ލ.އަތޮޅުގައި އާރުޓީއެލް ފެރީގެ ޚިދުމަތް ފަށައިފި

ލ.އަތޮޅުގައި އާރުޓީއެލް ފެރީގެ ޚިދުމަތް ފަށައިފިއެވެ. މިކަމަށްޓަކައި ލ.ފޮނަދޫގައި ބޭއްވި ޚާއްސަ ރަސްމިއްޔާތުގައި ޚިދުމަތް ފައްޓަވައިދެއްވީ، ފަތުރުވެރިކަމާއި ތިމާވެއްޓާ ބެހޭ ވަޒީރު ޡާރިޤު އިބްރާހީމެވެ.
އާރުޓީއެލް ޚިދުމަތް ކޮންމެ އަތޮޅެއްގައިވެސް ފަށަނީ، އެއް ހަފުތާއަށް އެ އަތޮޅެއްގެ ރައްޔިތުން އަހުލުވެރި ކުރުމަށް ހިލޭ ދަތުރުކުރެވޭ ގޮތަށް ޚިދުމަތް ދިނުމަށް ފަހުއެވެ. އޭގެ ފަހުން އަތޮޅުގެ އެކި ރޫޓުތަކާއި އެހެން އަތޮޅުތައް ގުޅުވާލެވޭ ރޫޓުތަކުގައި އަގު ނަގަން ފަށައެވެ. މި ޚިދުމަތް ދެނީ، ސަރުކާރުން ސަބްސިޑައިޒު ކުރާ ގޮތަށް ހެޔޮ އަގެއްގައެވެ. އެހެންކަމުން ލ.އަތޮޅުގައިވެސް މި ޚިދުމަތް ދިނުމަށް ހަމަޖެހިފައިވަނީ މި އުޞޫލުންނެވެ. މި އަތޮޅުގައި ޚިދުމަތް ދިނުމަށް 2 ލޯންޗު ބޭނުން ކުރެއެވެ. އެއީ، 48 މީހުންގެ ޖާގައިގެ ޒަމާނީ ލޯންޗުތަކެކެވެ. މީގެ ތެރެއިން 4 ޖާގަ ޚާއްސަކޮށްފައިވަނީ، އެކި ކަހަލަ ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށެވެ. މި ލޯންޗުތަކަކީ، އިންޑިއާ ސަރުކާރުގެ އެހީގައި ބަނދެފައިވާ ލޯންޗުތަކެކެވެ. ހުކުރު ދުވަސް ފިޔަވާ ކޮންމެ ދުވަހަކުވެސް މި ޚިދުމަތް ލިބޭނެއެވެ.
މި ޚިދުމަތް ފެށުމުގެ ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ފަތުރުވެރިކަމާއި ތިމާވެއްޓާ ބެހޭ ވަޒީރު ޡާރިޤް އިބްރާހީމް ވިދާޅުވީ، އާރުޓީއެލް ފެރީގެ ޚިދުމަތް މިހާރު ނުފެށި ހުރި އަތޮޅުތަކުގައި އެ ޚިދުމަތް ވީހާވެސް އަވަހަށް ފެށުމަށް މަސައްކަތް ކުރައްވަމުންދާ ކަމަށެވެ. ވަޒީރު ވިދާޅުވީ، ސަރުކާރުގެ އަމާޒަކީ ވީހާވެސް އަވަަހަކަށް ރާއްޖޭގެ ހުރިހާ ރަށެއްގައި މި ޚިދުމަތް ފަށާ ދަތުރުފަތުރުގެ ނިޒާމުން ގުޅުވާލުން ކަމަށެވެ. މިފަދަ މަޝްރޫޢުތައް ކުރިއަށް ގެންދިޔުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވަރަށް ބޮޑަށް އިސްކަމެއް ދެއްވާ ކަމަށް ވަޒީރު ވިދާޅުވިއެވެ. މި ޚިދުމަތަކީ، އެއްރަށުން އަނެއް ރަށަށް ދަތުރު ކުރުމަށާއި، ލޯކަލް ޓުއަރިޒަމްއަށްވެސް ފަސޭހަވެގެންދާނެ ކަމެއް ކަމަށްވެސް ވަޒީރު ވިދާޅުވިއެވެ.
"ހުރިހާ ރަށެއް ގުޅުވާލުމުން އިޤްތިޞާދީ ގޮތުން މިއަށްވުރެ ބޮަޑަށް ކުރިއަރައިގެންދާނެ. ފެރީ ސިސްޓަމްތަކަށް ޚާއްސަ ސަމާލު ކަމެއްދީގެން މި ހިންގަނީ." ފަތުރުވެރިކަމާއި ތިމާވެއްޓާ ބެހޭ ވަޒީރު ޠާރިޤް އިބްރާހިމް ވިދާޅުވިއެވެ.
އާރްޓިއެލްގެ ޚިދުމަތް ފެށީ، 2022ވަނަ އަހަރުގައެވެ. ދަތުރުފަތުރުގެ ދާއިރާއިން ޚާއްޞަ އިސްކަމެއް ދޭ މަސައްކަތްތަކުގެ ތެރެއިން، ކަނޑައަޅާފައިވާ ތާވަލާ އެއްގޮތަށް މި ސަރުކާރުންވެސް އަންނަނީ، މި މަސައްކަތް ކުރިއަށް ގެންދަމުންނެވެ. އެގޮތުން މިއަދު ފެށި ޚިދުމަތާއެކު މިހާތަނަށް މި ޚިދުމަތް 15 އަތޮޅެއްގައި ވަނީ ދޭން ފަށާފައެވެ. އެއާއެކު މިހާރު 145 ރަށަކަށް ދަނީ މި ޚިދުމަތް ލިބެމުންނެވެ. މިހާރު މި ޚިދުމަތް ނުފެށި ވަނީ، މ.އަތޮޅުގެ އިތުރުން ޒޯން 3 ގައި ހިމެނޭ ކ، އއ، އދ އަދި ވ. އަތޮޅުގައެވެ. މިއަހަރު މެދާއި ހަމައަށް ދާއިރު، މި ޚިދުމަތް ރާއްޖޭގެ ހުރިހައި އަތޮޅެއްގައި ޤާޢިމުކޮށް ނިންމުމަކީ ސަރުކާރުގެ އަމާޒެކެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ