްޕީ) ނިޒާމު އައިމަން ފާހަގަކުރެއްވި އެވެ. ނުވަތަ ދާއިރާތަކުގެ ވޯޓުގައި ޕާޓީއަށް ވޯޓު ލިބޭ ނިސްބަތުން މަޖިިލީހުގެ ގޮނޑިތައް ކަނޑައެޅޭ ގޮތަށް ވެސް ހެދިދާނެ ކަމަށް އައިމަން ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ މަޖިލީހުގެ އޮނިގަނޑަށް މިފަދަ އިންގިލާބީ ބަދަލުތަކެއް ގެނެސްގެން ނޫނީ ސުޕަމެޖޯރިޓީ ނޯންނާ ހަމަހަމަ މަޖިލީހެއް ނުލިބޭނެ ކަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ